ހައްޔަރު (9)

(04 ނޮވެމްބަރ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ)

މުދައްސިރުގެ ދައްތަވެސް ، މުދައްސިރުގެ މަރުގެ ތުހުމަތު އަޅުވަނީ ރާބިޔާގެ ބޮލުގައެވެ. މުދައްސިރުގެ ދައްތަ މަރްޔަމް ބުނާގޮތުގައި އެކައިވެންޏަށް އޭނާ އެހާ ޤަބޫލެއްނޫނެވެ. އެހާ ކުއްލި ގޮތަކަށް މުދައްސިރު އެކުއްޖާ އާ ކައިވެނި ކުރުމުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާކަމުގައި މަރްޔަމް ދެކެއެވެ. އޭގެ އިތުރަށް ، އެކަމަށް ބާރު ލިބެނީ ، ކައިވެންޏަށް މަހެއްވެސް ނުވަނިސް ، މުދައްސިރު މަރުވުމެވެ. ނުވަތަ ޤަތުލު ކުރެވުމެވެ. އަދި ރާބިޔާ ފިލައިގެން ދިއުމެވެ. ފުލުހުންގެވެސް ރަޢުޔަކީ އެއީއެވެ. އެވާހަކަ ، އިވޭ ކޮންމެ ފަހަރަކު ޙިޖާޒީގެ ކަންބޮޑުވުން އިތުރު ވެއެވެ. މުދައްސިރުގެ މަރުގެ ޙަޤީޤަތް އެންމެ ބޮޑަށް އެނގޭނެ އެކަކީ އޭނާ ކަމަށްވާތީއެވެ. ދެން އެކަން އެނގޭނީ ޙިޖާޒީގެ ވަރަށް ގާތް ދެ ހަށިފާރަވެރިންނަށެވެ. އެހެންމީހަކަށް އެކަން ހިނގައިދިޔަގޮތެއް އެއްވެސް ވަރަކަށް ނޭނގޭނެއެވެ. ހޮސްޕިޓަލުގެ ރިކޯޑްތަކުގައިވެސް ލިޔެވިފައި އޮތީ ރާބިޔާގެ ބަދަލުގައި ނަން ބަދަލުކުރެވިގެން އެހެން މީހެއްގެ ނަމެވެ. އޭނާގެ ނަމަކަށް ދެވުނީ ޒަރްމަލާއެވެ. އެކަން އެގޮތަށްކުރީ ޙިޖާޒީގެ ރޭވުމެއްގެ މަތިންނެވެ.

މުދައްސިރުގެ ޖަނާޒާގައި ޙިޖާޒީވެސް ބައިވެރިވިއެވެ. ޙިޖާޒީ އެތަނުގައި ، ޤަބުރުސްތާނުގައި ހުއްޓައި ޖާވީދުގެ އަޢުވާނުންނަށް އޮތީ ފެނިފައެވެ. އެވާހަކަ ޖާވީދަށް އެމީހުން ކިޔައިދިނެވެ. އަދި މުދައްސިރަކީ ، ޙިޖާޒީއާ އެކީ ކިޔަވަން އުޅުނު ، އޭނާގެ ވަރަށް ގާތް ރަޙުމަތްތެރިއެއްކަން އެމީހުން ، ޖާވީދަށް ސާފުކޮށްދިނެވެ. އެހެންކަމަށް ވަންޏާ ރާބިޔާއާ ކައިވެނި ކުރީ މުދައްސިރެވެ. ޙިޖާޒީގެ ރަޙުމަތްތެރިޔާއެވެ. އެއީ ، ޖާވީދުގެ ކޮޅަށް އުނދަގޫ ޙާލަތަކަށް ވާނެއެވެ. ރާބިޔާގެ ކަންކަމުގައި ޙިޖާޒީ އުޅޭކަމަށް ވަންޏާ އެއީ ޖާވީދުގެ މަގަށް އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ.

