ވ.ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި 'ކީސާ' ދޯނީގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ނޮވެންބަރު 10ވަނަ ދުވަހުގެ ރޭ 23:51 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.
މިގޮތުން، ރޭގެ 02:37 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ދޯނި އޮތް ސަރަހައްދަށް ގޮސް، މި ދޯނިން ދަތުރުކުރަމުންދިޔަ ދިވެއްސަކާއި، ތިން ބިދޭސީން ސަލާމަތްތެރިކަމާ އެކު ހާބަރކްރާފްޓަށް ނަގާފައެވެ. އަދި، އެ ދޯނީގެ ވެރިިފަރާތުން ގެނައި "އޯސަން ރައިޑް" ދޯނި 03:37 ހާއިރު އެ ސަރަހައްދަށް އައުމުން، މި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.
މި ހާދިސާގައި އެ ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާއެއް ވެފައިވާތީ އެ މިހާ ވަނީ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައެވެ.
