ގޮތްހުސްވުމާ، ކަންބޮޑުވުމުގެ އެތައް މަހަކަށް ފަހު އޮސްޓްރޭލިޔާގެ ބައެއް އާއިލާތަކުން އެމީހުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ރަށަށް ގެނައުމަށް ކުރި މަސައްކަތް ކާމިޔާބުވެއްޖެއެވެ.
ކޮވިޑް-19 ގެ ކުރިން ކެނެޑާގައި ދިރިއުޅެމުން ދިޔަ ބައެއް އާއިލާތަކަށް ރަށަށް އާދެވުނު ނަމަވެސް އެމީހުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު 'ޕެޓް' ރަށަށް ގެނެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން އެކަން ކުރެވޭތޯ އެމީހުން މަސައްކަތްކުރަމުން ދާތާ އެތައް މަހެއް ވެއްޖެއެވެ.
ކުރި މަސައްކަތް ކާމިޔާބުވެ، އެ އާއިލާތައް ގުޅިގެން މިހާރު މިވަނީ 1 ލައްކަ އޮސްޓްރޭލިޔާ ޑޮލަރަށް (1.1 މިލިއަން ދިވެހި ރުފިޔާއަށް) މަތިންދާބޯޓެއް ޗާޓަރުކޮށްފައެވެ. އޮސްޓްރޭލިޔާ ޗެނެލް ނައިންއިން ޚަބަރުދިން ގޮތުގައި ކެނެޑާގެ ވެންކޫވާއިން އޮސްޓްރޭލިޔާގެ މެލްބަންއަށް މިހަފުތާގެ ތެރޭގައި ދަތުރުކުރާ މި މަތިންދާބޯޓުން 70 ޖަނަވާރު ގެންނެއެވެ. އެއީ ބުޅަލާއި ކުއްތާއެވެ.
ޗެނަލް ނައިންއަށް މައުލުމާތު ދިން އާއިލާއަކުން ބުނި ގޮތުގައި އެމީހުން ވަނީ އެމީހުން ގެންގުޅޭ ދެ ކުއްތާ ރަށަށް ގެނައުމަށް 17 ހާސް އޮސްޓްރޭލިޔާ ޑޮލަރު (1 ލައްކަ 87 ހާސް ދިވެހި ރުފިޔާ) ދައްކާފައެވެ.
އެހެން އާއިލާއަކުން ވަނީ އެމީހުން ގެންގުޅޭ ކުއްތާ ގެނައުމަށް 10 ހާސް އޮސްޓްރޭލިޔާ ޑޮލަރު (1 ލައްކަ 10 ހާސް ދިވެހި ރުފިޔާ) ޚަރަދުކޮށްފައެވެ.
"އެހެން އެއެްވެސް ގޮތެއް ނެތީ. އެސޮމެން ހަމަ އެހެން ދޫކޮށްނުލެވޭނެތާ؟" ދެ ކުއްތާ ގެންނަން ފައިސާ ދެއްކި އާއިލާއިން ބުންޏެވެ.
މި ޗާޓަރު ފްލައިޓް ހަމަޖައްސާފައި ވަނީ ކެނެޑާގެ ވާލްޑް ވައިޑް އެނިމަލް ޓްރެވެލް އަދި އޮސްޓްރޭލިޔާގެ ޖެޓްޕެޓްސް ގުޅިގެންނެވެ.