ގައުމަށް އިޚްލާސްތެރި ޚިދުމަތް ކުރުމުގައި ދެމިހުންނާނަން: ޑރ. ސުނީނާ

ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދުއަށް އުފަން، މަންމައަކާއި ބައްޕައެއްގެ ތިބި އަށްކުދިންގެ ތެރެއިން ހަތަރުވަނަ ކުއްޖާ ޕީއެޗުޑީ ހާސިލް ކުރެއްވުމަކީ އިއްތިފާގެއް ނޫނެވެ.

ގައުމީ ޔުނިވަރސިޓީން އެންމެ ފުރަތަމަ ޕީއެޗުޑީ ހާސިލް ކުރެއްވި ދެބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޑރ. ސުނީނާ ރަޝީދަކީ ފެށުނީއްސުރެން އާދަޔާ ޚިލާފު ތޫނުފިލި ދަރިވަރެކޭ ބުނަން ޖެހޭކަން އޭނާ ވަނީ ސާބިތުކޮށްދެއްވައިފައެވެ.

ރަށުގައި ޕްރައިމަރީ އެޑިޔުކޭޝަން ނިންމަވާފައި އޭނާ މާލެއަށް ބަދަލުވެ ވަޑައިގެންނެވީ ޢުމުރުފުޅުން ގާތްގަޑަކަށް 14 އަހަރުގައެވެ. މާލެ ވަޑައިގެންނެވީ ދިވެހި މުދައްރިސް ކަމުގެ ކޯސް ހެއްދެވުމަށެވެ. އެކަމަކު ޑރ. ސުނީނާއަށް ކޮންމެވެސް ސަބަބަކާހެދި އެފުރުސަތެއް ލިބިވަޑައިނުގަތެވެ.

އެހިސާބުން ސެކަންޑްރީއަށް ކިޔަވައި ވިދާޅުވުމަށް އީޕީއެސްއަށް ވަދެވަޑައިގެންނެވިއެވެ. އެ ސްކޫލުން އޯލެވެލް ނިންމެވުމަށްފަހު ގްރޭޑް 11 އަދި 12 ސީއެޗުއެސްއީން ނިންމެވިއެވެ.

އެއަށްފަހު ޓީޗިންގް ޑިގްރީ ނިންމަވާފައި ސީއެޗްއެސްއީގައި ކެމިސްޓްރީ ޓީޗަރެއް ގޮތުގައި އެއް އަހަރު ދުވަހު މަސައްކަތް ކުރެއްވިއެވެ. ދެން ވަޑައިގެންނެވީ އިންޑިޔާގެ މައިސޫރު ޔުނިވަރސިޓީއަށެވެ. އެތަނުން މާސްޓަރ އޮފް އެޑިޔުކޭޝަން އިން ސްކޫލް މެނެޖެމަންޓް ކޯސް ފުރިހަމަ ކުރެއްވިއެވެ. އެއަށްފަހު އެނބުރި މާލެ ވަޑައިގެން އަނެއްކާވެސް ސީއެޗުއެސްއީއާ ގުޅިވަޑައިގެންނެވިއެވެ. ސީ.އެޗް.އެސް.އީގައި ފަސް އަހަރު މަސައްކަތް ކުރެއްވުމަށްފަހު ގައުމީ ޔުނިވަރސިޓީއިން ޕީއެޗްޑީ ހައްދަވަން އެތަނާ ގުޅިވަޑައިގެންނެވިއެވެ.

މިއީ ސުނީނާގެ ކުރު ތައާރަފެއް ކަމަށް ފުއްދައިލަމާ ހިނގާށެވެ. ސުނީނާގެ ވިދާޅުވާ ގޮތުން ރިޔަލަށް ވައިއަޅުވައިލައްވަމުން ޕީއެޗުޑީގެ ދަތުރަށް ނުކުމެ ވަޑައިގެންނެވީ ދިމާވެދާނެ ބިޔާރާޅުތަކާއި މާ ވިއްސާރައަށް ފިސާރީ ހޭލައި އިންނަވައިގެން ކެރުންތެރި ކަމާއި ސާބިތު ކަމާއެކުގައެވެ.