ޒަރްމަލާގެ ޙާލަތު ، ހޮސްޕިޓަލުން ދޫކޮށްލެވޭވަރަށް ރަނގަޅެއްނޫނެވެ. އެކަމަކު ، ޙިޖާޒީއަކަށް އެހާ ގިނަދުވަހު އެކަމުގެ ތެރޭގައި ހޮސްޕިޓަލުގައި ހުރެވޭކަށްވެސް ނެތެވެ. އެހެންކަމުން ، ޑޮކްޓަރާ ވާހަކަ ދައްކައިގެން ، ޒަރްމަލާގެ ބޭސް ލިޔުއްވައި ، ޒަރްމަލާއަށް ދިމާވާ ޞިއްޙީ ހުރިހާ ކަމަކަށް ޙިޖާޒީ ޒިންމާވާގޮތަށް ، ޒަރްމަލާ ހޮސްޕިޓަލުން ދޫކޮށްލުމަށް އެއްބަސްވެއްޖެއެވެ. އެނޫން އެހެންގޮތެއް ، ޙިޖާޒީއަކަށް ނެތެވެ. ރާބިޔާ ހޯދުމުގެ މަސައްކަތް އިސްލާމްއާބާދުގެ ފުލުހުންވަނީ ފަށާފައެވެ. ވީ އެންމެ އަވަހަކަށް އިސްލާމްއާބާދުން ނުކުންނަން ޖެހެއެވެ. އެހެންނޫނީ ، ޙިޖާޒީވެސް މީގެ ތެރެޔަށް ، ފުލުހުން ވައްދާނެއެވެ. ޙިޖާޒީ ނިންމީ ޒަރްމަލާ ގޮވައިގެން އޭނާގެ ގެޔަށް ދިއުމަށެވެ. އެކުއްޖާގެ ޒިންމާއަކީ މިހާރު ޙިޖާޒީ އުފުއްލަން މަޖްބޫރު ކަމަކަށް އެއޮތީ ވެފައެވެ. މުދައްސިރުގެ މަރުމަތީ ، އެކުއްޖާވަނީ ޙިޖާޒީއާ ޙަވާލު ކޮށްފައެވެ.

ޙިޖާޒީ ކޮޓަރިޔަށް ވަތްތަނުން ޒަރްމަލާ ލޯ ހުޅުވައިލިއެވެ. ޙިޖާޒީ އަމިއްލަޔަށް ތަޢާރުފްވެ އޭނާގެ ނަމަކީ ޙިޖާޒީކަމާއި އޭނާއަކީ މުދައްސިރުގެ ވަރަށް ގާތް ރަޙުމަތްތެރިއެއްކަމުގައި ބުންޏެވެ. އަދި ، ފަހަރެއްގައި އޭނާގެ ނަން ޒަރްމަލާގާތު ، މުދައްސިރު ބުނެފައި އޮވެދާނެކަމަށްވެސް ބުންޏެވެ. މުދައްސިރާއި ޒަރްމަލާގެ ދުޝްމަނުންނާ ބެހޭ އެއްވެސް ކަމެއް ޙިޖާޒީއަކަށް ނޭނގެއެވެ.

" އެންމެ ފަހު ނޭވާޔާއެކީ މުދައްސިރު އަހަރެންގާތު ބުނި ވާހަކަޔަކީ ޒަރްމަލާގެ ފުރާނަޔަށް ނުރައްކާވެފައިވާ ކަމަށާއި ، ޒަރްމަލާ ސަލާމަތް ކޮށްދިނުމަށެވެ. އަދި ، އޭނާގެ އަމާނާތެއްގެ ގޮތުގައި ޒަރްމަލާއާ ޙަވާލު ވުމަށެވެ. މި ވަގުތަށް އެންމެ ރަނގަޅީ ވީ އެންމެ އަވަހަކަށް މި ހޮސްޕިޓަލުން އަހަރެމެން ނުކުތުމެވެ. ޒަރްމަލާ މި ހޮސްޕިޓަލަށް ގެނެވިފައިވަނީވެސް އެއްވެސް މީހަކަށް ނޭނގި ، ސިއްރިޔާތުގައެވެ. ހޮސްޕިޓަލްގެ ލިޔުންތަކުގައި ހުންނާނީ ރާބިޔާގެ ނަންވެސް ބަދަލުކޮށް ، ޒަރްމަލާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައެވެ. އެއީވެސް ، ރާބިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ. މުދައްސިރަށް ޒަރްމަލާ ކުރި އިތުބާރު އަހަރެންނަށް ކުރާނެކަމަށް ހީކުރަމެވެ. ޒަރްމަލާއަށް ދެރަވާނެ އެއްވެސް ގޮތެއް އަހަރެންނެއް ނުހަދާނަމެވެ. ތިޔައީ މިހާރު އަހަރެންގެ އަމާނާތެކެވެ. " ޙިޖާޒީ އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ޙިޖާޒީގެ ވާހަކަ ނިމުމާއެކީ ، މުދައްސިރު ކޮބައިތޯ ޒަރްމަލާ ސުއާލު ކުރިއެވެ. އެ ސުއާލަށް ދޭނެ ޖަވާބެއް ކުއްލިޔަކަށް ޙިޖާޒީގެ ދުލަކަށް ނައެވެ. ހަމަހިމޭންކަންމަތީ ޙިޖާޒީއަށް ހުރެވުނީއެވެ. އޭގެ އިތުރަށް ޒަރްމަލާވެސް މުދައްސިރާ ބެހޭގޮތުން އިތުރު ސުއާލެއް ނުކުރެއެވެ. އެހެނަސް ، ހޮސްޕިޓަލުން ނުކުމެގެން އެދާ ތާކަށްދާން ކާރަށް އެރިއިރުވެސް ، ޒަރްމަލާގެ ހިތުގައި ފުނިޖެހިފައިހުރި ސުއާލުތަކެއް ހުއްޓެވެ.

