ހެއްވާ: ފިހާރަ ހުޅުވުން

ބައެއް ފިހާރަތައް ނަމާދު ވަގުތަށް ނުވަތަ އެހެންވެސް ކަމަކު ބަންދު ކޮށްފައި ދެން ހުޅުވާނީ މިވެނި ގަޑިއެއްގައޭ ލިޔެފައި ބޭރަށް ފެންނަ ގޮތަށް ބަހައްޓާފައި ހުރެއެވެ. އެކަމަކު ގިނަ ފިހާރަތަކުގައި ހަމައެކަނި ބަންދު އަޅުވާފައި ހުންނަނީއެވެ. ދެން ހުޅުވާނޭ ވަގުތެއް ނޭނގެއެވެ.

ބަރާބަރު ޝޮޕިންގ ސެންޓަރަކީ މި ދެންނެވި ގޮތަށް ހަމައެކަނި ބަންދު އަޅުވާ ފިހާރައެކެވެ. އެއީ ހުރިހައި ބާވަތެއްގެ މުދާ ލިބެން ހުންނަ ތަނަކަށް ވާތީ ވަރަށް ގިނަ މީހުން އެތަނަށް ވިޔަފާރި ކުރަން ދެއެވެ. އަނެއްކޮޅުން އެތަން ހިންގާ މީހުންނަކީ ވަރަށް ރަނގަޅަށް ވިޔަފާރި ދަންނަ ބަޔަކަށް ވާތީ މީހުން ހިތް ޖައްސަން ވަރަށް ގިނަ ކަންތައްތައް ކުރެއެވެ.

އެ ދުވަސްވަރަކީ ބަރާބަރު ޝޮޕިންގ ސެންޓަރުގައި ވަރަށް އާދަޔާ ޚިލާފު ސޭލެއް އަޅުވާފައި އޮތް ދުވަސްވަރެކެވެ. މުދަލުގެ އަގު ހެޔޮ ކުރުމުގެ އިތުރަށް ފިހާރައަށް މީހުން ވަންނަ ތަރުތީބުން ޚާއްޞަ އިނާމު ތަކެއްވެސް ދެއެވެ. އެންމެ ފުރަތަމަ ވަންނަ މީހާއަށް އެންމެ އަގު ބޮޑު އިނާމެވެ. ދެން ވަންނަ މީހަކަށް އެޔާ ޖެހުނު އިނާމެވެ. މިހެން ގޮސް ކޮންމެ ދުވަހަކު ސަތޭކަ މީހަކަށް އިނާމު ދޭ ގޮތަށް އޮތީ ހަމަ ޖައްސާފައެވެ. އަދި އެ ސަތޭކަ މީހުން ކުރާ ވިޔަފާރީގެ ހަތްދިހަ އިންސައްތަ އަގުހެޔޮ ކޮށްދެއެވެ. މި ސަތޭކަ މީހުންގެ އިތުރަށް ވަންނަ ކޮންމެ މީހަކަށް ވިޔަފާރި ކުރިޔަސް ނުކުރިޔަސް ވިހި ރުފިޔާގެ ހަދިޔާއެއް ލިބެއެވެ.

މި ސޭލްގެ ސަބަބުން ބަރާބަރު ޝޮޕިންގ ސެންޓަރު ހުޅުވާ އިރު އެ ތަނަށް ވަންނަން އޮންނަ ކިޔޫ އެތައް ހިސާބަކަށް ދެމިގެން ގޮސްފައި އޮވެއެވެ. އެ ދުވަހުވެސް ކިޔޫ އޮތީ ވަރަށް ދިގުކޮށް ހަދާފައެވެ. އެކަމަކު އެ ދުވަހު ފިހާރަ ހުޅުވާ ގަޑި ޖެހިގެން ފަސް މިނިޓު ހިނގި އިރުވެސް ނުއެއް ހުޅުވައެވެ.

