ސަބްސިޑައިޒް އަގުގައި މިހާތަނަށް 1.1 މިލިއަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފި

ސަބްސިޑައިޒް އަގުގައި ތެޔޮ ދޫކުރާ ތަންތަނުން މިހާތަނަށް 1,106,230 މިލިއަން ލީޓަރުގެ ތެޔޮ މަސްވެރި އުޅަނދުފަހަރަށް އަޅާފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހަނގުރާމައާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމެޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރ ވިދާޅުވީ މި އުނދަގޫ ހާލަތުގައިވެސް މަސްވެރިން މަސް ކަނޑުތަކަށް ނެރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިވަގުތު ލިމިޓޭޝަން ގެންނަންޖެހޭކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ ހުރިހާ އިންޑަސްޓްރީއަކަށް ބޭނުންވާ ތެޔޮލުގެ ބޮޑުބައެއް އެތެރެކުރަނީ އެސްޓީއޯއިން ކަމުގައިވާތިކަމަށެވެ. އަދި ދޫކުރާ ލިމިޓޭޝަނަކީ އެވްރެޖްކޮށް މަސްވެރިކަމުގައި ބޭނުންވާ މިންވަރު ކަމަށް، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަޝްވަރާކުރުމުން އެނގިފައިވާކަމަށެވެ. އެއީ 85 ފޫޓުން މައްޗަށް 1500 ލީޓަރު، އެއީ މަހެއްގެ މައްޗަށް ފަސް ދަތުރުކަމަށް ބަލައިގެންނެވެ. 80 ފޫޓާއި 50 ފޫޓްގެ އުޅަނދުތަކަށް 1000 ލީޓަރު ދޭއިރު، ފަންސާސް ފޫޓުން ދަށުގެ އުޅަނދުތަކަށް ދޫކުރަނީ 600 ލީޓަރެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ސަބްސިޑައިޒް އަގުގައި ތެޔޮ ވިއްކަން ފެށިފަހުން މަސްވެރި އުޅަނދުތަކުން މިހާތަނަށް ގާތްގަނޑަކަށް 958 ފަހަރަކު ހިދުމަތް ހޯދާފައިވާިއރު، 1.1 މިލިއަން ލީޓަރަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ސަބްސިޑައިޒް އަގުގައި ތެޔޮ ދޫކުރާ ތަންތަނުން މަސްވެރި އުޅަނދުފަހަރަށް އަޅާފައިވާކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ސަބްސިޑައިޒް އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މި ވަގުތު ސަބްސިޑައިޒް އަގުގައި މާލެ ސަރަހައްދުގެ އިތުރުން މި ލިބެނީ ފެލިވަރުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާރު އެއަށްވުރެދުރުން ، އެސްޓީއޯގެ ވަސީލަތްތައް ހުރި ތަންތަނުން ހއ،ހދ، ށ ގައި ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ތެޔޮ ލިބޭނެ އިންތިޒާމު އެސްޓިއޯ އާއި ވާހަކަ ދައްކައިގެން ހަމަޖައްސަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.

ކަޅުބިލަ މަހުގެ މަސްވެރިންނަށާއި ބޮޑު ކަންނެލި މަސްވެރިންނަށް ސަބްސިޑައިޒް އަގުގައި އެސްޓީއޯ އިން ތެޔޮ ވިއްކަން ފަށާފައި ވަނީ ހުސްވި މާޗް މަހުގެ ތެރޭގައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.