ކާރު ދުއްވަމުން ދިޔައިރު ، ދުއްވަމުން އެދާ މަގުތަކާއި ދާތަނަކާ ބެހޭގޮތުން ޙިޖާޒީއާ ސުއާލުކުރާކަށް ޒަރްމަލާ ބޭނުމެއް ނޫނެވެ. ޓްރެފިކް ލައިޓަށް ކާރު ހުއްޓައިލުމާއެކީ ، ކުއްލިޔަކަށް ޒަރްމަލާ ކާރުން ފުންމާލައި ، އަޅައި އިތިކޮށް ދުއްވައިގަތެވެ. ޒަރްމަލާ ބޭނުންވީ އޭނާ އެގެންދެވޭ ތަނަކަށް ނުގޮސް ، މުދައްސިރު ގާތަށް ދިއުމަށެވެ. ޙިޖާޒީއާއި އޭނާގެ ހަށިފާރަވެރިންވެސް ކާރުން ފައިބައި ޒަރްމަލާ ފަހަތުން ދުއްވައިގަތެވެ. ޒަރްމަލާއަށް މާ ދުރަށް ނުދެވެނިސް ، ޙިޖާޒީގޮސް ޒަރްމަލާގެ ކުރިމައްޗަށް އަރައި އޭނާ ހިފެހެއްޓިއެވެ. އޭރުވެސް ، އޭނާ މުދައްސިރުގާތަށް ދާން ދޫކޮށްލަ ދިނުމަށް ޒަރްމަލާ ގޮވަމުން ގެންދިޔައެވެ.

" ކޮންމެވެސް ދެމީހަކު އެރޭ އަހަރެމެން ގެޔަށް އައެވެ. އެމީހުން ، މުދައްސިރު މަރައިލާނެއެވެ. އަހަރެން މުދައްސިރުގާތަށް ދާން ދޫކޮށްލަދޭށެވެ. " ޒަރްމަލާ ޙިޖާޒީއަށް އާދޭސް ކުރަމުން ގެންދިޔައެވެ.

މުދައްސިރު ގާތަށް ގެންގޮސްދޭނެކަމަށް ޙިޖާޒީ ބުނުމާއެކީ ، ޒަރްމަލާ ހަމަޖެހިލައި އަލުން ކާރަށް އެރިއެވެ. ކާރު ދިޔައީ މުދައްސިރު ވަޅުލެވިފައި އޮތް ޤަބުރުސްތާނަށެވެ. ކާރު ހުއްޓައިލުމާއެކީ ، ޒަރްމަލާ ކާރުން ފައިބައި ކުރިމަތި ބަލައިލިއިރު އެއީ މީހުން ވަޅުލާ ސަހަރާއެކެވެ. ޒަރްމަލާއަށް އެތަން ފެނުމާއެކީ އޭނާގެ ބޮލަށް އެނބުރުން އަރައި އަރިއަޅައިލިއެވެ. އަދި ވެއްޓެންދަމުން ޙިޖާޒީގެ ކޮނޑުގައި ހިފަހައްޓައިލިއެވެ. ޙިޖާޒީވެސް ޒަރްމަލާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. އަދި އަންނާށޭ ބުނެ ޙިޖާޒީ މަޑުމަޑުން ހިނގައިގަތުމުން ، އޭނާގެ ފަހަތުން ޒަރްމަލާ ހިނގައިގަތެވެ. އެވަގުތު ، ޖާވީދާއި އޭނާގެ އަޢުވާނުންވެސް އެތަނަށް އައެވެ. އަދި އެތަނުގައި އެނބުރިލާފައި ނުކުމެގެން ދިޔައިރު ، ޙިޖާޒީއާއި ޒަރްމަލާ އެމީހުންނަށް ފެނުނުކަމެއް ނޭނގެއެވެ.

ޙިޖާޒީ މަޑުމަޑުން ހިނގަމުންގޮސް ، މުދައްސިރުގެ މަހާނަކައިރީ މަޑުކޮށްލިއެވެ. އެތަނުގައި ވަޅުލެވިފައިވަނީ މުދައްސިރުކަމުގައި ޙިޖާޒީ ބުންޏެވެ. އެވަގުތު ޒަރްމަލާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ.

