ފުވައްމުލަކަށް އުދައަރައި ރައްޔިތުން ބިރުވެރި ކަމެއްގެ ތެރޭގައި: ކައުންސިލް

މިއިން ޒަމާނެއްގައިވެސް ފުވައްމުލަކު ސިޓީއަށް އުދަ ނާރާ ވަރަށް މިއަދު އުދަ އެރުމުގެ ސަބަބުން އެސިޓީގެ ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށް މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވެއްޖެއެވެ.

ފަލާހު ވިދާޅުވީ އެރަށުގެ ހުޅަނގު ފަރާތުން އެރި އުދަ ރަށުތެރެއަށް ދެމިގެންފައިވަނީ ކިހާ ދުރަށް ކަމެއް ކަނޑައެޅިގެން ދަންނަވަން ދަތި ކަމަށެވެ. "ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެފައި އޮއްވައި އުދަ މިއެރީ. އެހެން ކަމުން ރަށުތެރެއަށް ލޮނުގެ އަސަރު ކޮށްފައިވަނީ ކިހާވަރަކަށް ކަމެއް ވެސް ދަންނަވަން ދަތި،" ފަލާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުދައަރައިފައިވަނީ މީހުން އެހާގިނައިން އުޅޭ ސަރަހައްދަކަށް ނޫން ކަމަށެވެ. މިހާދިސާގައި އެއްވެސް ގެއަކަށް ލޮނު ވަދެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޕޮލިސް ސްޓޭޝަންގެ ގޯތިތެރެއަށް ލޮނުވަދެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުދައިގެ ސަބަބުން ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމެއްގެ ތަފްސީލްވެސް އެނގޭނީ ބެއްލެވުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިރަށުގެ އުމުރުން ދުވަސްވީ މީހުންވެސް ބުނަނީ މިހާބޮޑެތި ރާޅު އެރިހަނދާނެއްވެސް ނެތްކަމަށް. ފުވައްމުލަކު ސިޓީއަކީ މެދަށް އަޑިވެފައި އޮންނަ ރަށަކަށްވާތީ އެތެރޭގައި ތިބޭއިރު ނަގާ ރާޅު ފެނޭ. އަންދާޒާ ކުރެވޭ ގޮތުގައި އެއިން ރާޅެއްގެ އުސްމިނުގައު ހުންނާނެ ގާތްގަޑަކަށް ދިހަ ފޫޓު ނުވަތަ ފަނަރަ ފޫޓު. މިހާ ބިޔަ ރާޅެއް އަޅުގަނޑުމެންގެ ހަނދާނުގައިވެސް މިސިޓީން ފެނިފައެއް ނުވޭ. މިކަމުގެ ސަބަބުން ރައްޔިތުން ތިބީ ކަންބޮޑުވުމާއި ހާސްކަމެއްގެ ތެރޭގައި ދެންވާނެ ގޮތެއް ނޭނގިފައި،" ފަލާހު ވިދާޅުވިއެވެ.

އުދައިރު ވަގުތު މަގުތަކުގައި ޕާކުކޮށްފައިވާ ސައިކަލް ފަދަ އުޅަނދު ފަހަރަށްވެސް ލޮނުގެ އަސަރު ކޮށްފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ. އެހެން ކަމުން އޭގެ ވެރިން ހޯދައި އޭގެ ތަފްސީލްވެސް ނަގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް އެސަރަހައްދުގައި ގާޑިޔާއެއް ބަހައްޓައިގެން ވިޔަފާރި ކުރަމުންދިޔަ މީހެއްގެ މުދަލަށްވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުދައާއެކު ރަށުތެރެއަށް ވެއްދި ކުނިބުންޏާއި، ވެއްޔާއި، ގައުތައް ނަގައި މަގުތައް މިހާރުވަނީ ސާފުކޮށްފައި ކަމަށެވެ. އެމަސައްކަތް ކުރައްވައިފައިވަނީ ހައުސިން މިނިސްޓްރީއާއި، ވެމްކޯއާއި، ފުލުހުންނާއި، ސިފައިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިރޭ ފަތިހުވެސް އުދައަރައިފާނެތީ ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކުން ތިބީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވިއްސާރައިގައި ކަނޑުގަދަވެ އައްޑޫސިޓީ ހަންކެޑެ ސަރަހައްދަށްވެސް ވަނީ އުދައިގެ އަސަރު ވަރަށްބޮޑަށް ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.