Aafathis

ރޯދަގެއްލޭ ކަންތައް

ރޯދަގެއްލޭ ކަންކަމަކީ ރޯދަވެރިޔާ އެކަމެއް ކުރުމުން އޭނާގެ ރޯދަ ބާޠިލުވެ އެރޯދަ އަލުން ޤަޟާކުރަން މަޖުބޫރުވާ ކަންކަމެވެ. މީގެ ތެރެއިން ގިނަ ކަންކަމަކީ ގެއްލުނު ރޯދަ ޤަޟާކުރުމުން ފުދޭ ކަންކަމެވެ. އަދި ގެއްލުނު ރޯދަ ޤަޟާކުރުމާއި އެކު ކައްފާރާ ދޭންޖެހޭ ކަމެއްވެސް މީގެ ތެރޭގައި ވެއެވެ.

މީގެތެރެއިން ފުރަތަމަ ކަމަކީ ރޯދައަށް ހުރިކަން ހަނދާންހުރެ ޤަޞްދުގައި ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އެތެރެހައްޓަށް ފޮނުވުމެވެ. މިފަދަ ކަމެއް ކޮށްފި މީހާގެ ރޯދަ ގެއްލޭނެއެވެ. އަދި ބާކީ އޮތް ވަގުތު ރޯދައަށް ހުރުމާއެކު އެ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ. ކާނާގެ ގޮތުގައި ހިމެނޭ، ގައިގައި ވަރު ޖެއްސުމުގެ ބޭނުމުގައި ދެވޭ އައި ވީ އިންޖެކްޝަންވެސް ހިމެނޭނީ ކާބޯތަކެތީގެ ޙުކުމުގައި ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ގަޔަށް ލޭ އެޅުންވެސް މިޙުކުމުގައި ހިމެނޭނެކަމަށް ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. 

ޤަޞްދުގައި ހޮޑުލައިފި މީހާގެ ރޯދަވެސް ގެއްލޭނެއެވެ. ހޮޑުގެ ކިތަންމެ ކުޑަ މިންވަރެއް ބޭރުވިޔަސް ވެހެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އަބޫދާވޫދާއި އަޙްމަދު ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. من ذرعه القيء فليس عليه قضاء  ومن استقاء عمدًا فليقض (ހޮޑު އެމީހެއްގެ މައްޗަށް ގަދަވެގެންފި މީހާގެ މައްޗަށް ޤަޟާކުރުމެއް ނެތެވެ. އަދި ޤަޞްދުގައި ހޮޑުލައިފި މީހާ ޤަޟާކުރާހުށިކަމެވެ.)

އަންހެނަކު ރޯދަހިފައިގެން ހުއްޓާ ޙައިޟުވެއްޖެ ނަމަ ނުވަތަ ނިފާސްވެރިވެއްޖެ ނަމަ އޭނާގެ ރޯދަ ގެއްލޭނެއެވެ. އަދި އެހިސާބުން އޭނާގެ ރޯދަ ކުރިއަށް ގެންދިއުން ޙަރާމްވާނެއެވެ.

ރޯދައަށް ހުރެ ރޯދަ ވީއްލުމަށް ނިޔަތް ގަނެފި މީހާގެ ރޯދަވެސް ގެއްލޭނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެނީ ނިޔަތަކީ ރޯދައިގެ ރުކުނެކެވެ. ރޯދައަށް ނުހުރުމަށް ނިޔަތް ގަތް ހިސާބުން ރޯދައިގެ ނިޔަތް ބާޠިލުވީއެވެ.

