Aafathis

ތާނަ އަކުރުން ޤުރްއާން ލިޔުން (2)

(23 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ލެޓިން އަކުރުގެ ވަބާ

މަޝްހޫރު އިސްލާމީ މުފައްކިރެއްކަމުގައިވާ އުސްތާޒު އަންވަރުލް ޖުންދީ އޭނާގެ ފޮތެއް ކަމުގައިވާ " އައްލުޣަތު " ގައި[1] ވިދާޅުވެފައިވެއެވެ. " ޢަރަބިބަހާ ދެކޮޅަށް ހުޅަނގުގެ އިސްތިޢުމާރުން ހަނގުރާމަ ފެށީ 18ވަނަ ސައްތައިގައި އިސްލާމީ ޤައުމުތައް އިސްތިޢުމާރުކުރުމާ ވިދިގެންނެވެ. ޢަރަބި އަކުރުން ލިޔަމުން ދިޔަ އިސްލާމީ ބައެއް ޤައުމުތަކުގައި ލެޓިން އަކުރުން އެ ޤައުމުތަކުގެ ބަސްތައް ލިޔަން މަޖްބޫރު ކުރުވިއެވެ. ޢަރަބި ޤައުމުތަކުގައި ޢަރަބިބަހާ ދެކޮޅަށް ކުރި މަސައްކަތް ވެފައި ވަނީ މިސްކިތުގެތެރޭގައި އެ ބަސް ބަނދެފައި ބޭއްވުމާއި، ޢާއްމުން މަގުމަތީގައި ވާހަކަ ދައްކާ ޢަރަބި ބަހުރުވަތަކުން އޮފީސްތަކާއި ރޭޑިއޯތަކާއި މަދްރަސާތަކުގައި ކިޔަވާ ދިނުމަށް ގޮވައިލުމާއި ، ޢަރަބި އަކުރުގެ ބަދަލުގައި ލެޓިން އަކުރުން ޢަރަބިބަސް ލިޔުމަށް ގޮވައިލުމެވެ. 1883 ވަނަ އަހަރު ލޯރޑް ޑުފެރިން ޢަރަބިބަހާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ގޮވައިލިއެވެ. އޭނާގެ ފަހުން ވިލިއަމް ޑިލްކޮކްސް 1892 ގައި މިޞްރުގައި ދަނޑުވެރިކަމާ ބެހޭ އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައިރު ، ޤުރްއާނާއި ސުންނަތުގެ ފަޞީޙު ޢަރަބި ބަސް ދޫކޮށްލުމަށް ގޮވައިލައި އެކަމަށް ހިތްވަރު ދިނެވެ. އޭނާގެ މި ގޮވައިލުމަށް އިޖާބަދީ އިންޖީލު މިޞްރުގެ ޢާއްމީ ޢަރަބިބަހަށް ތަރްޖަމާކުރިއެވެ. އެއަށްފަހު ވެލްފޯރ ނަމަކަށް އިނގިރޭސި ފަނޑިޔާރަކު " ޤާހިރާ ބަސް " ނަމަކަށް ކިޔާ ފޮތެއް 1902ގައި ލިޔެ ޝާއިޢު ކުރިއެވެ.މި ފޮތުގައި ޢަރަބިބަސް ލެޓިން އަކުރުން ލިޔުމަށް އޭނާ ގޮވައިލިއެވެ.[2]

ކީރިތި ރަސޫލާގެ ޒަމާނުގައި ލިޔެވިފައިވާ ޤުރްއާނުގެ ސޫރަތެއް. މިއީ " طــه " ސޫރަތުގެ އާޔަތްތަކެކެވެ.

ފިޤްހު އެކަޑަމީތަކުގެ ފަތުވާތައް

( The First International Symposium to resist the distortion of the Quran ): މިއީ 1988 ވަނަ އަހަރު ޕެރިސްގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ ބޮޑެތި މަޝްހޫރު ޢިލްމުވެރިން ބައިވެރިވެ ވޑައިގަތެވެ. މި ނަދްވާ ބެއްވުނީ ޕެރިހުގައި ހުންނަ އިސްލާމީ ތަރްބިޔަތާ ބެހޭ މަރްކަޒުންނެވެ. މި ސިންތާގައި ބަޙުސްކޮށްފައި ވަނީ ކީރިތި ޤުރްއާން ލެޓިން އަކުރުން ނުވަތަ އެހެންވެސް ޢަޖަމީ އަކުރަކުން ލިޔުމާ ބެހޭގޮތުންނެވެ. ޢަރަބި އަކުރުންނޫން އަކުރަކުން ކީރިތި ޤުރްއާން ލިޔުން ހުއްދަނުވާނެކަމަށް ބުނާ ހުރިހާ ފަތުވާތަކަށް މި ނަދްވާގައި ތާއީދުކޮށް އެކަން ކަށަވަރުކޮށް ދިނެވެ.މި ސިންތާގެ ބައި ވެރިން ދުނިޔޭގެ ޢާލިމުންނަށާއި، ދީނަށް ގޮވައިލާ މީހުންނަށާއި، މިސްކިތްތަކުގެ އިމާމުންނަށް ޢަރަބި އަކުރުނޫން އަކުރަކުން ޤުރްއާން ލިޔުމަށް ކުރެވިފައިވާ އަދި ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތެދުވެވަޑައިގަތުމަށް ގޮވައިލައިފައި ވެއެވެ. އަދި މިސްކިތްތަކާއި މަދްރަސާތަކުގައި ތަޖްވީދާއި ޤުރްއާން ކިޔަވާ ދިނުމަށާއި ޢަރަބިބަސް އުނގަންނާ ދިނުމަށް ވަޞިއްޔަތްކޮށްފައި ވެއެވެ. މި ބައްދަލުވުމުގެ ބައިވެރިން ޢަރަބިނޫން އަކުރަކުން ޤުރްއާނުގެ އާޔަތްތައް ލިޔެފައިވާ އެއްވެސް ފޮތެއް އެއްވެސް ޗާޕުޚާނާއަކުން ޗާޕުކޮށް ނުދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ. އަދި މި ފަދަ ފޮތްތައް ވިއްކައިނުދިނުމަށް ފޮތް ފިހާރަތަކުގެ ކިބައިން އެދިފައި ވެއެވެ.

