ދުނިޔޭގެ ވޮލީބޯޅަ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ވޮލީބޯޅައިގެ އާ ޖީލެއް ބިނާކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީ.އޭ.އެމް) އިން އަންގާރަ ދުވަހު ހާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.
މި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޓޭޓް މިނިސްޓަރ އަބްދުލްރައްޒާގު އިބްރާހީމެވެ.
މި އިވެންޓުގައި ވޮލީބޯލް އެކަޑަމީތައް ކަމަށްވާ ބްލޫސް ފޯ ވޮލީބޯލް، މުނީޒް ވޮލީބޯލް މޫވްމަންޓް، އުބޭ އެކަޑަމީ، އަދި ކަނބަލުން ސްޕޯޓްސް އެކަޑަމީގެ ޒުވާން އެތުލީޓުން ވަނީ ބައިވެރިވެފައެވެ.
މިގެ އިތުރުން މި ހަރަކާތުގައި ރާއްޖޭގެ ސީނިއާ ގައުމީ ވޮލީބޯޅަ ޓީމުގެ ފިރިހެން އަދި އަންހެން ކުޅުންތެރިންނާއި، ރާއްޖޭގެ ވޮލީބޯޅައިގެ ލެޖެންޑުން އެއްތަނަކުން ފެނިގެންދިޔައެވެ.
ދުވަހުގެ އުފާ ފާޅުކުރުމުގެ ގޮތުން ހާއްސަ ކޭކެއް ފެޅުމުގެ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވާފައެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި ހުރިހާ ކުޅުންތެރިންނަށާއި، ކޯޗުންނަށް، ވޮލަންޓިއަރުންނަށް އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.
