ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫގައި ޢިމާރާތްކޮށްފައިވާ ބަނދަރުހިޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ރޭ ހުޅުއްވައިދެއްވައިފިއެވެ.
ރިނބުދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރިނބުދޫއަކީ ރަށުވަންތަކަމުގެ، ރީތި އިޙްސާސާއި، ސާފުތާހިރުކަމާ، ރައްޔިތުންގެ އެއްބައިވަންތަ ކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރެއްވިއެވެ. އަދި އިޖުތިމާޢީ ގުޅުން ބަދަހި ކުރުމަށާ، ރަށުގެ ރަށުވަންތަކަން ހިފެހެއްޓުމަށްޓަކައި ކައުންސިލުން އިސްވެ ރައްޔިތުންނާ ގުޅިގެން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާ ކުރައްވައި، އެގޮތުގައި ރަށުގެ މުސްތަޤުބަލު އުޖާލާ ކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޮންމެ އިންސާނަކީވެސް ވިސްނުމުގެ ތަފާތުތަކެއް ހުރި މީހެއްކަން ޤަބޫލު ކުރަންޖެހޭނެ ކަމަށާ ޚިޔާލު ތަފާތުވުން ތަކެއް ހުންނާނެ ކަމުގައި ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް މިފަދަ ހިޔާތަކުގައި މަޑުކޮށްލައިގެން ތިބެ ދެކެވޭ ވާހަކައިގެ ސަބަބުން، ދިމާވާ ހިތްހަމަ ނުޖެހުންވެސް އަދި އަޅުގަނޑުމެންގެ ހިތްތަކުގައި ހުންނަ ނުތަނަވަސްކަންވެސް ފިލައި، އެކުވެރިކަމާ، ޢާއިލީގުޅުން ބަދަހި ކުރުމުގެ ފުރުސަތު ފަހިވެގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ އިޖުތިމާޢީ ކަންކަމަށް އިސްނަގައިގެން މަސައްކަތް ކުރާ ކޮންމެ ކައުންސިލަކަށް ސަރުކާރުން ފުރިމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ، މުޅިދުނިޔެއަށް މިއަދު ކުރިމަތިވަމުންދާ ކަންތައްތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށްޓަކައި ކެރިވަޑައިގެން ސާބިތުކަމާއެކުގައި ރައީސުލްޖުމްހޫރިއްޔާ ހުންނެވިތަން ދިވެހި ރައްޔިތުންނަށް ފެނިގެންދާ ކަމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެއް އެބައޮތްކަމަށާއި، އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤަކަށް އުނިކަން ނާންނާނެ ފަދައިން ކަންކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ހާމަވެގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައާއެކު މިރޭގެ ރަސްމިއްޔާތުގައި، މި ސަރުކާރުން އިސްނަންގަވައިގެން ފެއްޓެވި ބިޔަބޮޑެތި މަޝްރޫޢުތައް ކުރިޔަށްގެންގޮސްގެން ނޫނީ، އަޅުގަނޑުމެން މިތިބި ހަރުފަތުން އެހެން ހަރުފަތަކަށް ވާސިލު ނުވެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ދިވެހިރާއްޖެ މިއޮތީ މުޅިދުނިޔެއަށް ހުޅުވައިލެވިފައި ކަމަށާއި، ރަސްމާލެއަށް ގެންނަވާ ތަރައްޤީ އަކީ މިރާއްޖޭގެ ރައްޔިތުންގެ މުސްތަޤުބަލް އުޖާލާކުރުމަށްޓަކައި ކުރައްވާ މަސައްކަތެއް ކަމަށްވާތީ، އެމަޝްރޫޢަށް ތާއީދުކުރަނީ، ދިވެހި ރައްޔިތުންނަށް އޭގެ މަންފާ އާއި ލާބަ ލިބިގެންދާނެތީ ކަމުގައިވެސް، އެމަނިކުފާނު ވިދާޅުވިއެވެ.
މިސަރުކާރުން ރިނބުދޫގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ކައުންސިލުގެ އާޢިމާރާތް ކުރިޔަށްދާކަމަށާއި، ޞިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ޢިމާރާތްވެސް އެޅޭނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ
މިރޭގެ ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލާއެއް އަރުވާފައެވެ. ބަނދަރުހިޔާ ހުޅުވުމަށްފަހު، ރައިސުލްޖުމްހޫރިއްޔާގެ ނައިބު، އެ ޢިމާރާތް ބައްލަވާލެއްވިއެވެ.
މީގެ އިތުރުން ރިނބުދޫގެ ޒުވާނުންގެ ދަޢުވަތަކަށް ރިނބުދޫގެ ދެ ޓީމެއް ކުޅުނު ފުޓްސަލް މެޗުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.