ދިވެހިރާއްޖޭގެ ޙާލަތު

ރާއްޖެއަށް ބަލާއިރު ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ތަފާތު އިދާރާތަކުން ތަފާތު ޒަމާންތަކުގައި ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ރަސޫލާގެ ޙަދީސްފުޅުތައް ޢަރަބި އަކުރުން ފިލިޖަހައިގެން ލިޔުމަށް ވަނީ އަންގަވައިފައެވެ. ހުކުރު ޚުޠުބާއާއި ، އައްޝުޢުލާއާއި، ދީނުގެ މަގާއި ، އަލްމިންބަރު ފަދަ މަޖައްލަތަކާއި ލިޔުންތަކުގައި މި އުޞޫލު ވަނީ ދަމަހައްޓަވައިފައެވެ. ރާއްޖޭގައި ޝާއިޢު ކުރެވޭ ދީނީފޮތްތައް ފާސްކޮށް ދެއްވާއިރު މި އުޞޫލަށް ތަބާވެ ވަޑައިގަތުމަށް މުޞައްނިފުންނަށް އަންގަވައެވެ. އަދި ފޮތް ފާސްކުރުމުގެ އުޞޫލުގައި މި ވާހަކަ އައިސްފައި ވެއެވެ. ސަރުކާރުން ނެރުއްވަފައިވާ ކީރިތި ޤުރްއާނުގެ ދިވެހި ތަރްޖަމާއަށް ބަލައިލުމުން މަތީގައި އިސްވެ މި ދެންނެވި ހަމަތަކަށާއި އުޞުލުތަކަށާއި، ޤަރާރުތަކަށާއި، ނިންމުންތަކަށް ޢަމަލުކުރައްވައިފައިވާ ތަން ފެނެއެވެ.

ދިވެހި ޓައިޕްރައިޓަރު އީޖާދު ކުރެއްވިއިރު ލަފްޡުއް ޖަލާލަތި (ﷲ ) މި ލަފްޡު ތާނައިން ލިޔުމުން އެ ލަފްޡުގެ

ޙުރްމަތް ކެނޑިގެން ހިނގައިދާނެތި އެ ލަފްޡު ޢަރަބި އަކުރުން ލިޔުމަށް ޓަކައި ވަކި ފިތެއް ދިވެހި ޓައިޕްރައިޓަރުގައި ވާ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް މީހުން ފަރުވާލެއް ނެތި މި ލަފްޡު ތާނަ އަކުރުން ލިޔަމުންދާތީ 2018ވަނަ އަހަރު އޭރުގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރސް ޑރ. އަޙްމަދު ޒިޔާދު ވަނީ އެއީ މަނާކަމެއްކަން ހަނދާންކޮށް ދެއްވައިފައެވެ.5 މާރިޗް 2018ވަނަ ދުވަހު އާފަތިސް ދުވަހު ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި އިސްލާމިކް މިނިސްޓްރީން ﷲގެ މަތިވެރި އިސްމުފުޅު (ލަފްޡުއް ޖަލާލަތި) އަރަބި އަކުރުން ލިޔާން އަންގާން ޖެހުނީ އެ އިސްމުފުޅުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް ލިޔަމުން ގެންދާތީ ކަމަށް މިނިސްޓަރ ޒިޔާދު ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވިއެވެ. " މިހާރަކަށް އައިސް އެ ލަފުޒުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް އެ ލަފުޒު ބޭނުން ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ. ލަފްޒުއް ޖަލާލަތިއަށް ޙުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ހަމައެކަނި އަރަބި އަކުރުން ލިޔުމަށް ބާރުއެޅުމަކީ ރާއްޖޭގެ ދީނީ އިލްމުވެރިން އަބަދުވެސް ކުރައްވަމުން އަންނަ ކަމެކެވެ. އަދި އެކި ދުވަސްވަރު، އެ ދުވަސްވަރަކު އޮތް ސަރުކާރަކުންވެސް ވަނީ އަރަބި އަކުރުން ނޫން ގޮތަކަށް ﷲ ގެ އިސްމުފުޅު ލިޔުން މަނާވެސް ކުރައްވައިފައެވެ.ﷲ ގެ އިސްމުފުޅާއި، އިސްމުފުޅު ބޭނުން ކޮށްގެން ލިޔާ ނަންނަމާއި، ކީރިތި ރަސޫލާގެ ހަދީސުތަކާއި، ކީރިތި ޤުރްއާނުގެ އާޔަތްތައް ހަމައެކަނި އަރަބި އަކުރުން ލިޔަން އިސްލާމިކް މިނިސްޓްރީން އެންގެވީ، އެ ތަކެއްޗަށް އޮންނަ ގަދަރާއި، ޝަރަފަށް އެއްވެސް ވަރެއްގެ އުނިކަމެއް ގެނައުމަކީ ކޮށްގެން ވާނޭ ކަމެއް ކަމަށް ނުވާތީއެވެ."

(ނިމުނީ)

[1] - اللغة ص: 22

[2] - مجلّة الوعي الإسلامي . العدد 258 – جمادى الآخرة 1406هـ، (ص 32)

[3]

[4] - الشعرى : 192- 195

[5] - الشورى : 7

Exit mobile version