ޕީއެޗުޑީ ހެއްދެވުމުގެ މަގުސަދު

ވީހާވެސް މައްޗަށް ކިޔަވައި ވިދާޅުވުމަކީ އެންމެ ކުޑައިރުއްސުރެން ސުނީނާ ދެކެވަޑައިގެންނެވި ހުވަފެންފުޅެކެވެ. "އަޅުގަނޑުގެ މަންމަ އާއި ބައްޕަގެ މޮޓޯ ކަމުގައިވީ ހުރިހާ ކުދިންނަކީވެސް ވީއެންމެ މަތީ ފެންވަރަށް ކިޔަވައިގެން އަމިއްލަ ފައިމައްޗައް ތެދުވެވިފަ ތިބި ހަރުދަނާ ބަޔަކަށް ހެދުން. އަޅުގަނޑަކީ އުނގެނުމާއި އުނގަންނައި ދިމުނުމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް. އެގޮތުން ޕީއެޗްޑީއަށް ކިޔެވުމަކީ އިލްމީ ގޮތުން ލިބޭކުރި އެރުމެއް. އަދި އަޅުގަނޑުގެ ފަރާތުން ދެވޭ ޚިދުމަތަކީ ފެންވަރު ރަނގަޅު ޚިދުމަތަކަށް ވެގެންދާނޭ ކަމެއް،" ސުނީނާ ވިދާޅުވިއެވެ.
އެންމެބޮޑު ގޮންޖެހުން

ސުނީނާ ވިދާޅުވި ފަދައިން ޕީއެޗުޑީ ހެއްދެވުމަކީ ފިނިފެންމަލުގެ ދާނެއް ނޫނެވެ. އެއީ ބުރަ އުނދަގޫ މަސައްކަތެކެވެ. ވަގުތާއި ހަކަތަ އިންތިހާއަށް ބޭނުންފުޅުވާ ކަމެކެވެ. އެ ގޮތުން ޕީއެޗުޑީ ހެއްދެވި ދުވަސްވަރު އޭނާއަށް ބޮޑެތި ގޮންޖެހުންތަކާއި ދަތިކަންތަކާ ދިމާވެ ވަޑައިގެންނެވިއެވެ.

"އެންމެ ދަތިވި އެއްކަމަކަށްވީ އަޅުގަނޑުގެ ސުޕަވައިޒަރުން ބަދަލުވުން. ކޯހުގެ ވަކިހިސާބަކުން އަޅުގަނޑުގެ ޕްރިންސިޕަލް ސުޕަވައިޒަރ ޑރ. ޢަލީ ޝަރީފާއި އަދި ކޯ ސުޕަވައިޒަރެއް ކަމުގައިވާ ކުރީގެ ވައިސް ޗާންސެލަރ ޑރ. ޙަސަން ހަމީދު ޔުނިވަރސިޓީން ވަކިވެވަޑައި ގެންނެވި ދުވަހަކީ ދަރިވަރެއްގެ ހައިސިއްޔަތުން، އަޅުގަނޑުގެ ތައުލީމީ ހަޔާތަށް އައި ބަނަ "ކަޅު" ދުވަހެއް. ޕްރިންސިޕަލް ސުޕަވައިޒަރެއް ނެތި ހޭދަކުރަންޖެހުނު ހައެއްކަ މަސްދުވަހަކީ ދަތިދުވަސްތަކެއް،" އޭނާ ވިދާޅުވިއެވެ. މިނޫނަސް އެތައް ކަމެއް އޭނާވަނީ ކަޑައްތު ކުރައްވައި މަންޒިލުގައި ބަނދަރު ހިއްޕަވައިފައެވެ.

ޕީއެޗުޑީގެ ފެންވަރާއި ފާޑުކިޔުން

ސުނީނާއަކީ އެންމެ ފުރަތަމަ ގައުމީ ޔުނިވަރސިޓީން ޕީއެޗުޑީ ހެއްދެވި ދެބޭފުޅުންގެ ތެރެއިން އެއްބޭފުޅާއެވެ. ފެންވަރާމެދު އެނާ ވިދާޅުވަނީ ކީކޭބާވައެވެ؟ އޭނާ ވިދާޅުވީ ފެންވަރާމެދު އެއްވެސް ބަޔަކު އެއްވެސް ވާހަކައެއް ދެއްކެވި ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށެވެ.

