މިއަހަރު ސެޕްޓެމްބަރުގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު އިންޓަރނޭޝަނަލް މިންގަނޑުގައި ފްރީ އެންޑް ފެއާނެސްކޮށް އިލެކްޝަންސް ކޮމިޝަނުން ބާއްވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ހާމަކުރައްވައިފައިވާ ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ދެހާސް އަށްވަނަ އަހަރާއި ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވައިދިން މިންގަނޑުގައި ދެހާސް އަށާވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް އިލެކްޝަންސް ކޮމިޝަނުން ބާއްވައި ދެއްވަންޖެހޭނެ ކަމަށެވެ.
"ފްރީ އެންޑް ފެއާނެސް އަކީ އިންތިޚާބުގައި ވޯޓުލުން ފްރީވުމެއްނޫން. އެއީ ރެލީ ބޭއްވުމާއި، ކެންޕޭން ކުރުމާއި، އެފަދަ ހަރަކާތްތައް ހިންގުން ހުރިހާ ކެންޑިޑޭޓުންނަށް އެއްވަރަކަށް އޮންނަންޖެހޭނީ. ލޯކަލް ކައުންސިލް އިންތިޚާބުގައި ފެނުނު ފެއާނޫންތަން ވެސް. އެއީ ކެންޕޭން ކުރުމަށް މާލޭގެ ތަންތަނުން ޖާގަ ދިނުމުގައި ހިފެހެއްޓުންތައް ބައިވަރު. މިފަހަރު އެހެން ނުވާނެކަމަށް އުންމީދު ކުރަން،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އިލެކްޝަންސްކޮމިޝަން (އީސީ) އިން ކަނޑައަޅައިފައިވާ ތާރީޚުތައް ބަދަލުނުކޮށް މިހާރު ކަނޑައަޅައިފައިވާ ގޮތަށް ކަންކަން ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ތާރީޚުތައް މިހާރު އެއޮތް ގޮތްނޫން ގޮތްގޮތަށް ބަދަލުކުރާ ކަމަށްވާނަމަ ހުރިހާ ކަމަކަށްވެސް ދަތިވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން ކެންޕޭން ކުރުމަށާއި އެހެނިހެން މަސައްކަތްތަކަށް ވެސް ދަތިވާނެ ކަމަށް ވިދާޅުވިއެވެ. "އެހެންވީމާ އިލެކްޝަންސް ކޮމިޝަނުން އެ އިއުލާން ކުރެއްވި ގޮތަށް އެތާރީޚުތަކުގައި ކަންކަން ކުރައްވާނެ ކަމަށް އަހަރެން އުންމީދުކުރަނީ. ފަހުގަޑީގައި ބަދަލު ނުކުރާނެ ކަމަށް އުންމީދުކުރަން،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ކެންޕޭން ފަށައި އެކަންކަން ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރައްވައިފައިވާ ތާރީޚުތަކާ އެއްގޮތަށް ކަމަށެވެ. "ތާރީޚުތައް އިއުލާން ކުރެއްވުމުން އަހަރެމެން ކެންޕޭނާއި އެހެނިހެން ކަންކަން "ގިޔަރުކުރާނީ" އެއާއެއްކޮށް. ފަހުވަގުތު ތާރީޚުތައް ބަދަލުކޮށްފިއްޔާ އަހަރެމެންނަށް އުދަގޫވާނެ. އެހެންވީމާ އުންމީދު ކުރަނީ އެހެންނުވާނެ ކަމަށް،" އުމަރު ވިދާޅުވިއެވެ.