ގަޑި ޖެހިގެން ދިހަ ވަރަކަށް މިނިޓް ހިނގިތަނާ ޢުމުރުން ފަންސާހަކަށް އަހަރުގެ މީހަކު އައިސް ކިޔޫ ފަޅާލާފައި ކުރިއަށް އަރައިގެން އެބަހަރަ ދެއެވެ. ކިޔޫގެ އެންމެ ކުރީގައި ހުރީ ޖާނުން ވަރުގަދަ ނުލަފާ މީހެކެވެ. މި މީހާ ބަލާކަށް ނުހުރެ އެއްކަލަ މުސްކުޅި މީހާގެ އަތުގައި ހިފައި އެބަ ހޫރައިލިއެވެ. އޭނާ ދިހަ ވަރަކަށް ފޫޓު ދުރަށް ގޮސް ވެއްޓިއްޖެއެވެ. އެކަމަކު ބިންމަތީގައި ޖެހުމާއެކު ތެދުވެއްޖެއެވެ. އަނެއްކާވެސް ކިޔޫ ފަޅައިލާފައި ވަދެގެން ދާން ދިމާ ކޮށްފިއެވެ. މި ފަހަރުވެސް ކިޔޫގެ ކުރީގައި ހުރި މީހާ ރުޅި އައިސްގެން އެމީހާގެ އަތުގައި ހިފައި ހޫރައިލިއެވެ. މި ގޮތަށް ހަތަރު ފަހަރު ވެއްޓުނު އިރު އެއްކަލަ މުސްކުޅި މީހާގެ ހާލު ވަރަށް ދެރަ ވެއްޖެއެވެ. އެކަމަކު އަނެއްކާވެސް ތެދުވެގެން ކިޔޫ އާ ދިމާއަށް ހިނގައިގެންފިއެވެ.

މި މަންޒަރު ބަލާން ދުރުގައި ހުރި މީހަކަށް ކެތް ނުކުރެވިގެން ކައިރިއަށް އައިސް އަހައިލިއެވެ. "ތިޔަ އުޅެނީ ކިހިނެއް ވެގެން-؟"

މި ސުވާލަށް ޖަވާބު ދިނީ ކިޔޫގެ ކުރީގައި ހުރި މީހާއެވެ. "އަހަރެމެން މި ކިޔޫގައި ތިބޭތާ މިހާރު ދެގަޑި އިރު ވެއްޖެ- މިހިރަ މުސްކުޅި މީހާ އައީ ހަމަ ދެންމެ- އެކަމަކު އެ އުޅެނީ ކިޔޫ ފަޅައިލާފައި ގޮސް އެންމެ ކުރިއަށް އަރަން- އެއީ މި ދިމާވެގެން އުޅޭ ކަމަކީ- މިހާރު މި ފިހާރަވެސް ހުޅުވާ ގަޑި ޖެހިގެން ހިނގައްޖެ- ސޭޓުވެސް ވީ ތަނެއް ނޭނގޭ-"

އެ މީހާ އެއްކަލަ މުސްކުޅި މީހާ ކުރެން އަހައިލިއެވެ. "ބޭބޭ- އެއީ ތެދެއްތަ-؟ ބޭބެ ކިޔޫ ގެ ކުރިއަށް އަރަން އުޅެނީ ކީއްވެގެން-؟"

މުސްކުޅި މީހާ ކުކުރައިލާފައި ބުނެލިއެވެ. "އަޅުގަނޑު މި އުޅެނީ ކިޔޫގެ ކުރިއަށް އަރާކަށް ނޫން- އަޅުގަނޑަކީ ފިހާރައިގެ ސޭޓު- މި އުޅެނީ ފިހާރަ ހުޅުވާން ވެގެން- ކޮންމެ ފަހަރަކު ދޮރާ ހަމައަށް ދެވޭތަނާ މި މީހާ އަޅުގަނޑުގެ އަތުގައި ހިފައި ހޫރައިލަނީ-!"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.