ޚާރިޖީ ވަޒީރުގެ ގެ އަރިހަށް ސާރކްގެ ސެކްރެޓަރީ ޖެނެރަލް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސާރކްގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ އެމް.ޑީ. ގޯލަމް ސަރްވާރު، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ހިޒް އެކްސަލަންސީ އެމް.ޑީ. ގޯލަމް ސަރްވާރު ރާއްޖެއަށް މި ހިނގާ އޮގަސްޓް މަހުގެ 9 އިން 12 އަށް ކުރައްވާ ދަތުރުފުޅަކީ، ސާރކް ގެ މެމްބަރު ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ވަދާޢީ ދަތުރުފުޅުތަކުގެ ތެރެއިން އެ މަނިކުފާނު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު އާ ބައްދަލުކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އެމަނިކުފާނު އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރެއްވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުވުމުގައި، ވޭތުވެދިޔަ ތިން އަހަރު ސާރކްގެ ސެކްރެޓަރީ ޖެނެރަލް ގެ މަޤާމުގައި އެމްބެސެޑަރ ސަރްވާރު ކޮށްދެއްވި އިޚްލާޞްތެރި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ޚާރިޖީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ސެކްރެޓަރީ ޖެނެރަލް ކަމުގައި ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުމަށްޓަކައި ބާއްވާ އެކި ފަންތީގެ ބައްދަލުވުންތައް ހާއްސަކޮށް ފަންނީ މާހިރުންގެ ބައްދަލުވުންތަކާއި ޙަރަކާތްތައް ރާއްވަވައި ހިންގަވާފައިވާތީ، އެކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މަޝްރަހުގައި މިހާރު ހުރި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ސަރަހައްދީ ޤައުމުތަކުން ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ޚާރިޖީ ވަޒީރު އަލިއަޅުއްވާލެއްވިއެވެ. މި ގޮތުން ސަރަހައްދީ ޤައުމުތަކުން އިސްކަންދޭ ކަންތައްތަކާއި ސާރކް ގެ ތެރެއިން ކުރެވިދާނެ މަސައްކަތްތައް ޚާރިޖީ ވަޒީރު ފާހަގަކުރެއް ވިއެވެ.

މީގެއިތުރުން، ސަރަހައްދީ ޖަމިއްޔާގެ ގޮތުގައި ސާރކް ދިރުވައި، ސާރކްގެ އިސްވެރިންގެ ސަމިޓް ބޭއްވުމަށް މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާތީ، މެމްބަރު ޤައުމުތަކުގެ މެދުގައި އިތުބާރު އުފައްދައި ސަރަހައްދީ އެއްބާރުލުން ވަރުގަދަ ކުރުމަށް ކުރެވޭ މަޝްވަރާ ތަކުގައި ބައިވެރިވެ ފުރިހަމަ އެއްބާރުލުން ރާއްޖެއިން ދެއްވާނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ދެއްވިއެވެ.

މި ބައްދަލުވުމުގައި، ސެކްރެޓަރީ ޖެނެރަލް އެމްސެޑަރ ސަރްވާރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އިން ސާރކް ގެ އެކިއެކި ބައްދަލުވުންތަކާއި ޙަރަކާތްތަކުގައި ބައިވެރިވެ ސާރކް ސެކްރެޓޭރިއަޓް އަށް ދެމުން ގެންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. ސާރކްގެ ތެރެއިން ސަރަހައްދީ ޙަރަކާތްތައް އަލުން ފެއްޓެވުމަށްޓަކައި މެމްބަރު ޤައުމުތަކުން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާއި ސެކްރެޓަރީ ޖެނެރަލް އެމްބެސެޑަރ ސަރްވާރު މަޝްވަރާ ކުރެއް ވިއެވެ. މިގޮތުން ސާރކްގެ ނިޒާމްގެ ތެރެއިން، އެއީ ސެކްރެޓޭރިއަޓް އާއި ރީޖަނަލް ސެންޓަރ އަދި ސްޕެޝަލައިޒްޑް ބޮޑީޒް، ތަކުން ބާއްވާ މަތީ ފަންތީގެ ބައްދަލުވުންތައް އަލުން ފެށުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުވާލެއްވިއެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދުގެ ދާއިމީ ޞުލްޙަ އާއި ހަމަޖެހުމާއި، ތަރައްޤީއަށް މަގުފަހިވާނެ ފަދަ އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސާރކްގެ މަސައްކަތްތަކަށް އައު ދިރުމެއް ގެނެސް، ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް ގުޅުން ބަދަހިކުރާ މައިގަނޑު މަންސައެއްގެ ގޮތުގައި އެ ޖަމިއްޔާގެ ދައުރު ފުރިހަމައަށް އަދާކުރުމަށްޓަކައި، މެމްބަރު ޤައުމުތަކާ ގުޅިގެން ގާތްކޮށް މަސައްކަތް ކުރުމުގެ އަޒުމް ޚާރިޖީ ވަޒީރު އިރުތިޝާމް އާއި ސެކްރެޓަރީ ޖެނެރަލް އެމްބެސެޑަރ ސަރްވާރު އައު ކުރެއްވިއެވެ.

ސާރކްގެ ސެކްރެޓަރީ ޖެނެރަލް އެމްބެސެޑަރ ގޯލަމް ސަރުވާރު އަކީ އެ ޖަމްޢިއްޔާގެ 15 ވަނަ ސެކްރެޓަރީ ޖެނެރަލްއެވެ. އެ މަނިކުފާނުގެ ތިން އަހަރުގެ ދައުރު 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަމަވާނެއެވެ. ސާރކްގެ ސެކްރެޓަރީ ޖެނެރަލް ޢައްޔަން ކުރުމާ ގުޅޭ އިޖުރާޢަތުތަކާއި އުޞޫލުތަކުގައިވާ ގޮތުގެ މަތިން، ސެކްރެޓަރީ ޖެނެރަލް އަކަށް ޢައްޔަންކުރާނެ ފަރާތެއް ކަނޑައެޅުމުގެ ފުރުޞަތު އޮތީ ދެން ބޫޓާން އަށެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް ގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސެކްރެޓަރީ އާމިނަތު ޝަބީނާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޑރ. މަރްޔަމް ޒުލްފާ، އެޑިޝަނަލް ސެކްރެޓަރީ އާމިނަތު ޢަބްދުﷲ ދީދީ، އެސިސްޓަންޓް ޑިރެކްޓަރ ފާތިމަތު ލިއުޝާ އަދި ޕޮލިޓިކަލް ޑިރެކްޓަރ ޙައްމަދު އަޒްކާން އަޝްރަފް ބައިވެރިވެވަޑައިގެންނެވިއެވެ.

ސެކްރެޓަރީ ޖެނެރަލް އެމްބެސެޑަރ ސަރުވާރު ގެ އަރިހުގައި، ސާރކް ސެކްރެޓޭރިއަޓްގައި ހުންނަވާ ދިވެހިރާއްޖޭގެ ޑިރެކްޓަރ ޝާހިޔާ ޢަލީ މަނިކު ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.