އަންހެނަކާއި ޖިމާޢުވުން ނޫން އެހެންގޮތަކަށް ރޯދައަށް ހުރެ ޝަހްވާނީ އެދުން ފުއްދައިފި މީހާގެ ރޯދަވެސް ގެއްލޭނެއެވެ. އަދި އޭނާ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ. ރޯދަމަހު ދުވާލު އަންހެނުންނާއި ޖިމާޢުވީ މީހާ އެރޯދަ ޤަޟާކުރުމާއި އެކު ކައްފާރާ ދޭން ޖެހޭނެއެވެ. ރޯދަހިފައިގެން ނިދިފައި އޮއްވައި އިޙްތިލާމުވީ މީހާގެ ރޯދަ ނުގެއްލޭނެއެވެ. އެއީ އެކަމަކީ  އޭނާގެ ޤަޞްދަކާއި ލައިގެން ހިނގި ކަމަކަށް ނުވާތީއެވެ.

ރޭގަނޑު ކަމަށް ހީކޮށް ދުވާލު ކެއި މީހާއާއި، އިރުއޮސިއްޖެ ކަމަށް ހީކޮށް، އިރު ނުއޮއްސެނީސް ކެއި މީހާގެ ރޯދަވެސް ގެއްލޭނެއެވެ. އެކަމަކު ފަޖުރުލީ ކަމާއިމެދު ޝައްކުވެ ހުރެ ކެއިމީހާގެ ރޯދަ ނުގެއްލޭނެ ކަމުގައި ޝާފިޢީ މަޒްހަބުގެ ޢިލްމުވެރިން ވިދާޅުވެއެވެ.

ކަވާ ޖެހުމުން ރޯދަގެއްލޭނެ ކަމަށް ޝާފިޢީ މަޒްހަބުގެ ބައެއް ޢިލްމުވެރިންނާއި އަލްއިމާމު ޢަހްމަދު ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް ގިނަ ޢިލްމުވެރިންގެ ރައުޔުގައި ކަވާޖެހުމުން ރޯދަ ނުގެއްލޭނެއެވެ. މިބޭފުޅުންގެ ދަލީލަކީ މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބްނު ޢައްބާސްގެ އަރިއަހުން އަލްބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެވެ. އޭގައި އައިސްފައިވަނީ احْتَجَمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ صَائِمٌ  (ރަސޫލުﷲ صلى الله عليه وسلم ރޯދައަށް ހުންނަވައިގެން ކަވާ ޖެއްސެވިއެވެ.) ގައިން ގިނަ ޢަދަދަކަށް ލޭނެގުމުގެ ޙުކުމަކީ ވެސް ކަވާޖެހުމުގެ ޙުކުމެވެ.

