ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް 7 ބޭފުޅުން

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމުތަކަށްހަތް ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އެގޮތުން ޝައުގުވެރިކަން ފާޅުކުރި ބޭފުޅުންގެ ތެރޭގައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ފިޝަރީޒް މިނިސްޓަރު ޝިޔާމް އަދި، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ހިމެނެއެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބުތަކާއި ގުޅޭގޮތުން ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، ކޮންގްރެސްގައި ޕާޓީގެ ރައީސާއި ނައިބު ރައީސުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނީ ޕާޓީގެ މަތީ މަޖިލީހުން ކަމަށް ވީ އިރު، އެ މަގާމުތަކަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނެ އެވެ.

ޕީއެންސީގެ މިހާރުގެ ހިންގުމުގެ ނިޒާމަށް ބަލާއިރު، އެ ޕާޓީގައި މި ވަގުތު 6 ނައިބު ރައީސުން ތިބި އިރު އޭގެ ތެރޭގައި މިހާރު ވެސް މަގާމު އަދާކުރައްވަމުން ގެންދަވާ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން މުހައްމަދު ސައީދާއި، އަހުމަދު ޝިޔާމްގެ އިތުރުން، އިބްރާހިމް ޝުޖާއު އަދި، މުހައްމަދު ހުސައިން ޝަރީފް ހިމެނިވަޑައިގަންނަވައެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުތައް ވަރަށް ބާރަށް ކުރިއަށް ގެންދާ ނަމަވެސް ކޮންގްރެސް ބާއްވާނެ ވަކި ތާރީހެއް އެ ޕާޓީން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ. އެ ޕާޓީން ބުނީ މި މަސައްކަތްތަކަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.