" އެރޭ ، މުދައްސިރު ފޯނުކޮށްފައި އޭނާއާ އޭނާގެ އަންހެނުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގައި ބުންޏެވެ. އަހަރެން އޭރު އުޅެނީ އިސްލާމްއާބާދާ އެހާ ދުރުނޫން ހިސާބެއްގައެވެ. ވިހާ އަވަހަކަށް ދެވޭތޯ ބެލީމެވެ. އެކަމަކުވެސް އަހަރެމެންނަށް މުދައްސިރުގެ ގެޔަށް ދެވުނުލެއް ލަސްވީއެވެ. މުދައްސިރުގެ ފުރާނަ ދިޔައީ އަހަރެންގެ އަތްދަނޑިމަތީގައި އޮއްވައެވެ. އެންމެ ފަހު ނޭވާ ލަމުންވެސް މުދައްސިރު ބުނީ ޒަރްމަލާގެ ވާހަކައެވެ. މުދައްސިރު އެދިޔައީ އަހަރެންނަށް އަމާނާތެއްގެ ގޮތުގައި ޒަރްމަލާ ޙަވާލު ކޮށްފައެވެ. އަހަރެންގެ ރަޙުމަތްތެރިޔާ މަރުމަތީ ކުރި ވަޞިއްޔަތް ފުރިހަމަ ކުރުމަށްޓަކައި ، ޒަރްމަލާ ސަލާމަތުން ރައްކާތެރިކަމާއެކީ ގެންގުޅެ ބެލެހެއްޓުމަކީ އަހަރެންގެ ޒިންމާ އެކެވެ. " ޙިޖާޒީ ބުންޏެވެ.

ޒަރްމަލާގެ ހިތުގައި އަޅާނެ ވޭނުގެ އިޙްސާސް އޭނާއަށް ކުރެވޭކަމުގައި ޙިޖާޒީ ބުންޏެވެ. އެހާ ގިނައިރު އެތަނުގައި އެމީހުން މަޑުކުރުމަކީ އެހާ ރައްކާތެރިކަމެއް ނޫނެވެ. ރާބިޔާ ހޯދުމުގެ މަސައްކަތް އިސްލާމްއާބާދުގެ ފުލުހުން މިހާރުވެސް ކުރިޔަށް އެބަ ގެންދެއެވެ.

ޒަރްމަލާގެ ކޮނޑުގައި ހިފައި ޙިޖާޒީ އޭނާ ބިންމަތިން ނެގިއެވެ. އަދި ކާރާ ދިމާލަށް އިޝާރާތްކޮށް ކާރަށް އެރުމަށް އެދުނެވެ. ޒަރްމަލާވެސް ރޮމުންރޮމުން ކާރާދިމާލަށް ހިނގައިގަތެވެ.

ވަކިހިސާބަކަށް ދިޔަތަނާ ޙިޖާޒީ ، ޒަރްމަލާއަށް އެއްކަމެއް ހަނދާން ކޮށްދިނެވެ.

" އަހަރެމެންގެ ގޭގައިވެސް ރާބިޔާއަށް މުޚާތަބު ކުރެވޭނީ ޒަރްމަލާގެ ނަމުންކަން ހަނދާން ކުރައްޗެވެ. ތިޔައީ ރާބިޔާއެއް ނޫނެވެ. ތިޔައީ ޒަރްމަލާއެވެ. " ޙިޖާޒީ ބުންޏެވެ.

ކުޑައިރުކޮޅަކު ދުއްވައިލިތަނާ ޙިޖާޒީމެންގެޔަށް ދެވިއްޖެއެވެ. އެއީ ބޮޑު ގަނޑުވަރެކެވެ. އިހުގެ ގޮތަށް ބުނާނަމަ ހަވޭލީއެކެވެ. ޙިޖާޒީ އައިވާހަކަ ގޭތެރޭގައި ފެތުރުނީ ވައިރޯޅިއެއް ހެންނެވެ. އެހާ ވާރަށް އެއަޑު ފެތުރުނީ ، ރީތިރީތި ޅަ އަންހެންކުއްޖަކު ގޮވައިގެން މިފަހަރު ޙިޖާޒީ އައުމުން ކަމަށް ވެދާނެއެވެ.  ޙިޖާޒީ ރައްޓެހިވެގެން އުޅޭ އަވީ އަކަށްވެސް އެކަމެއް ނޭނގެއެވެ. އެކަމާ އަވީހުރީ ނައްޓާފައެވެ. އެހެންޏާ ޙިޖާޒީއަކީ އޭނާގާތު ނުބުނާ އެއްވެސް ސިއްރެއް އަދި ވާހަކައެއްވެސް ނޯންނަ ވަރުގެ ގާތް މީހެކެވެ. ޙިޖާޒީގެ މަންމަޔަށްވެސް އެ ކުއްޖާއާބެހޭ އެއްވެސް ވާހަކަ އެއް ނޭނގެއެވެ.

ފެންފޮދެއް ބޯލަން އަވީ ބަދިގެ ފަރާތަށް ޖެހިލިއިރު ، ބަދިގެ ތެރޭގައި ބާނދީންގެ މެދުގައިވެސް އޮތީ އެވާހައެވެ. އަވީއަށްވުރެ އެކުއްޖާ ރީތިކަމަށްވެސް ބައެއް ބާނދީން ބުނެ އުޅުނެވެ. އެކަމާ ގުޅިގެން އަވީގާތަށް އައިސްހުރި ރުޅި ކޮންޓްރޯލް ނުކުރެވިގެންގޮސް ބީބިޖާނަށް އެކަމުގެ ޝަކުވާ ހުށަހެޅިއެވެ.

