އެންމެ ފަހުގެ ޙަމަލާ – 40

 (28 މާރިޗު 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރަންބީރުގެ ރަށުގެ މީހުން އެކަކު އަނެކަކާ ދިމާޔަށް ހިތާމަވެރި ނަޒަރަކުން ބަލާން ފަށައިފިއެވެ. ރަންބީރު ވިދާޅުވިއެވެ. "ތިޔަބައިމީހުން ކަންބޮޑު ވާނެކަމެއް ނެތެވެ. ޖޭކްރިޝަންގެ މީހުން އަހަރެންގެ ގާތު ބައްޕާފުޅު ޤަތުލު ވި ވާހަކަ ބުންޏެވެ. ނަމަވެސް އަހަރެން ތިޔަބައިމީހުން ކުރެން ޝަކުންތަލާގެ ޚަބަރު އޮޅުން ފިލުވައިދިނުން އެދެމެވެ."

ޢުމުރުން ދުވަސް ވެފައި ހުރި މީހާ ޖަވާބު އެރުވިއެވެ. "ހަވީރު ވާން ކައިރި ވެފައި ހުއްޓައި ޖޭކްރިޝަންގެ މީހުން ގަނޑުވަރަށް ޙަމަލަ ދިން އިރު، ބައެއް މީހުން ގަނޑުވަރުގެ ފުރާޅުމަތީގައި ބޭރު ފާރު ހުރަސް ކުރާން އުޅޭ މީހުންނާ ދިމާޔަށް ދުނި އުކާން ތިއްބެވެ. ދެން ތިބި މީހުން ތިބީ ގަނޑުވަރުގެ ދެ ދޮރާށި ޙިމާޔަތް ކުރާށެވެ. ޝަކުންތަލާ ފާރުތެރޭގައި ކަނޑި ހިއްޕަވައިގެން ކޮޅުކޮޅަށް ދުވެވަޑައިގެން ސިފައިންނަށް ހިތްވަރު ދެއްވަމުން ގެންދެވިއެވެ. ގަނޑުވަރުގައި ތިބި މަދު ފާރަވެރީންކޮޅު އިރު އޮއްސޭންދެން ޖޭކްރިޝަންގެ ސިފައިން ގަނޑުވަރަށް ވަނަނުދީ ހިފެހެއްޓިއެވެ. އަޅުގަނޑުމެން އުއްމީދު ކޮށްގެން ތިބީ ރަށުގެ މީހުން އަޅުގަނޑުމެންނާ އެހީ ވާން އަންނާނެކަމުގައެވެ. ނަމަވެސް ޖޭކްރިޝަންގެ ސިފައިންގެ އެއް ގެމަ ރަށާ ވެސް ޙަމަލަ ދިނެވެ. މަނިކުފާނުގެ ބައްޕާފުޅު އަވަހާރަ ވުމުގެ ސަބަބުން ރަށުގެ މީހުންގެ ހިތްވަރު އެލިފައި ވުމާ އެކު، އާދައިގެ ތަޅައިފޮޅުމަކަށް ފަހު ހަތިޔާރު ބަހައްޓައިފިއެވެ. އިރު އޮއްސުމާ އެކު ދުޝްމަނުން ހަތަރު ފަރާތުން ގަނޑުވަރަށް އަރައިގެންފިއެވެ. އެންމެ ފުރަތަމަ ޙަމަލައިގައި ވެސް އެތައް ބަޔަކު ފާރު ހުރަސް ކޮށްފައި އެތެރެޔަށް ވަދެއްޖެއެވެ. އެބައިމީހުން އަޅުގަނޑުމެންގެ ސިފައިން ފަހަތަށް ޖައްސައިފައި ބޮޑު ދޮރޯށި ހުޅުވައިލައިފިއެވެ. ސިފައިންގެ ބައެއް މީހުން ހަތިޔާރު ބަހައްޓައިފިއެވެ. ނަމަވެސް ދެން ތިބި މީހުން އޭރު ވެސް އެތެރޭގެ ފާރު ކައިރީގައި ސާބިތު ވެތިބެ ހަނގުރާމަ ކުރަމުން ގެންދެއެވެ. ވެރި ވަމުން ދިޔަ އަނދިރިކަމުގައި މީހުންގެ ހަޅޭކުގެ ތެރެއިން ޝަކުންތަލާގެ އަޑުފުޅު ވެސް އިވެއެވެ. ފުރާޅުމަތީގައި ދުނި އުކާން ތިބި މީހުން ވެސް ފައިބައިގެން އައިސް އަޅުގަނޑުމެންނާ ބައިވެރި ވެއްޖެއެވެ. އަޅުގަނޑުމެން ވަރުގަދަ ޙަމަލައަކާ އެކު ދުޝްމަނުންގެ ފައިތިލަތައް އުފުރައިލައިފީމުއެވެ. ނަމަވެސް އަޅުގަނޑުމެންގެ ޢަދަދު ދިޔައީ އިރުކޮޅަކަށް ވުރެ އިރުކޮޅަކަށް މަދު ވަމުންނެވެ. ދުޝްމަނުން ވަރަށް އަވަހަށް އަޅުގަނޑުމެން ބަލި ކޮށްފިއެވެ. އަޅުގަނޑު ޒަޚަމް ވުމަށް ފަހު އިރުމަތީ ދޮރޯށްޓާ ދިމާޔަށް ދުވެފައި ހިނގައްޖައީމެވެ. އަޅުގަނޑުމެންގެ ބައެއް މީހުން އެތާނގައި އޭރު ވެސް ސާބިތު ވެތިއްބެވެ. ދުޝްމަނުންގެ ޖަމާޢަތެއް ތަންކޮޅެއް ދުރުގައި އެބައިމީހުންނަށް އިންތިޒާރު ކޮށްކޮށް ތިއްބެވެ. ހީވަނީ އެބައިމީހުން ތިބީ އަނދިރީގައި ޙަމަލަ ދޭން ޖެހިލުން ވެފައި ހެންނެވެ. އަޅުގަނޑު އަނދިރީގައި ދުޝްމަނުންނަށް ފިލައިގެން ގޮސް އަޅުގަނޑުމެންގެ މީހުންނާ ބައިވެރި ވެއްޖައީމެވެ. އިރުކޮޅެއްގެ ފަހުން ޝަކުންތަލާ ވެސް ދެ މީހަކާ އެކު އަނބުގަސްތަކުގެ ތެރޭގައި ފިލައިވަޑައިގަންނަވަމުން އަޅުގަނޑުމެންގެ ގާތަށް ވަޑައިގެންފިއެވެ. އަޅުގަނޑު އަނދިރީގައި އޭނާގެ އަޑުފުޅު އޮޅުން ފިލައިގެން އޭނާގެ އަތްޕުޅުގައި ހިފަހައްޓައިފީމެވެ. އަޅުގަނޑު އޭނާއަށް ނަސޭހަތްޕުޅު އެރުވީމެވެ. ބޭރަށް ނުކުމެވަޑައިގަންނަވާށެވެ. އަޅުގަނޑުމެން ބަލި ވެއްޖެއެވެ. މި ތަންކޮޅު ފިޔަވައި މުޅި ގަނޑުވަރު ވަނީ ދުޝްމަނުންގެ ބާރުގެ ދަށުގައެވެ. އެހައިތަނުން ދުޝްމަނުންގެ މީހަކު ގޮވައިލައިފިއެވެ. "އެންމެން ހަތިޔާރު ބަހައްޓާށެވެ. އެންމެ އަށެއްކަ މީހުން ހަނގުރާމަ ކުރުމުގެ ފައިދާއެއް ނެތެވެ. ފުރާނަ ސަލާމަތް ވާން އެދޭ ނަމަ ހަތިޔާރު ބަހައްޓާށެވެ." ނަމަވެސް އަޅުގަނޑުމެން ހަތިޔާރު ބެހެއްޓުމުގެ ބަދަލުގައި ދޮރު ހުޅުވައިލައިފައި ބޭރަށް ނުކުމެއްޖައީމުއެވެ.

