ހެއްވާ: ދިދަ ނަގަން ދިއުން

އަޅުގަނޑު އެ ދުވަސްވަރު ވަޒީފާ އަދާ ކުރީ ސްޕޯރޓްސް ޑިވިޜަނުގައެވެ. ސްޕޯރޓްސް ޑިވިޜަން އޭރު ހުންނަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުގައެވެ. ރަސްމީ ހުރިހައި ކުޅިވަރެއް އެ ދުވަސްވަރު ބާއްވަނީ ގަލޮޅު ބޯޅަ ދަނޑުގައި ކަމަށް ވާތީ ސްޕޯރޓްސް ޑިވިޜަން ބަންދު ދުވަހެއް ވަރަށް މަދު ވާނެއެވެ. ރަސްމީ މުބާރާތްތަކުގެ އިތުރަށް އެކި އެކި ޚާއްސަ މުނާސަބަތްތަކުގައި ބާއްވާ ކުޅިވަރުތައްވެސް އޮންނަނީ ގަލޮޅު ދަނޑުގައެވެ.

މި ފަހަރު މި ދަންނަވާ ހާދިސާ ހިނގީ ސްކޫލް ކުދިންގެ ކްރިކެޓް މުބާރާތް އޮތް ދުވަސްވަރެއްގައެވެ. މުބާރާތުގެ ކުޅުން ފެށެނީ ހެނދުނު ހަތެއް ޖަހާ އިރުއެވެ. އެ މުބާރާތުގެ އެއްވެސް ކަމެއް ސްޕޯރޓްސް ޑިވިޜަނުން ކުރާކަށް ނުޖެހެއެވެ. އެހެން ނަމަވެސް މުބާރާތް ބާއްވަނީ ގަލޮޅު ދަނޑުގައި ކަމަށް ވާތީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަޑައިގަންނަވާ ބޭފުޅުންނަށް ބޭނުންފުޅުވާ ކަންތައްތައް ކޮށް ދިނުމަކީ އަޅުގަނޑުމެންނަށް އޮންނަ ކަމެކެވެ. އެހެންވީމާ ކޮންމެ ދުވަހަކު ހެނދުނު ހައެއް ޖަހާ އިރު އޮފީސް ހުޅުވަން ޖެހެއެވެ. އޭގެ ފަހުން މުބާރާތާ ގުޅިގެން ކުރަން ޖެހޭ ހުރިހައި ކަމެއް ކުރައްވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅުންނެވެ.

އެ ދުވަހު ވެސް އަޅުގަނޑު އޮފީސް ހުޅުވަން އައީ ފަސް ގަޑި ފަންސާސް މިނިޓުގައެވެ. އަޅުގަނޑު އައި އިރު ހޯމް މިނިސްޓަރުވެސް ހުންނެވިއެވެ. ސްޕޯރޓްސް ޑިިޜަންގެ އޮފީސް އޭރު ހުންނަނީ ބޯޅަ ދަނޑުގެ އިރުމަތީ ފަރާތު ސިޑި ބަރީގެ ދަށުގައެވެ. އިރުމަތީ ފަރާތުގައި ހުންނަ ބޮޑު ދޮރާށީގައި އެހެން ދޮރެއް ހުރެއެވެ. އަޅުގަނޑުމެން ފުރަތަމަ ހުޅުވަނީ އެ ދޮރެވެ. އެ ދޮރު ހުޅުވައިގެން އެތެރެއަށް ވަދެ، ބޮޑު ދޮރާށީގެ ތަންޑު ނައްޓާފައި ދޮރާށި ހުޅުވަނީއެވެ.

އެ ދުވަހުވެސް އާދައިގެ މަތީން އަޅުގަނޑު އެތެރެއަށް ވަދެ ތަންޑު ނައްޓާފައި ބޮޑު ދޮރާށި ހުޅުވާލައިފީމެވެ. ހަމަ ހުޅުވައިލުމާއެކު މީހަކު ބައިސްކަލެއްގައި އައިސް އެތެރެއަށް ވަދެއްޖެއެވެ.

އަޅުގަނޑު ހުރީ ޙައިރާން ވެފައެވެ. އެ މީހަކު ވަން ގޮތަށް ދަނޑު މައްޗަށް އަރައިގެން އެހެރަ ދަނީއެވެ. މިނިސްޓަރަށް އެ މީހަކު ފެނިވަޑައިގަތީމާ އެއީ ކާކުތޯ އަޅުގަނޑާ ސުވާލު ކުރެއްވިއެވެ. އަޅުގަނޑު ނޭނގެއޭ ދަންނަވައިފީމެވެ. އެ މީހަކު ވަރަށް ބާރަށް ގޮސް ބައިސްކަލާ އެކީ ދަނޑުގެ މެދުގައި ހަދާފައި އޮތް ކްރިކެޓް ޕިޗުގެ މައްޗަށް ވެއްޓިއްޖެއެވެ.

ވެއްޓުނީމާ ތެދުވެގެން ބައިސްކަލު އަތުން ހިފައިގެން ދަނޑުން ނުކުންނާން ހިނގައިގެންފިއެވެ. އޭނާ ހުރީ ވަރަށް ދެރަ ވެފައެވެ. ލަދުން ހުރިހެންވެސް ހީވިއެވެ. އެ މީހަކު އައިސް އަރާ ހަމަވީމާ ވެގެން އުޅެނީ ކީއްތޯ އަޅުގަނޑު އަހައިފީމެވެ.

އެ މީހާ ބުންޏެވެ. "އަޅުގަނޑަކީ ސަރުކާރުގެ އޮފީހެއްގެ ޕިޔޯނަކީމެވެ. (އެ މީހާ އޮފީހުގެ ނަންވެސް ބުންޏެވެ. އެހެން ނަމަވެސް އެ ނަން އަޅުގަނޑު ސިއްރު ކުރީއެވެ.) އަޅުގަނޑު މި ދަނީ ހައެއް ޖަހާ އިރު އޮފީހުގެ ދިދަ ނަގަން ޖެހޭތީ އަވަހަށް އޮފީހަށް ދާށެވެ. އަޅުގަނޑު އައީ ކުރިމަތީގައި އެ އޮތް ގޯޅިން ނުކުމެގެން މި މަގަށް އަނބުރައިލާށެވެ. އެހެން ނަމަވެސް އަނބުރައި ނުލެވިގެން މި ތަނަށް ވަދެވުނީއެވެ. މި ދޮރާށި ހުޅުވުނުކަން ވަރަށް ރަނގަޅެވެ. އެހެން ނޫން ނަމަ އަޅުގަނޑު އައިސް ޖެހުނީހީ ދޮރާށީގައެވެ."ދަ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.