އަވީގެ އެ ޝަކުވާޔާ ގުޅިގެން ބީބިޖާންގާތަށް އައީ އަމަށަކު ހިންޏެއްނޫނެވެ. އެއީ އަވީގެ ޅަކަމުން ވާ ގޮތެކެވެ. ޙިޖާޒީ ގާތަށްގޮސް ސީދާސީދާ އެ ވާހަކަ ދެއްކުމަށް އަވީގާތު ބީބިޖާން ބުންޏެވެ. އެއްވެސް ސަބަބަކާ ނުލައި އެކަހަލަ ކަމެއް ޙިޖާޒީއެއް ނުކުރާނެއެވެ. އެކަމަކު ، އަވީގެ ހިތް ޙިޖާޒީގެ މައްޗަށް ސާފުކުރަން ޖެހޭކަމަށް ބުނެ ، ޙިޖާޒީ ގާތަށް އަވީ ފޮނުވިއެވެ.

ޙިޖާޒީގާތަށް އަވީ ފޮނުވައިލުމުގެ ކުރިން ބީބިޖާން އާއި ޙިޖާޒީއާ ދެމެދު އޮތީ ، އެ އަންހެންކުއްޖާޔާ ބެހޭގޮތުން ވާހަކަ ދެކެވިފައެވެ. ޙިޖާޒީ ބުނި ގޮތުގައި ، އެއީ އޭނާގެ ވަރަށް ގާތް ރަޙުމަތްތެރިއެއްގެ އަނބިމީހާއެވެ. އެ އަންހެންކުއްޖާގެ ފިރިމީހާ ޤަތުލު ކުރެވުނީ އޭނާގެ ޙާޟިރުގައި ގުންޑާއިންގެ ބަޔަކު އެގެޔަށް ވަގަށް ވަދެއެވެ. އޭނާގެ ރަޙުމަތްތެރިޔާ މަރުމަތީގައި ޙިޖާޒީގެ ކިބައިން އެދުނީ ، އަމާނާތެއްގެ ގޮތުގައި އެ ކުއްޖާޔާ ޙަވާލު ވުމަށެވެ. އެ ކުއްޖާއާ އަޅައިލާނެ އިތުރު މީހަކު މި ދުނިޔެއަކު ނެތެވެ. އެއީ ވަރަށް ނިކަމެތި ކުއްޖެކެވެ. އެ ކުއްޖާޔަށް ދެރަގޮތެއް ވިޔަނުދޭނެކަމަށް ޙިޖާޒީވަނީ އޭނާގެ ރަޙުމަތްތެރިޔާއަށް ވަޢުދު ވެފައެވެ. އެއީ އެގެޔަށް އައި ދުވަސްކޮޅެއްގެ މެހެމާނެކެވެ. އެ ކުއްޖާޔަށް އެމީހުންގެ އަޅައިލުމާއި އިޙްސާންތެރިކަން ބޭނުން ވެއެވެ. އިންސާނިއްޔަތަށްޓަކައި އޭނާގެ އެ ޢަމަލުގައި ސަބަބުތަކެއް ވާކަން ޤަބޫލުކޮށް ، އެ ކުއްޖާޔަށް އެ ގެއިން އަޅައިލުމާއި އިޙްތިރާމާ އަދި ޤަދަރު ލިބުމަށް ޙިޖާޒީ އެދޭކަން އޭނާގެ މަންމަޔަށް ހާމަކޮށްދިނެވެ. އެއަށްވުރެ އިތުރު މަޢުލޫމާތެއް އޭނާއަށް މިވަގުތު ދެވެން ނެތްކަމަށާއި ވަގުތު ޖެހުނީމަ ހުރިހާ ކަމެއްވެސް ހާމަ ކުރާނެކަމަށް ޙިޖާޒީ ބުންޏެވެ.

ޙިޖާޒީއަކީ ، އޭނާގެ ތިންކުދިންކުރެ އެންމެ ހިތްތިރި ކުއްޖާއެވެ. އެންމެ ހަގު ކުއްޖާއެވެ. އެންމެ ތަޢުލީމީ ކުއްޖާ މެއެވެ. ޙިޖާޒީގެ މަޤްޞަދާއި އޭނާގެ މަޖްބޫރީ ޙާލަތު ބީބިޖާން އަށް ވިސްނުނެވެ. އަދި ކަންބޮޑު ނުވުމަށާއި ، ޒަރްމަލާއަކީ އެގޭގެ ކުއްޖެއްކަމުގައި ބަލައިގެން އެގެއިން އޭނާއަށް އަޅައިލުމާއި ލޯބި ލިބޭނެކަން ބީބިޖާން ، ޙިޖާޒީއަށް ކަށަވަރު ކޮށްދިނެވެ.