ދޮރޯށީގެ ބޭރުގައި ދުޝްމަނުންގެ މީހުންކޮޅެއް އަޅުގަނޑުމެންނަށް ފާރަ ލައިގެން ތިއްބެވެ. އެބައިމީހުން އަޅުގަނޑުމެންނާ ދިމާޔަށް ދުނި އުކާން ފަށައިފިއެވެ. އަޅުގަނޑުމެންގެ ބައެއް އެކުވެރީން އެތަނަށް މަރު ވެގެން ދެމިއްޖެއެވެ. ނަމަވެސް އޭގެ ފަހަށް ދުޝްމަނުން އަޅުގަނޑުމެން ފަހައިދިޔުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދުށްޓެވެ. ޝަކުންތަލާ އަޅުގަނޑާ އެކު ބޭރަށް ނުކުމެވަޑައިގެންނެވިކަން އަޅުގަނޑަށް ޔަޤީނެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަޑައިގެންނެވި ތަނެއް އަޅުގަނޑަކަށް ވެސް ނޭނގެއެވެ. ލަޗްމަން ކޮންމެވެސް މީހަކު ކޯރަށް ފުންމައިލަނިކޮށް ދުށްޓެވެ. ނަމަވެސް އޭނާއަށް ފުރިހަމަ ޔަޤީންކަމާ އެކު އެއީ ޝަކުންތަލާ ކަމުގައި ބުނާކަށެއް ނޭނގުނެވެ. މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ފަދައިން ޝަކުންތަލާ އަކީ ވަރަށް ފައްތަވާން ކުޅަދާނަ ބޭފުޅެކެވެ. އޭނާ ކޯރު ހުރަސް ކުރައްވާނެކަން އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑު އަޅުގަނޑުގެ ޒަޚަމުގެ ސަބަބުން އަނެއް ދުވަހާ ހަމަޔަށް ކޯރުގެ އައްސޭރީގައި ގަސްތަކުގެ ތެރެޔަށް ވެއްޓިފައި އޮތީއެވެ. އެ ދުވަހު ޖޭކްރިޝަންގެ މީހުން އަޅުގަނޑު ހައްޔަރު ކޮށްގެން އޭނާގެ އަރިހަށް ގެންގޮސްފިއެވެ. އޭނާ އުޅުއްވީ އަޅުގަނޑު ޤަތުލު ކުރައްވާށެވެ. ނަމަވެސް އޭނާގެ އަނބިކަނބަލުންނާއި ދަރިކަނބަލުން އަޅުގަނޑުގެ މުސްކުޅިކަމާ މެދު ސަހަރޯވެރި ވެވަޑައިގެންފިއެވެ. އެ ބޭފުޅުން މެދުވެރި ވެވަޑައިގެން އަޅުގަނޑުގެ ފުރާނަ ސަލާމަތް ވެއްޖެއެވެ."

ރަންބީރު ސުވާލު ކުރެއްވިއެވެ. "ލަޗްމަން ވީ ކޮން ތަނަކުހެއްޔެވެ؟"

މުސްކުޅިޔާ ދެންނެވިއެވެ. "އޭނާ މި ރަށް ދޫ ކޮށްލައިފައި ކޮންމެވެސް ތަނަކަށް ހިނގައްޖެއެވެ."

ރަންބީރު ސުވާލު ކުރެއްވިއެވެ. "ގަނޑުވަރަށް ޙަމަލަ ދިނުމުގެ ކުރީގައި ބައްޕާފުޅު ޤަތުލު ވީހެއްޔެވެ؟"

އާދޭހެވެ! އޭނާ ޤަތުލު ކުރެވުނީ ކޯރުގެ އަނެއް ފަރާތުގައި އަމީރު އަނޫޕްޗަންދުގެ ރަށުގައެވެ. އަމީރު އަނޫޕްޗަންދު އާސީގެ ޕަރައުހަތާއި މި ހިސާބުގަނޑުގެ ބައެއް އަމީރުން އޭނާގެ އަރިހުގައި ތިއްބެވި ވާހަކަ އާއި، އެބޭފުޅުން މަނިކުފާނުގެ ބައްޕާފުޅާ ބައްދަލު ކުރައްވާން ބޭނުންފުޅު ވާހަކަ އެންގެވީއެވެ. އޭރު ބައްޕާފުޅު އުޅުއްވަނީ އާލާސްކަންފުޅާއެވެ. ނަމަވެސް އޭނާ ހެނދުނު ފަތިހާ ދެ ނޯކަރުންނާ އެކު އެ ރަށަށް ވަޑައިގެންފިއެވެ. އޭގެ ތެރެއިން އެކަކީ އަޅުގަނޑަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމުގައި ވާ ޖޭދިޔާލެވެ. އަމީރު އަނޫޕްޗަންދުގެ ބަގީޗާގައި އާސީގެ ޕަރައުހަތާއި މި ހިސާބުގަނޑުގެ ބައެއް އަމީރުންގެ އިތުރަށް ބޭރުގެ މީސްކޮޅަކާ އެކު ޖޭކްރިޝަން ވެސް އިންނެވިއެވެ.