"ފެންވަރު ދަށެކޭ ނުދެންނެވޭނެ. ޕްރޮގްރާމް ރޭއްވެވި މޭސްތިރިއެއް ކަމަށްވާ ޑރ. ޙަސަންޙަމީދު ވަނީ ކޮންމެ މަރުޙަލާއެއްވެސް ފެންވަރު ހިފެހެއްޓޭނެ ފަދަ ހަރުދަނާ ފިޔަވަޅު ތަކެއް އަޅުއްވާފައި. މިގޮތުން ތިން މަރުޙަލާއެއް ފާހަނގަ ކޮށްލާނަން. މިސާލަކަށް ޕްރޮޕޯސަލް ވެސް ތައުކީދު ކުރެވުނީ ބައިނަލްއަޤުވާމީ އެންމެ ފުންނާބު އުސް ޔުނިވަރސިޓީގެ ޕްރޮފެސަރުން ހިމެނޭ ޕެނަލްއަކުން. ދެވަނައަށް ފާހަނގަ ކޮށްލަން ބޭނުންވަނީ ތީސިސް ލިޔުމުގެ މަރުޙަލާ. ލިޔުމުގައިވެސް އެތަކެއް ޑްރާފްޓް ތަކަކަށް ތަފާތު އެތައް ފަހަރެއްގެ މަތިން ފަސްބޭފުޅުން ފީޑްބެކް ދެއްވައިގެން އަދި ޕަބްލިކަށް ހުށަހެޅުމަށްފަހު ފައިނަލް އެއްޗެއް މިނެރެވެނީ. ތިންވަނަ މަރުޙަލާއަކަށް މިއޮތީ އެގްޒެމިނޭޝަން ޕްރޮސެސް. ތީސީސް އެސެސްކުރެވުނީ ތަޢުލީމީ ދާއިރާގައި ވަރަށް ވެސް ފުންނާބު އުސް ބޭފުޅުން ހިމެނޭ ބޮޑުޕެނަލްއަކުން. އެޑިޔުކޭޝަން މިނިސްޓްރީގެ މިނިސްޓަރެއް ގޮތުގައި ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވާފައިވާ ޔުނިވަރސިޓީގެ މިހާރުގެ ޗާންސެލަރ ޑރ. މުޙައްމަދު ލަތީފު ޗެއަރކަން ކުރެއްވި އެޕެނަލުގައި ޑރ. މަހުމޫދު ޝައުޤީ ހިމެނި ވަޑައިގަންނަވާ. މީގެ އިތުރަށް އޮސްޓްރޭލިއާގެ މަޝްހޫރު ދެ ޔުނިވަރސިޓީއެއްގެ ދެ ޕްރޮފެސަރުން ހިމެނިވަޑައިގެންނެވި،" އޭނާ ވިދާޅުވިއެވެ.

"ޕީއެޗްޑީ ޕްރޮގްރާމަށް އިތުރު ކުރަން ބޭނުންވާ ބައެއްގޮތުގައި ޕަބްލިޝް ކުރުން ފާހަނގަ ކޮށްލަން. ޕަބްލިޝް ކުރުމަކީ ޕްރޮގްރާމް ތެރޭގައި ފުރިހަމަ ކުރަންޖެހޭ ރިކުއަރމެންޓެއް ގޮތުގައި އޮތުމަކީ ދަރިވަރުންނަށް ލިބޭނެ ކުރި އެރުމެއް ކަމުގައި ދެކެން. އަދި ހަމަ އެއާއެކު އެކަޑަމިކް ރައިޓިންގ އާ ބެހޭ ތަމްރީން ތަކެއް ދަރިވަރުންނަ ދިނުމަކީ ވެސް ލިޔުންތެރިކަމުގެ ފެންވަރު ހިފެހެއްޓުމަށް ކުރެވިދާނެ ކަމެއް" އޭނާ އިތުރު ކުރެއްވިއެވެ.