ޙިޖާޒީ ދިއުމާއެކީ ، ގޭގެ ނޯކަރަކު ގެނެސް ، އޭނާގާތަށް ޒަރްމަލާ ގެނެސްދިނުމަށް ބީބިޖާން އެދުނެވެ. ޒަރްމަލާ އައުމަށް ކުޑަ ވަގުތުކޮޅެއް ނެގިއެވެ. ޒަރްމަލާ އައުމާއެކީ ، އޭނާގާތުގައި އިށީނުމަށް ބީބިޖާން އެދުނެވެ. އޭނާއަކީ ޙިޖާޒީގެ މަންމަ ކަމާއި އޭނާއަށް އޭނާގެ ކުދިން މުޚާތަބްކުރަނީ ބީބިޖާންގެ ނަމުންކަން ބީބިޖާން ހާމަ ކުރިއެވެ. އަދި ޒަރްމަލާވެސް އޭނާއަށް ބީބިޖާންގެ ނަމުން މުޚާތަބު ކުރުމަށް އެދުނެވެ. ބީބިޖާން ، ޒަރްމަލާގެ ބޮލުގައި ފިރުމާލައި ކައިރީގައި ބައިންދައިގެން އެތައް ވާހަކައެއް ދެއްކިއެވެ. އެހެނަސް ، ޒަރްމަލާއަކަށް އެއްވެސް މީހަކާ ވާހަކަ ދައްކައިލެވޭހާ ހިތްވަރެއް ނެތެވެ. އެކަން ބީބިޖާންއަށްވެސް ވިސްނުނެވެ. އެހެންކަމުން ، ކެތްތެރިވުމަށް ހިތްވަރުދީ ، އެގެޔަކީ އޭނާގެވެސް އަމިއްލަ ގެ ކަމުގައި ބަލައިގެން އުޅުމަށް ނަޞޭޙަތްތެރިވެ ، ބީބިޖާޏްގެ ޚާއްޞާ ބާނދީއަކާއެކީ ޒަރްމަލާއަށް އެގެއިން ޚާއްޞަ ކުރެވުނު ކޮޓަރިޔަށް އޭނާ ފޮނުވިއެވެ.

ޒަރްމަލާއަށް އެއްވެސް އެއްޗެއް ނުކެވެއެވެ. ފެންފޮދެއްހާ ހިސާބުވެސް ބޮޔެއް ނުލެވެއެވެ. އޭނާގެ ލޮލުން ކަރުނަ ހިކޭ އެންމެ ވަގުތުކޮޅެއްވެސް ނާދެއެވެ. ކުޑަ ދުވަސްކޮޅަކަށްނަމަވެސް ، މުދައްސިރުގެ ފަރާތުން އޭނާއަށް އެ ލިބުނު އަޅާއިލުމާއި ލޯތްބަކީ ދުވަހަކުވެސް އޭނާގެ ހިތުން ފިލައިދާނެ އެއްޗެއް ނޫނެވެ. އެ ހިތްގައިމު ދުވަސްކޮޅު އޭނާގެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ.

މަސައްކަތުގައި އުޅުމަށްފަހު ، ޙިޖާޒީ ގެޔަށް އައިސް ނިދަން އޮށޯންނަމުން ، އޭނާއަށް ޑޮކްޓަރ ދީފައިހުރި ބޭހެއް ކާލަން ، މޭޒުގެ ވަތްގަނޑު ހުޅުވާލައިލާ ބޭސް ކާޑު ނެގިތަނުން ، ޒަރްމަލާގެ މަތިން ހަނދާން ވިއެވެ. ހެނދުނުއްސުރެ އޭނާއަށް ޒަރްމަލާގެ އެއްވެސް ޚަބަރެއް ބަލައެއް ނުލެވެއެވެ. އޭރުހުރީ ރޭގަނޑު ކުޑަކޮށް ލަސްވެސް ވެފައެވެ. އެހެންނަމަވެސް ، ޒަރްމަލާގެ ޙާލުބަލައިނުލާ އޭނާއަކަށް ނުހުރެވުނެވެ. ޒަރްމަލާގެ ކޮޓަރިޔާ ދިމާލަށް ދަނިކޮށް ، ގޭގެ ނޯކަރަކާ ޙިޖާޒީއާ ދިމާވިއެވެ. އަދި ޒަރްމަލާގެ ވާހަކަ އަހައި ހެދިއެވެ. އެގެޔަށް އައީއްސުރެ ޒަރްމަލާ އެއްވެސް އެއްޗެއް އަދި ނުކައެވެ. ފެންފޮދެއްހާ ހިސާބުވެސް ނުބޮޔެވެ. ބޭހެއްވެސް ނުކައެވެ. ބީބިޖާން ބުނެގެން ގޭގެ ނޯކަރުން ގެންގޮސްދިން ކާތަކެތި މޭޒުމަތީ ފުނިޖެހިފައި ހުރިކަމަށްވެސް ނޯކަރު ބުންޏެވެ.

