ޗައިނާއިން ތަރައްގީއަށް ދޫކުރާ ލޯން ނެގުމުގައި ސަމާލުވޭ: ވޯލްޑް ބޭންކް

ސްރީލަންކާގެ ހަންބަންޓޯޓާގައި ޗައިނާގެ ލޯނު އެޙީ ލިިބިގެން ހަދާފައިވާ ބަނދަރު

ގައުމުތަކުގެ ވަތުއޮނިގަނޑު ތަރައްގީކުރުމަށް ޗައިނާއިން ދޫކުރަމުންދާ ބޮޑެތި ލޯނުތައް ގަބޫލުކުރުމުގައި ގައުމުތައް އިތުރަށް ސަމާލުވުމަށް ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އާއި ޕެސިފިކް ސަރަހައްދުގެ ޗީފް އިކޮނޮމިސްޓް ސުދީރު ޝެޓީ ގޮވާލައްވައިފިއެވެ.
ޗައިނާއިން ކުރިއަށް ގެންދާ ރޯޑް އެންޑް ބެލްޓް އިނިޝިއޭޓިވް (ބީއާރުއައި) މަޝްރޫއުގެ ދަށުން، އެގައުމުން ވަނީ އޭޝިޔާއާއި ޕެސިފިކްގެ ގައުމުތަކަށް އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ދޫކޮށްފައެވެ. މައިގަނޑު ގޮތެއްގައި މިލޯނުތައް ދޫކޮށްފައި ވަނީ ޗައިނާ ދެކުނު އިރުމަތީ އޭޝިޔާއާއި، އެފްރިކާއާއި، ޔޫރަޕާ ގުޅުގުވައިދޭ މަގުގައި ހިމެނޭ ބާވެފައިވާ މަގުތަކާއި، ބަނދަރުތައް މަރާމާތުކޮށް އިތުރަށް ތަރައްގީކުރުމަށެވެ. މީގެ ބޭނުމަކީ ޗައިނާގެ ވިޔަފާރިއަށް މަގު ފަސޭހަކޮށްދިނުމާއި ލޯން ލިބޭ ގައުމުތަކުގައި ޗައިނާގެ ނުފޫޒު ގަދަކުރުމެވެ.
އޭޝީޔާ ޕެސިފިކް ޤައުމުތަކަށް ނުރައްކަލުގެ ރަނގަބީލު ޖައްސަވަމުން އޭނާ ވިދާޅުވީ ބީއާރުއައި މަޝްރޫއަކީ ބޮޑު އުއްމީދެއް އެއާ މެދުކުރެވޭ މަޝްރޫއަކަށް ވިޔަސް، މިމަޝްރޫއުގެ ދަށުން ހިންގޭ ވަތުއޮނިގަނޑުގެ މަޝްރޫއުތަކުން ފައިދާ ހޯދޭނެ އެހެން ވަސީލަތްތައް ވެސް ގާއިމްކުރަން ޖެހޭ ކަމުގައެވެ.
ވޯލްޑް ބޭންކުން ކަންބޮޑުވާ އަނެއް ކަމަކީ ބައެއް ގައުމުތަކުން ނަގަމުންދާ ލޯނުތައް ބޮޑުވުމެވެ.
"މި މަޝްރޫއުތައް ހިންގަން މިލިބޭ ލޯނުތަކަށް ކިހާ ހޭދައެއް ކުރަން ޖެހޭބާ؟ މި ލޯނުތައް މިދޫކުރެވެނީ ކިހާވަރަކަށް ހާމަކަން ބޮޑު ޝަރުޠުތަކަކާއެކުބާ؟ ޝެޓީ ސުވާލުކުރެއްވިއެވެ. "ދަތުރު ފަތުރާ ގުޅުން ހުރި ހުރިހާ މަޝްރޫއުތަކަކީ ރަނގަޅު މަޝްރޫއުތަކެއް ނޫން. ހުރިހާ ގުޅުންތަކަކުން ލިބޭ އެއްޗަކީ އީޖާބީ އެއްޗަކަށް ނުވެދާނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.
ޗައިނާއިން ވަނީ އޭޝިޔާއާއި، އެފްރިކާއާއި، ޔޫރަޕުގައި ހިންގޭ ބީއާރުއައިއާ ގުޅުންހުރި މަޝްރޫއުތަކަށް 300 ބިލިއަން ޔޫއެސް ޑޮލަރު ޚަރަދުކޮށްފައެވެ. މިއަދަދު 1 ޓްރިލިއަން ޑޮލަރަށް އަރައިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މިފަދަ ބޮޑެތި ލޯނުތަކުގެ ނޭދެވޭ ނަތީޖާގެ އެއް މިސާލަކީ ސްރީލަންކާއެވެ. އެގައުމަށް ޗައިނާއިން ދޫކޮށްފައިވާ އެތައް ބިލިއަން ޑޮަލަރެއްގެ ލޯނު އަނބުރާ ނުދެއްކިގެން، އެގައުމުގެ ދެކުނުގައި ހެދި ހަންބަންޓޯޓާ ބަނދަރު ޗައިނާގެ ދެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަން ދޭން އެގައުމަށް ވަނީ މަޖުބޫރުވެފައެވެ. ހަންބަންޓޯޓާ ބައިނަލްއަގުވާމީ ބަނދަރަކީ ޗައިނާގެ 1.3 ބިލިއަން އެމެރިކާ ޑޮަލަރުގެ ލޯނަކުން ހަަދާފައިވާ ބަނދަރެކެވެ. ޗައިނާގެ ދެ ކުންފުންޏަށް 99 އަހަރަށް އެ ބަނދަރު ދިނީ 1.1 ބިލިއަން ޑޮަލަރުގެ އެއްބަސްވުމެއްގެ ދަށުންެނެވެ. ސްރީލަންކާގެ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދު 8 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.