ޕީއެޗުޑީއަށްފަހު

އޭނާ ވިދާޅުވީ ތައުލީމީ ހަޔާތުގެ ކޮންމެ މަރުހަލާއެއްވެސް ކާމިޔާބުކަމާއެކު ނިމިފައި ވަނީ ދައުލަތުން ބޮޑެތި ޚަރަދުތައް ކުރައްވައިގެން ކަމަށެވެ. "އެހެންކަމުން އަޅުގަނޑު ގަބޫލްކުރަނީ ދައުލަތަށް ޚިދުމަތް ކުރުމަކީ އަޅުގަނޑުގެ ވާޖިބެއްކަމުގައި. އަދި މިޚިދުމަތް ކުރުމުގެ ތެރެއިން އަމިއްލަ ނަފްސް އިތުރަށް ތަރައްގީކޮށް މައުލޫމާތު މުއްސަނދި ކުރުމުގެ ގޮތުން ޕޯސްޓް ޑޮކްޓޯރަލް ކޯހެއް ހެދުމަކީ ކުރަންބޭނުންވާ ކަމެއް،" ސުނީނާ ވިދާޅުވިއެވެ.

އެވަރުން ނުނިމެއެވެ. ޕީއެޗުޑީއަށްފަހު ސުނީނާ ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ ދިރާސާ ކުރެއްވުމުގެ ދާއިރާއިންނެވެ. "އަޅުގަނޑު ދެކޭގޮތުގައި ގައުމު ބިނާކުރުމަށް ދިރާސާގެ ދައުރު ވަރަށް މުހިންމު. އެހެން ކަމުން ބޭނުންވަނީ ދިރާސާ ކުރުމުގަ އާއި އަދި ދިރާސާކުރާ މީހުން ބިނާކުރުމުގައި ދެމިހުރުން. ދެކެން ބޭނުންވަނީ ދިރާސާ ކުރުމަށް ލޯބިކުރާ މާހައުލެއް ގާއިމުވެ ފެންވަރު ރަނގަޅު ދިރާސާތަކެއް ކުރެވޭތަން،" ޑރ. ސުނީނާ ރަޝީދު ވިދާޅުވިއެވެ.
މަތީތައުލީމް ހާސިލް ކުރެއްވުމަށްފަހު ބައެއް ބޭފުޅުން ރާއްޖެ ދޫރައްވައި ބޭރުގެ ގައުމަކުން ވަޒީފާ ހޯއްދަވައިގެން ވަޑައިގަންނަވާތަން ފެނެއެވެ. އެހެންނަމަވެސް ޑރ. ސުނީނާ އެފަދަ ވިސްނުންފުޅެއް ނުގެންގުޅުއްވައެވެ.

"ހަގީގަތުގައި ދެކުދިން ލިބުމަށްފަހު އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ އެކުދިންގެ ޅަ ޢުމުރުގައި އެކުދިންގެ އަމިއްލަ ފަސްގަނޑުން އެހެން ތަނަކަށް ބަދަލު ކުރާކަށް. އެކުދިންނަށް ދިވެހި ބަހާއި ސަގާފަތާއި އާދާކާދަ ތަކާއި އިސްލާމްދީނާއި ދިވެހި މުޖުތަމައުގެ އަގުތައް ދަސްވުމަކީ ވަރަށް މުހިއްމު ކަމެއް ގޮތުގައި ދެކެނީ. އަދި ހަމަ އެއާއެކު މައިންބަފައިން މުސްކުޅިވެ އެމީހުންނަށް އަޅުގަނޑުމެންގެ އަޅައިލުން ބޭނުންވާ ދުވަހު އެމީހުން ދޫކޮށްފަ އެހެން ޤައުމަކަށް ދާކަށް ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ޕީއެޗުޑީ ހެއްދެވި ދާއިރާ

ސުނީނާ ރަޝީދަކީ ރައީސުޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ ދަށުން އެންމެ ފުރަތަމަ ޕީއެޗުޑީ ހެއްދެވި ދަރިވަރެވެ. ސުނީނާ ރަޝީދު ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗުޑީ) ހައްދަވައިފައިވަނީ އެޑިޔުކޭޝަން ދާއިރާއިންނެވެ.

ސުނީނާ ރަޝީދުގެ އިލްމީ ތަހުގީގު ބިނާ ކުރެއްވީ ދިވެހިރާއްޖޭގެ މުދައްރިސުން ތަމްރީން ކުރުމުގެ މައިދާނީ ތަމްރީން މިހާރު ހިނގާ ގޮތާއި، ދިމާވާ ގޮންޖެހުންތަކާއި، ކުރިމަގުގައި އެ ތަމްރީން ރާވައި ހިންގިދާނެ ގޮތްތަކުގެ މައްޗަށެވެ.