ޙިޖާޒީއަށް ދެވުނުއިރު ، ޒަރްމަލާ އޮތީ ކުރުގެޅިގެން އެނދުމައްޗަށް ވެއްޓިފައެވެ. އޭރުވެސް ގިސްލަގިސްލާފައި ޒަރްމަލާ ރޮނީއެވެ. ސަލާމް ގޮވައިލުމަށްފަހު އެއްޗެއް އަނގަޔަށްލާން ތެދުވުމަށް ޒަރްމަލާގެ ކިބައިން ޙިޖާޒީ އެދުނެވެ. ޙިޖާޒީ ދެއްކި އެއްވެސް ވާހަކަޔަކަށްވެސް ޒަރްމަލާއަށް ޖަވާބެއް ނުދެވުނެވެ. މީހަކާ އަނގައިން ބުނެލެވޭހާ ހިތްވަރެއް ޒަރްމަލާގެ ނަފްސަށް މިވަގުތު ލިބިފައެއް ނުވެއެވެ. އެކަން ޙިޖާޒީއަށްވެސް އިޙްސާސް ކުރެވުނެވެ. ޒަރްމަލާގެ ހިތަށް ހަމަޖެހުން ލިބޭތޯ ޙިޖާޒީ ވަރަށް ވާހަކަ ދެއްކިއެވެ. އަދި އެންމެ ފަހުން ، މުދައްސިރުގެ ނަންގަނެ ، މުދައްސިރަށްޓަކައި އަނގަޔަށް ކާ އެއްޗެއްލުމަށް ޙިޖާޒީ އެދުނެވެ.

ޙިޖާޒީގެ ޚަބަރެއް ނުވެގެން އޭނާގެ ކޮޓަރިޔާ ދިމާލަށް އަވީ ހިނގައިގަތްތަނާ ، ނޯކަރަކާ ދިމާވެ ، ޒަރްމަލާގެ ކޮޓަރީގައި ޙިޖާޒީ އެބަ އުޅޭކަމަށް އޭނާ ބުންޏެވެ. މިއޮށް ލަސްގަޑީގައިހޭ ބުނެ އަވީގެ ހިނގުމަށް ހުއްޓުން އެރިއެވެ. އަދި ، ޒަރްމަލާގެ ކޮޓަރިޔާ ދިމާލަށް މިސްރާބު ޖެހިއެވެ. އަވީއަށް އެ ކޮޓަރިޔާ ހަމަޔަށް ދެވުނުއިރު ކަމަކު ދާކަށް ނެތެވެ. ޙިޖާޒީ އެހުރީ ޒަރްމަލާއަށް ކާންދޭށެވެ. އޭނާގެ އަތުގައި ރޮށްޓާއި ރިހަ އަޅާފައިހުރި ތަށްޓެއް ހުއްޓެވެ. އަނެއް އަތުގައި ޒަރްމަލާގެ އަނގަޔަށް ލައިދިނުމަށް ރިހަޔާ ޖަހާފައިއޮތް ރޮށިކޮޅެއް އޮތެވެ.

އަރައިގަތް ފޫހީގައި އަވީ އެތަނުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. އައި ވަރަށްވުރެ ބާރަށް އެތަނުން ނުކުމެގެން ހިނގައިގަތެވެ. ޙިޖާޒީ އެ ރޮށިކޮޅު އަތަށް ލައިގެން އެ އެތިކޮޅު ކައިލުމަށް ޒަރްމަލާއަށް އާދޭސް ކުރަމުން ގެންދާތާ އެތައް އިރެއް ވެއްޖެއެވެ. އެންމެފަހުން ޒަރްމަލާ އަތްދިއްކޮށްލުމާއެކީ އޭނާގެ އަތަށް އެ ރޮށިކޮޅުލުމާއެކީ ، ޒަރްމަލާ އެ ރޮށިކޮޅު ކައިލިއެވެ. އެއަށްފަހު ޒަރްމަލާގެ އަތަށް އެތަށި ދިނުމުން އޭނާ ކާން ފެއްޓިއެވެ. ޙިޖާޒީ އެ ކޮޓަރިން ނުކުތީ ޒަރްމަލާއަށް ބޭސްވެސް ކާންދީފައެވެ.

ޙިޖާޒީ ކޮޓަރިޔަށް ދިޔައިރު ކޮޓަރި ތެރޭގައި އަވީ އިނެވެ. އޭނާއިނީ ގިސްލަ ގިސްލާފައި ރޯށެވެ. އަވީގެ އަތުގައި ހިފައިގެން ޙިޖާޒީ ބޭރަށް ނުކުތެވެ. އަދި އެމީހުން ޢާންމުކޮށް ވަގުތު ހޭދަކުރާ އުނދޯންޏަށް ގޮސް އަވީއަށް ނަޞޭޙަތްދޭން ފެއްޓިއެވެ.

