ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ފިލުވާލައި އެކަމަށް ޙައްލު ހޯދުމުގެ ގޮތުން މަސައްކަތް ކުރެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އދ. ގެ ޚާއްސަ މަންދޫބު ޝޯޑޯ ނޮޑާ، ފިޝަރީޒް މިނިސްޓަރ ޑރ މުޙަންމަދު ޝައިނާއާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
އދ. ރެޒިޑެންޓް ކޯޑިނޭޓަރު ކަމުގައި ހުންނެވި ޝޯކޯ ނޮޑާ، ފިޝަރީޒް މިނިސްޓަރ ޑރ ޝައިނާއެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލު ލިބިފައި ނެތް ނަމަވެސް ދެބޭފުޅުންވެސް މަޝްވަރާ ކުރެއްވީ ސިޔާސީ ގޮތުން ޙައްލެއް ހޯދުމާބެހޭ ގޮތުންކަން ވަނީ އެނގިފައެވެ. އިދިކޮޅު ފަރާތްތަކާއެކު ސަރުކާރުން ބާއްވަން ނިންމާފައިވާ މަޝްވަރާ ތަކުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ ޑރ ޝައިނީއެވެ.
ސަރުކާރުން އިދިކޮޅު ޕާޓީތަކާއެކު މަޝްވަރާއަށް ގޮވާލާފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ސަރުކާރާއެކު މަޝްވަރާގައި އިށީންނާނީ ޖަލު ބަންދަށް ގެންގޮސްފައިވާ ސިޔާސީ ހުރިހާ ފަރާތެއް ދޫކޮށްލުމުން ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދަނީ މަޝްވަރާއަށް އަންނަންޖެހޭނީ ޝަރުތެއްނެތި ކަމަށާއި މަޝްވަރާގައި ދެފަރާތުގެ ކަންބޮޑުވުންތަކާ ވާހަކަ ދައްކައިގެން ޙައްލު ހޯދާނީ ކަމަށެވެ.
މިނިސްޓަރ ޝައިނީއާ ބައްދަލު ކުރެއްވުމުގެ ކުރިން އދ. ރެޒިޑެންޓް ކޯޑިނޭޓަރު ޝޯކޯ ނޮޑާ ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާވެސް ބައްދަލު ކުރައްވާފައެވެ. އަދި މިވަގުތު ޖަލު ބަންދުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ވަކީލުންގެ ޓީމާވެސް ޝޯކޯ ވަނީ ބައްދަލު ކުރައްވާފައެވެ.