ދިރާގު މާލެ އޯޕަން ގައި ރަޖިސްޓްރީވުމުގެ ފުރުސަތު 31 ޖުލައިގެ ނިޔަލަށް ހަމަވަނީ

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓަރ ފެތުމުގެ މުބާރާތް ކަމުގައިވާ 'ދިރާގު މާލޭ އޯޕަން' ފެތުމުގެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމުގެ ފުރުސަތު 31 ޖުލައި 2026 ނިޔަލަށް ވަނީ ހުޅުވިފައެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އަދި 22 އޮގަސްޓުގައި ރަސްފަންނުގައެވެ.

ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފޯރިގަދަ 'ދިރާގު މާލޭ އޯޕަން' ސްވިމިންގ މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މި މުބާރާތުގެ 1 ކިލޯމީޓަރ، 500 މީޓަރ، 250 މީޓަރ އަދި، މި އަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު https://swimmaldives.org/male-open-2026/#register މެދުވެރިކޮށް ވަނީ ހުޅުވައިލައިފައެވެ.

ވޭތުވެ ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ބައިވެރިވެ، 340 އަށްވުރެ ގިނަ ފެތުންތެރިން ވަނީ ރޭސް ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި އުމުރުން 5 އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ހިމެނެއެވެ.

ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.