އަވީގެ ޢަމަލުތައް ހުރިގޮތުން ޙިޖާޒީ ހުރީ ހިތްހަމަ ނުޖެހިފައެވެ. އެ ކުއްޖާޔަކީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ އަދި އޭނާޔާއެކީ އެއްކޯހެއްގައި އިސްލާމްއާބާދުގައި ކިޔަވަން އުޅުނު މުދައްސިރުގެ އަނބިމީހާކަމަށް ޙިޖާޒީ ބުންޏެވެ. އަދި މުދައްސިރު މަރުވަން ދިމާވި ޙާދިސާ އޭނާއަށް ފެނުނުގޮތަށް އަވީއަށް ކިޔައިދިނެވެ. އަވީއަކީ އޭނާގެ ލޯބި ކަމަށާއި އަވީގެ ދަރަޖަ އެހެން އެއްވެސް މީހަކަށް އޭނާގެ ހިތުން ނުދޭނެކަން ޙިޖާޒީ ، އަވީއަށް ކަށަވަރު ކޮށްދިނެވެ. ޙިޖާޒީއަށް އެރޭ ، ޒަރްމަލާގެ ކޮޓަރިޔަށް ދާން ޖެހުނީވެސް ، އަވީމެން އެކުއްޖާޔައަށް އެހީތެރިނުވެ ، އެ ކުއްޖާއަށް އަޅައިނުލައިގެންނެވެ. އެކުއްޖާ އެދުވަހުގެ ހަތަރުދަމު ފެންފޮދެއްވެސް އަދި ބޭހެއްވެސް ނުކައި އެއޮތީ ރޯލަރޯލައެވެ. ޙިޖާޒީގެ ޒިންމާއެއްގެ ގޮތުގައި އެގެޔަށް ގެނައި ކުއްޖަކާ ދޭތެރޭ ނުނިޔަތްލައި އަވީ ޢަމަލުކުރި ގޮތުން ޙިޖާޒީ ހިތްހަމަ ނުޖެހި ހުރިކަން ޙިޖާޒީ ފާޅުކުރިއެވެ.

ޙިޖާޒީގެ ވާހަކަތަކުން އަވީގެ ހިތް ކުދިކުދިވިއެވެ. އަދި ރޯން ފަށައި އޭނާގެ ހިތަށް އިބިލީސް ވަސްވާސް ވެއްދީކަމަށް ބުނެ ، ޙިޖާޒީގެ ކިބައިން މަޢާފަށް އެދުނެވެ. އެދެމީހުން އެރޭ ވަކިވީ ވަރަށް ލަސްވި ފަހުންކަމަށްވިޔަސް ، ހިތުގައިހުރި ހުރިހާ ވަސްވާސްތަކެއް ފިލުވައިލައި ، އެދެމީހުންވެސް އެމީހުންގެ ލޯތްބަށް އިތުބާރުކުރުމަށް އެކަކު އަނެކަކަށް ވަޢުދު ވަމުންނެވެ.

އަވީ ދިޔައީ ނިދާކަށް ނޫނެވެ. ޒަރްމަލާއާ ބައްދަލު ނުކޮށް އޭނާޔަކަށް ނުނިދުނެވެ. ޒަރްމަލާ ގާތަށްގޮސް އޭނާ ތަޢާރުފްވީ އަވީގެ ނަމުގައެވެ. އޭނާޔަކީ ، ޒަރްމަލާގެ ގާތް ރައްޓެއްސެއްކަމަށް ބެލުމަށް އަވީ އެދުނެވެ. އޭނާއަށް ޒަރްމަލާ  ގާތަށް އާދެވުނުލެއް ލަސްވީމަ އެކަމަށް މަޢާފަށް އެދުނެވެ. މުދައްސިރަކީ އޭނާގެވެސް ރައްޓެއްސެއްކަމާއި ވަރަށް ހެޔޮލަފާ މީހެއްކަމަށް އަވީވެސް ބުންޏެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށްބުނެ  ޒަރްމަލާއަށް ހިތްވަރުދީ ، އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ ، އޭނާއަށް އަންގައިލުމަށް އަވީ އެދުނެވެ. ޒަރްމަލާއަކަށް އަވީއަކާވެސް އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ދިމާވަމުން އެދާ އެތައް ބަޔެއްގެ ތެރެއިން އޭނާ އިތުބާރު ކުރާނީ ކާކަށްކަމެއް ޒަރްމަލާއަކަށް ނޭނގެއެވެ. އެ އެންމެންނަކީވެސް އޭނާޔާ އަލަށް ދިމާވަމުން އަންނަ ބަޔެކެވެ. އެހެން ނޫނަސް ، އެއިން އެއްވެސްކަމަކަށް ވިސްނޭ ވަރަށްވުރެ ޒަރްމަލާގެ ހިތަށް ލިބިފައިވާ މޮޅިވެރިކަމާއި ބިރުވެރިކަން މާ ބޮޑެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.