މާލޭގެ ކާނިވާ ސަރަހައްދުގައި ހައްލުކުރަން ހުރި ބައެއް މައްސަލަތައް ބައްލަވާލެއްވުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެ ސަރަހައްދަށް ޒިޔާރަތް ކުރައްވައިފިއެވެ.
މޭޔަރ ޢާޒިމްގެ މި ޒިޔާރަތުގައި، ކާނިވާ ސަރަހައްދުގައި އާންމުންނަށާއި ވިޔަފާރިތަކަށް ދިމާވަމުންދާ ދަތިތަކާއި، އަވަސް ހައްލެއް ބޭނުންވެފައިވާ ކަންކަން ވަނީ ގާތުން ބައްލަވާލައްވާފައެވެ.
މި ޒިޔާރަތުގައި މޭޔަރާއެކު ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ލައިޒާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާލެ ސިޓީ ކައުންސިލުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަމަށް އެދެވޭ ހައްލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ކާނިވާ ސަރަހައްދަކީ ގިނަ އަދަދެއްގެ ބަޔަކު އެކި ބޭނުންތަކަށް އެއްވެއުޅޭ ސަރަހައްދަކަށް ވުމުން، އެތަނުގެ ކަންކަން ރަނގަޅު ކުރުމަށް އިސްކަންދޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