ދިރާސާ ކުރެއްވުމަށް އެއްކުރެވުނު މައުލޫމާތުގެ އަލީގައި ދިވެހިރާއްޖޭގައި މުދައްރިސުން ތަމްރީން ކުރުމުގެ މައިދާނީ ތަމްރީން މިހާރު ހިންގާ ގޮތާއި ދިމާވާ މައްސަލަތައް ފާހަގަކޮށްފައިވެއެވެ. ތައުލީމީ ސިޔާސަތު ރާވާ ފަރާތްތަކަށާއި، މުދައްރިސުން ތަމްރީން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވާ ފަރާތްތަކަށް މުސްތަގުބަލުގައި މައިދާނީ ތަމްރީން ރާވައި ހިންގިދާނެ ގޮތްތައް އެ ތަހުގީގުގައި ވަނީ ހުށަހަޅުއްވައިފައެވެ.

އަލަށް އެނގިވަޑައިގެންނެވީ ކޯއްޗެއް؟

"ޕީއެޗްޑީގެ މިޖާރނީން ވަރަށް ގިނަ ކަންތައްތަކެއް ދަސްވި. އޭގެ ތެރެއިން ތިންކަމެއް ފާހަގަ ކޮށްލާނަން. އެއްކަމެއް ގޮތުގައި ދަންނަވާނީ ދިރާސާ ކުރުމުގެ ހުނަރު ވަރަށް ބޮޑަށް ދަސްވެގެން ދިޔަ. ދެވަނަ ކަމެއް ގޮތުގައި ދަންނަވާނީ، ރާއްޖޭގެ މުދައްރިސުން ތަމްރީން ކުރުމުގެ ކަންކަން ރޭވިފައި އޮތް ގޮތާއި ދިމާވާ ގޮންޖެހުންތައް ވަރަށް ބޮޑަށް ސާފުވެގެން ދިޔަ. ތިންވަނަ ކަމެއްގެ ގޮތުގަ ދަންނަވާނީ ތައުލީމީ ގޮތުން އެހާ ފުންނާބު އުސް ބޭފުޅުން ތަކަކާ އެއްކޮށް ހަތަރު އަހަރު މަސައްކަތް ކުރެވުމުން އެބޭފުޅުން ގެންގުޅުއްވި ރިވެތިއާދަތަކާއި ސިފަތައް ދަސްވި،" އޭނާ ވިދާޅުވިއެވެ. އޭނާގެ ދިރާގައިވަނީމުދައްރިސުންގެ މައިދާނީ މަސައްކަތް މިހާރަށްވުރެ ރަނގަޅަށް ރާވައި ހިންގިދާނެ ވަރަށްގިނަ ނަޒަރިއްޔާތު ތަކެއް ހުށަހަޅުއްވައިފައެވެ.

ޕީއެޗުޑީއަކީ ތައުލީމީ ދާއިރާގައި ހާސިލް ކުރެވޭނެ އެންމެ މަތީފާހެވެ. އެހެންނަމަވެސް ޑރ. ސުނީނާ ވިދާޅުވީ ޕީއެޗުޑީ ހެއްދެވުމުން އެނގިވަޑައިގަންނަވަނީ އިލްމީ ޚަޒާނާގެ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.

"ޕީއެޗްޑީ އަކީ އެކަމަށް ބޮޑާވެ ފަޚުރުވެރިވާން ޖެހޭނެ އެއްޗެއް ކަމުގައި ނުދެކެން. ހަގީގަތުގައި ޕީއެޗްޑީއަށް ކިޔެވުމުން މިއެގެނީ އިލްމަކީ ކިހާ ފުޅާ އަދި ފުންއެއްޗެއްކަން. ޕީއެޗްޑީން މިދަސްވަނީ ޢިލްމީ ޚަޒާނާއިން ވަރަށް ކުޑަމިންވަރެއް. ޕީއެޗްޑީއަށްފަހުގައިވެސް އަޅުގަނޑު ފެންނާނީ ހަމަ ކުރީގަވެސް ފެންނަ ވަރަށް ސިމްޕަލް، ހަމްބަލް، އެހެންމީހުނަށް އިހަތިރާމްކުރާ އަދި އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ މީހެއްގޮތުގައި،" އޭނާ ވިދާޅުވިއެވެ.

