ދިރާގުގެ އިޖުތިމާއީ ޒިންމާ (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ) ގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް އެމް.ވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026 ގައި 'ކޯޕަރޭޓް ޗޭންޖްމޭކަރސް' އެވޯޑް ދިރާގުން ވަނީ ހާސިލުކޮށްފައެވެ.
އެމްވީޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސްގެ "ކޯޕަރޭޓް ޗޭންޖްމޭކާސް" އެވޯޑަކީ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ އަށް މުހިންމު އަހައްމިއްޔަތުކަމެއްދީ، މުޖުތަމަޢުތަކަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ އަގުވަޒަންކުރުމަށް ދެވޭ އެވޯޑެކެވެ.
މި އަހަރު މި އެވޯޑް ދިނުމުގައި ގައިންގަޔަށް ނާރާ ބަލިތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މައްޗަށް ވަނީ ހާއްސަ އަހައްމިއްޔަތުކަމެއް ދީފައެވެ. މި ގޮތުން، ދިރާގުގެ އަގު ވަޒަންކޮށް މި އެވޯޑް ލިބިފައިވަނީ ކެންސަރ ސޮސައިޓީއޮފް މޯލްޑިވްސް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ފަދަ މިދާއިރާގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާތަކަށް ދިރާގުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމުގެ އިތުރުން، ފުޅާ ދާއިރާއެއްގައި ޝާމިލު މުޖުތަމައުއެއް ބިނާކުރުމަށާއި ތިމާވެށި ހިމާއަތްކޮށް ރައްކާތެރިކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކަށެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްތަކުގައި ޑިޖިޓަލް އިންކްލޫޝަން، އަންހެނުން އަދި ޒުވާނުން ބާރުވެރިކުރުވުމުގެ އިތުރުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ތިމާވެށި ހިމާޔަތްކުރުމަށް ހާއްސަ އަހައްމިއްޔަތުކެމެއް ދެއެވެ.
މުޖުތަމަޢުއަށް މުހިންމު މިފަދަ ކަންކަމުގައި ވިޔަފާރިތަކުން އިސްނަގައިގެން އެހީތެރިވެދެވިދާނެ ގޮތްތައް ދައްކުވައިދީ، ޝާމިލު މުޖުތަމަޢުއެއް އޮތް ދެމެހެއްޓެނިވި ދިވެހިރާއްޖެއެއް ބިނާކުރުމުގައި ދިރާގުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
