ކެންޑިޑޭޓު ނުދެއްކެނީސް އިއްތިހާދު އޮޔާދަނީ؟

ރާއީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ކަމަކު ނުދިޔައެވެ. އެހިސާބުން އެމަނިކުފާނުގެ ވެރިކަން ބަދަލު ކުރަން ވެއްޖެއެވެ. ގާނޫނީ އިމުން ނުވެއްޖެއްޔާ ޗާރުން ބޭރުންނެވެ.

އެކަމަށް ސައްލާ ކުރުމަށްފަހު އިދިކޮޅު ކޯލިޝަނެއް ހެދިއެވެ. އެއްޑީޕީއާއި، ޖޭޕީއާއި، އަދާލަތު ޕާޓީއާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. މި ބޭފުޅުން އެންމެ އިސްކަމެއް ދެއްވީ ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ބަލިކުރެއްވުމަށް ގުޅިފައިވާ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުއްވުމަށެވެ.

އިއްތިހާދެއްގެ ތެރެއިން އެއް ކެންޑިޑޭޓަކު ނެރޭ ވާހަކަ ދެއްކި ހިސާބުން ފެށިގެން އެކަން އެގޮތަށް ނުވަނެ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްއެމްޑީއޭ ކޯލިޝަނުގެ އިސް ބޭފުޅުން ވިދާޅުވާން ފަށައިފިއެވެ. އެއީ ހުވަފެނެއް ކަމަށާއި އެންމެ ފަހުވަގުތު ކޯލިޝަންތެރޭ މައްސަލަ ޖެހޭނެ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

ސަބަބެއް ކަމަށް ވިދާޅުވީ ކޯލިޝަންގެ 4 ލީޑަރުންނަކީވެސް ވެރިކަމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވާތީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ދުލެއް ދެއްވަން ބޭނުންނުވާނެކަން އެނގިވަޑައި ގަންނަވާތީ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުން ނެރުއްވާ ކެންޑިޑޭޓް ހުންނެވީ ތައްޔާރަށް ކަމަށް އެބޭފުޅުން ދޭތެރެދޭތެރެއިން ވިދާޅުވެއެވެ. އެހެންނަމަވެސް މިހިސާބަށް އައިއިރުވެސް ކެންޑިޑޭޓު ނުދެއްކެއެވެ. ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު ބާއްވާނެއެވެ. އެކަމުގެ ތައްޔާރީތައް ކުރިއަށް އެއޮތްދަނީއެވެ.

މިހާރު ފެންނަނީ ސަރުކާރު ކޯލިޝަންގެ އިސްބޭފުޅުން ވިދާޅުވި ގޮތަށް ކަންތައްތައް ވަމުންދާ މަންޒަރެވެ. އިދިކޮޅު އިއްތިހާދުގެ "ހިންމިތައް ފޭވެ ދުރުވަމުންދާ" ތަނެވެ. އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުން ގެންދަވާ ތަނެވެ. އެކަން އެންމެ ބޮޑުކޮށް އަޅައިގަތީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ޖަރުމަނު ވިލާތުގައި ބޭއްވި ޖަލްސާއިންނެވެ. އެޖަލްސާގައި އަލީ ވަހީދާއި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ނުސީދާކޮށާއި ސީދާކޮށް ބަހުގެ ހަމަލާތަކެއް ދީފައެވެ. އިއްތިހާދުގެ އެހެން ބައިވެރިންނަށެވެ. ޚާއްސަކޮށް އެމްޑީޕީއަށެވެ. އަލީ ވަހީދު ވިދާޅުވީ އިއްތިހާދެއް ނުހެދުނިއްޔަ ނުހެދޭނީ އެމްޑީޕީގެ ސަބަބުން ކަމަށެވެ.

މާކުރިން ފެށިގެން އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ ތައްޔާރު ކުރަން ފެށިއެވެ. އެއާއެކު ޖޭޕީން ވެސް އެޕާޓީގެ މެނިފެސްޓޯ ތައްޔާރު ކުރަން ފެށިކަމުގެ މައުލޫމާތު ލިބުނެވެ. އެކަމާ ބެހޭ ގޮތުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު އޭރު ވިދާޅުވީ އެއީ އެއްވެސް މައްސަލައެއް އޮވެގެން އަދި ޚިޔާލު ތަފާތުވެގެން ހިނގާ ކަމެއް ނޫންކަމަށެވެ. ޕާޓީތަކުން އެޕާޓީއެއްގެ މެނިފެސްޓޯ ހަދައިފައި އޮތުމުން އެއްކެންޑިޑޭޓަކު ނެރެފައި ހުރިހާ މެނިފެސްޓޯއެއް އެއްކޮށްލެވޭނެ ކަމަށެވެ. އޭރުން ވަގުތު ސަލާމަތްވާނެ ކަމަށެވެ.

ދެން ފެނިގެންދިޔައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާންކޮށް ރައީސް ނަޝީދު އޭގައި ވާދަކުރައްވަން ފެއްޓެވި މަންޒަރެވެ. ޖަޒީރާ ރައީސްގެ ނަމުގައި ކެންޕޭން ވެސް ފެއްޓެވީއެވެ. އިއްތިހާދުގައި ހިމެނޭ އެހެން ޕާޓީތަކުގެ މަޝްވަރާއެއްނެތި އެމަނިކުފާނުގެ ވެރިކަމެއްގައި ކުރައްވާނެ ބައެއް ކަންކަން ހާމަކުރައްވަން ފެއްޓެވީއެވެ. އެކަމަކީ ކޯލިޝަނުގެ ބައެއް ޕާޓީތަކަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. އެހިސާބުން ކުދިން ކިޔަން ފެށުނެވެ. މިހާރު ފެންނަ މަންޒަރު ތަކަށް ބަލާއިރު އެއްބަޔަކު އަނެއްބަޔަކަށް ގެންދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ. އެހެންނަމަވެސް އެކަންކަން ފިނިވެ އަދިވެސް އެއްކެންޑިޑޭޓު ނެރެވޭނެ ކަމުގެ އުންމީދުގައި ތިބި ބޭފުޅުން އެތިބެވީއެވެ. ސަރުކާރު ކޯލީޝަންގެ ބޭފުޅުން މަންޒަރު ބައްލަވަން އެތިއްބެވީއެވެ. އެބޭފުޅުންގެ ކަމަކީ ދުރުގައި ތިއްބަވައިގެން ހިނިފުޅު ވެޑުމުވެ.

އިދިކޮޅު އިއްތިހާދުގެ ބައެއް މެންބަރުން ވިދާޅުވީ އަދިވެސް އެއް ކެންޑިޑޭޓު ނެރެވޭނެ ކަމަށެވެ. ނުނެރެވޭނެ ކަމަށް އެހެން މީހުން ބުނަންވެސްވާނީ އާނ! ނުނެރެވުނޭ އެޕާޓީތަކުން ވިދާޅުވާ ހިސާބުން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ 4 ލީޑަރުން ދައްކަވާ ކޮންމެ ކެންޑިޑޭޓަކަށް ޖޭޕީން މަރުހަބާ ކިޔުއްވާނެ ކަމަށެވެ. އެއީ ޕާޓީ ތަކުގެ އެތެރެއިން ވިޔަސް އަދި ބޭރުން ވިޔަސް އެންމެ ރަނގަޅު ކަމަށެވެ. އޭނާ ވިދާޅުވީ އެންމެހާ ބޭފުޅުންވެސް ވެރިކަމާ އުޅުއްވަންވީ ކަމަށެވެ. ވެރިކަމަށް ވަޑައިގަންނަވަންވީ ކަމަށެވެ. އެހެންނަމަވެސް މިވަގުތަށް އެންމެ މުހިންމީ އެކިގޮތްގޮތުން އަނިޔާ ލިބެމުންދާ މީހުންގެ ސާލާމަތްތެރިކަން ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ އެކިމީހުންނަށް މީރުވާނީ އެކިއެއްޗެހި ކަމަށާއި ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ބުރިކައްޓަށް ވަޅިހަރައިގެން ނުވާނެ ކަމަށެވެ. މިގައުމު މައްސަލަތައް ހައްލުކުރެވޭނީ ހަމައެކަނި ތިމަންނައަށް ކަމަށްބުނުމުގެ ހައްގެއް އެއްވެސް މީހަކަށްނެތް ކަމަށާއި މިވަގުތަކީ އެންމެން ގުޅިގެން ގައުމުގެ މައްސަލަތައް ހައްލު ކުރަންޖެހޭ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ. މިވަގުތު އެއްވެސް ބޭފުޅެއްގެ އަމިއްލަ އެދުމެއް އޮވެގެން ނުވާނެ ކަމަށާއި އެމަނިކުފާނާއި ޖޭޕީގެ ލީޑަރު ގާސީމް އިބްރާހީމްގެ އެއްވެސް އަމިއްލަ އެދުންފުޅެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދެން އަމިއްލަ އެދުންފުޅެއް އޮތީ ކޮންބޭފުޅެއްގެ ހެއްޔެވެ؟ ރައީސް ނަޝީދުގެ ހެއްޔެވެ؟ ރައީސް މައުމޫނުގެ ހެއްޔެވެ؟ ޝައިޚް އިމްރާންގެ ހެއްޔެވެ؟  ހަމަ ގައިމުވެސް ރައީސް މައުމޫނާއި ޝައިޚް އިމްރާން އެތިއްބެވީ ހިރިވެސް ނުލެވި ހުރަގޭގައެވެ.

އިންތިޚާބު ބާއްވަން 3 މަހަށް ވީއެވެ. ދެން އޮތީ ކުޅިބަލަން ތިބުމެވެ. ސިޔާސީ އުދަރެހަށް ދެންވާނެ ގޮތެއް ބަލާށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.