ޕީއެޗުޑީ ހައްދަވާ ދަރިވަރުންނަށް

މުސްތަގުބަލުގައި ޕީއެޗްޑީ ހައްދަވާ ދަރިވަރުންނަށް ޑރ. ސުނީނާވަނީ މެސެޖެއް ދައިވަވައިފައެވެ. "ދަރިވަރުންނަށް ދަންނަވާނީ ޕީއެޗްޑީ ހެދުމަކީ ވަރަށްވެސް ބުރަ މަސައްކަތެއް ކަމުގައި. ޕީއެޗްޑީއެއް އެންމެ އެކަށީގެންވާ ގޮތަށް ހެދޭނީ އެކަމަށް ވަގުތު ހުސްކުރެވި އެކަމަށް ފޯކަސް ކުރެވިގެން. ވަރަށްބޮޑަށް މީހާ ޑިސިޕްލިން ވާންޖެހޭ. ޕީއެޗްޑީގެ ދަތުރު ކާމިޔާބު ކަމާއެކު ނިންމުމަށް ތިންކަމެއް ބޭނުންވޭ. އެގޮތުން ކެތްތެރިކަން، ގަދައަޅައި މަސައްކަތް ކުރުން، އަދި ނުގުޑާފަދަ އަޒުމެއް ބޭނުންވާނެ. ޕީއެޗްޑީއަށް ކިޔެވުމަކީ ވަރަށް ބޮޑު ޕޮރޮސެސްއެއް. މިޕްރޮސެސް ތެރޭގަ އެއްވެސް މަރުހަލާއެއް ދޫކޮށްފައި އަނެއް މަރުހަލާއަކަށް ނުދެވޭނެ. އެހެންކަމުން ވަރަށް ބޮޑަށް ކެތްތެރިވާންޖެހޭ. އަދި ހަމައެއާއެކު ހިތްވަރާއި އަޒުމާއެކު މަސައްކަތުގައި ދެމިހުންނަން އެބަޖެހޭ،" ސުނީނާ ވިދާޅުވިއެވެ.

ޑރ. ސުނީނާ ވިދާޅިވެފައިވަނީ ރާއްޖޭގައި މިހާރު އިލްމީ ބޭފުޅުން ވަރަށްގިނަ ކަމަށެވެ. އެހެންކަމުން ދިވެހި މުޖުތަމައުގައިހުރި އިޖުތިމާއީ، އިގުތިސާދީ އަދި ތައުލީމީ މައްސަލަތައް ތަފާތު އިލްމީ ނަޒަރިއްޔާތުގެ އަލީގައި ހައްލު ކުރެވޭނެފަދަ ގާބިލްކަން އެބޭފުޅުންގެ ކިބައިގައި އެބަހުރި ކަމަށެވެ. އެހެންކަމުން އެފަދަ ތައުލީމީ ސިކުނޑިތަކަށް ޖާގަދޭން އެބަޖެހޭ ކަމަށާއި، އިލްމީ ގާބިލް ދިވެހި ދަރިންނަށް ފުރުސަތު ދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

3 ޚިޔާލު

  1. Well, suneena applied for PhD in vocational education and her scholarship was for that but she was allowed to change the whole topic to teacher education and this decision was unethical because she was advantaged against other potential applicants who were ready to apply if they knew they could change the subfield as they liked.

  2. ޕީއެޗްޑީ ހަދައިފައިވާ ދިވެހީންގެ ޢަދަދު މިހާރު 130 އަށް އަރައިފިއެވެ. ދާދި އަވަހަށް އެމް.ބީ.އޭ ފަދަ އެއްޗަކަށް އެ ވެގެން ދާނެއެވެ. އާޚިރުގައި މީހާގެ ފެންވަރު އެހެން މީހުން ބަލައިގަންނާނީ މި މީހުންގެ ބަސްމޮށުންތެރިކަމާއި އުޅުމުންނެވެ. އެމީހުންގެ ފަރާތުން، އެމީހުން ދިރިއުޅޭ މުޖުތަމަޢުއަށް އެމީހުންގެ ފަރާތުން ކުރާ ހެޔޮ އަސަރަކުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.