މި އަހަރުގެ ނޮވެމްބަރ މަހުގެ 1 އިން 4 އަށް ބޭއްވި ކޮމަންވެލްތު އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް އެންޓީގާ އެންޑް ބާބިއުޑާގެ ވެރިރަށް ސެއިންޓް ޖޯންސްގައި ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑަގެންނެވި ދިވެހިރާއްޖޭގެ ވަފްދުގެ އެންމު އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އެވެ.
އިރުތިޝާމް އެންޓީގާ އެންޑް ބާބިއުޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި.މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ވަފްދުން ވަނީ ކޮމަންވެލްތަކީ ވިލުންތެރި، ހަމަހަމަ އަދި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ޖަމުޢިއްޔާއަކަށް ހެދުމަށް ވަކާލާތުކުރައްވާފައެވެ. އަދި ވަރުގަދަ ޕާޓްނަރޝިޕްސްއާއި، މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމާއި، މި ޖަމުޢިއްޔާގެ މުސްތަޤްބަލު ބައްޓަންކުރުމުގައި ހުރިހާ މެންބަރު ޤައުމުތަކަށް މާނަވީ ފުރުޞަތުތަކެއް ހޯދައިދިނުމުގެ މުހިންމުކަމުގެ މައްޗަށް ރާއްޖެއިން އަލިއަޅުވާލިއެވެ. މީގެއިތުރުން، ކުދި ޤައުމުތަކުގެ މަޞްލަޙަތުތައް ކުރިއެރުވުމަށާއި، އެންމެންގެ ޙިއްޞާ އޮންނަ މުސްތަޤްބަލެއް ޔަގީންކުރުމަށް ރާއްޖެއިން ބަހައްޓާ އަހައްމިއްޔަތުކަން ތަކުރާރުކޮށް ކަށަވަރުކޮށްދިނެވެ.
މިނިސްޓަރ އިރުތިޝާމް ވަނީ ކޮމަންވެލްތުގެ މިނިސްޓީރިއަލް މީޓިންގ އޮން ސްމޯލް ސްޓޭސް ކޯ-ޗެއަރ ކުރައްވައި، އެ ބައްދަލުވުމުގެ ރިޕޯޓު އެގްޒެކެޓިވް ސެޝަން އަށް ހުށަހަޅުއްވާފައެވެ. އަދި އެ ކަމަނާ ވަނީ ކޮމަންވެލްތު އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ކުރިން ބޭއްވުނު ކޮމަންވެލްތުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައާއި، ޗޯގަމްގެ އެގްޒެކެޓިވް ސެޝަނުން ފެށިގެން ޤައުމުތަކުގެ ވެރިންގެ ރީޓްރީޓާ ހަމައަށް ބޭއްވުނު ބައްދަލުވުންތަކުގައި ވާހަކަފުޅުދައްކަވާފައެވެ. މީގެއިތުރުން، "ފްރޮމް ދަ ފްރަންޓް ލައިންސް ޓު ކޮޕް31: ކޮމަންވެލްތު ލީޑަރޝިޕް ފޯ ކްލައިމެޓް އެކްޝަން" ގެ ނަމުގައި ބޭއްވި ގްލޯބަލް ސިޓިޒަން ހައި-ލެވެލް ޕެނަލްގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕެނަލްގައި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި، އެ ބަދަލުތަކަށް ހޭނުމަށް ކޮޕް31 އިން ނަތީޖާ ނެރެދޭނެކަމަށް ރާއްޖެއިން ކުރާ އުންމީދުތައް ހާމަކުރެއްވިއެވެ.
2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި، ބައިނަލްއަޤްވާމީ ފެންވަރުގައި ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް މިނިސްޓަރ އިރުތިޝާމް ގޮވާލެއްވިއެވެ. އަދި ވިލުންތެރިކން ބިނާކުރަނިވި ޕާޓްނަރޝިޕްތަކުގެ މުހިންމުކަމާއި، ނަތީޖާއަށް އަމާޒުކޮށްގެން ވަކާލާތުކުރުމާއި، ޤައުމީ ފެންވަރުގައި ޤާބިލުކަން އިތުރުކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިވެދޭނެ އެއްބާރުލުމާއި ޕާޓްނަރޝިޕްތައް މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާ، ދޭދޭ ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތްކުރެއްވިއެވެ.
އެކްސަލަރޭޓިންގެ ޕާޓްނަރޝިޕް އެންޑް އިންވެސްޓްމަންޓް ފޮރ އަ ޕްރޮސްޕެރަސް ކޮމަންވެލްތް، މި ޝިޢާރުގެ ދަށުން ބޭއްވުނު ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ މި ބައްދަލުވުމުގައި ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ގޮންޖެހުންތަކުން އަރައިގަތުމުގެ ޤާބިލުކަން ވަރުގަދަކުރުމާއި، އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމާއި، އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