ޕަރައުހަތާއި އަމީރުން މަސައްކަތް ކުރެއްވީ ޝަހެންޝާހާ ދެކޮޅަށް ރާޖްކުމާރު ކުރައްވާން އުޅުއްވާ ބަޣާވާތުގައި ބައްޕާފުޅު ބައިވެރި ކުރައްވާށެވެ. ނަމަވެސް ބައްޕާފުޅު ކުރެއްވީ އިންކާރެވެ. އޭނާ ޖަވާބު ދެއްވިއެވެ. "މުސްލިމުންނަށް އަޅުގަނޑުމެންގެ ރަސްގެފާނު ދެއްކެވި ފިނޑިފުޅުކަމަށް ޓަކައި އަޅުގަނޑު ވެސް ހިތާމަ ކުރަމެވެ. ނަމަވެސް އަޅުގަނޑަކަށް ދަރިޔަކު ބައްޕަޔަކާ ދެކޮޅަށް ކުރާ ބަޣާވާތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ކަލަންޖަރާއި ގަވާލިޔާރުގެ ލަޝްކަރު އަޅުގަނޑުމެންގެ ވަޒަނަށް ޙަމަލަ ދޭކަށް ވެސް ޤަބޫލެއް ނުވެވޭނެއެވެ. ރާޖް ކުމާރަށް އޭނާގެ ބައްޕާފުޅުގެ ތަޚުތުގައި އިށީނދެވަޑައިގެންނެވުނު ކަމުގައި ވިޔަސް އެއީ އޭނާއަށް ލިބިވަޑައިގަންނަވާ ކާމިޔާބެއް ނޫނެވެ. އަދި ކީއްތޯއެވެ! ކަލަންޖަރުގެ ރަސްގެފާނަށް ލިބިވަޑައިގަންނަވާ ފަތަޙައެކެވެ. ރާޖް ކުމާރު ހިމެނިވަޑައިގަންނަވާނީ އެ ރަސްގެފާނުގެ އަތްޕުޅުގައި އޮންނަ ކުޅޭ ބުދަކަށެވެ. ތިޔަ ބޭފުޅުންނަށް ތިޔަ ބޭފުޅުންގެ ރަސްގެފާނަށް ފިނޑިފުޅުކަމުގެ މަލާމާތް ކުރެއްވިދާނެއެވެ. ނަމަވެސް އަޅުގަނޑުގެ ސުވާލަކީ، މުސްލިމުން އަޅުގަނޑުމެންގެ ވަޒަނަށް ޙަމަލަ ދިން އިރު ކަލަންޖަރާއި ގަވާލިޔާރުގެ ލަޝްކަރު ފިލައި ތިބީ ކޮން ތަނަކުތޯއެވެ؟ އެބައިމީހުންގެ ކިބައިގައި ތިޔަ ވަރުގެ ޣީރަތެއް ހުރި ކަމުގައި ވާނަމަ، ކުޅި ބަލާން ތިބުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ރަސްގެފާނާ އެހީ ވާން ނައީ ކީއްވެގެންތޯއެވެ؟"

"މަނިކުފާނުގެ ބައްޕާފުޅު އަދިވެސް ވިދާޅުވިއެވެ. "މި ވަގުތު ޖޭކްރިޝަން ކަހަލަ ބޭފުޅުން ވެސް ތިޔަ ބޭފުޅުންގެ ތެރޭގައި އެބަތިއްބެވިއެވެ. އޭނާ ފެނުމުން އަޅުގަނޑަށް އެނގެނީ އަޅުގަނޑުމެންގެ ވަޒަނުގެ ޢިއްޒަތާއި މިނިވަންކަން ވިއްކައިލެވިއްޖެކަމެވެ. އޭނާ ފުރަތަމަ އުޅުއްވީ މަހާބަންގެ ރަސްގެފާނުގެ އިޝާރާތަށް މިތަނުގައި ބަޣާވާތް އުފެއްދެވޭތޯއެވެ. މިހާރު އެ އުޅުއްވަނީ އަޅުގަނޑުމެން ކަލަންޖަރާއި ގަވާލިޔާރުގެ ރަސްގެފާނަށް އަޅުވެތި ކުރުއްވާން ވެގެންނެވެ."

( ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.