ކުރިންވެސް ބަޔާންވެދިޔަ ފަދައިން، ޝަހްވާނީ އެދުން ކޮންމެ ސިފައެއްގައި ފުއްދިޔަސް އެކަން ވެގެން ދާނީ ރޯދަ ގެއްލޭ ކަމަކަށެވެ. މީގެތެރެއިންވެސް ޖިމާޢުވުމަކީ ރޯދަ ގެއްލި އެޤަޟާކުރަން ޖެހުމުގެ އިތުރުން އެހެން އަދަބެއްވެސް އެކަމަށް ކަނޑައެޅިފައިވާ ކަމެކެވެ. އެއީ ކައްފާރާ ދިނުމެވެ. ކައްފާރާގެ ތަފްޞީލު ކީރިތި ރަސޫލު صلى الله عليه وسلمގެ އަންނަނިވި ޙަދީޘުގައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމާއި، އަޙްމަދާއި، އަބުދާވޫދާއި، އައްނަސާއީއާއި އައްތިރްމިޛީއާއި، އިބްނުމާޖާ ރިވާކުރައްވާފައިވެއެވެ. جاء رجل إلى النبي (صلى الله عليه وسلم) فقال: هلكت يا رسول الله. قال: وما أهلكك؟ قال: وقعت على امرأتي في رمضان. فقال: هل تجد ما يعتق رقبة؟ قال: لا. قال: فهل تستطيع أن تصوم شهرين متتابعين؟ قال: لا. قال: فهل تجد ما تطعم ستين مسكينًا؟ قال: لا. قال: ثم جلس، فأتى النبي (صلى الله عليه وسلم) بعرق فيه تمر، فقال: تصدق بهذا. قال: فهل على أفقر منا؟! فما بين لابَّتيْها أهل بيت أحوج إليه منا، فضحك النبي (صلى الله عليه وسلم) حتى بدت نواجذه، وقال: اذهب، فأطعمه أهلك . (މީހަކު ރަސޫލުﷲ صلى الله عليه وسلمގެ އަރިއަހަށް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަން ހަލާކުވެއްޖެއެވެ. އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ކަލޭ ހަލާކުކުރީ ކޮންކަމެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ތިމަން ރަމަޟާންމަހު (ދުވާލު) ތިމަންގެ އަބިމީހާއާއި ޖިމާޢުވެއްޖައީމެވެ. އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ކަލެއަށް އަޅަކު މިނިވަންކުރާނެ ވަރު ލިބޭނެހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ކަލެއަށް ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފޭނެހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ކަލެއަށް ފަސްދޮޅަސް މިސްކީނުންނަށް ކާންދޭނެވަރު ލިބޭނެ ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. ދެން އޭނާ އިށީނެވެ. ދެން ރަސޫލުﷲ صلى الله عليه وسلم ކަދުރު އަޅާފައިހުރި ކަންވާރެއް ހިއްޕަވައިގެން ވަޑައިގެން ޙަދީޘުކުރެއްވިއެވެ. އެހެންވިއްޔާ މިއިން ޞަދަޤާތް ކޮށްލާށެވެ. އޭނާ ދެންނެވިއެވެ. ތިމަންމެންގެ ތެރެއިން އެންމެ ފަޤީރު މީހުންގެ މައްޗަށް ހެއްޔެވެ؟ އެހެންކަމަށް ވަންޏާ މިރަށުގައި ތިމަންމެނަށްވުރެ ބޮޑަށް (ޞަދަޤާތަށް) ބޭނުންވެފައި ތިބި ބަޔަކު ނެތެވެ. އެހިނދު ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ ކޯފުޅުގެ ދަތްޕުޅުތައް ފާޅުވަންދެން ހިނިވަރުނަކުރެއްވިއެވެ. އަދި ޙަދީޘުކުރެއްވިއެވެ. ދާށެވެ. މިކަދުރު ކަލޭގެ ގޭގެ މީހުންނަށް ކާން ދޭށެވެ.)

އަލްއިމާމު އައްޝާފިޢީ ވިދާޅުވަނީ މިކަމުގައި ކައްފާރާ ވާޖިބުވާނީ ހަމައެކަނި ފިރިހެންމީހާގެ މައްޗަށް ކަމުގައެވެ. އަލްއިމާމު އަޙްމަދުގެ އަރިއަހުން ވެސް މިފަދައިން ރިވާވެފައި ވެއެވެ. ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ރޯދައަށް ތިބިކަން ހަދާންހުރެ، ދެމީހުންގެވެސް ރުހުމާއެކު ދެމީހުން ރޯދަމަހު ދުވާލު ޖިމާޢުވެއްޖެ ނަމަ ފިރިހެންމީހާއާއި އަންހެންމީހާގެ މައްޗަށް ކައްފާރާ ވާޖިބުވާނެއެވެ. ފިރިހެންމީހާ ގަދަކަމުން އަންހެންމީހާއާއި ގުޅުން ހިންގައިފިނަމަ ކައްފާރާ ވާޖިބުވާނީ ފިރިހެންމީހާގެ މައްޗަށެވެ. ދެމީހުން ގުޅުން ހިންގީ ދެމީހުންނަށް އެހެންމީހަކު މަޖްބޫރުކޮށްގެން ކަމުގައިވާނަމަ ދެމީހުންވެސް ކައްފާރާ ދޭކަށް ނުޖެހޭނެއެވެ.

Exit mobile version