ގެއްލުނު ލޯބި (9)

( 17 ފެބްރުއަރީ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ޒުބާއަށް ވަމުން އެދަނީ ކީއްކަން ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.  ކިޔަވަން ކޮލެޖަށް ދާހިތެއްވެސް ނުވެއެވެ. އަބަދު ހުރެވެނީ ޓެރަސްމައްޗަށް އައިސް ، ސައިންމެންގެއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާގެ ހިތުގެ ޙާލަތު ބުނާނީ ކާކުގާތުގައި ހެއްޔެވެ ؟ ރޮޝްނާގެ ކައިވެނިވީފަހުން ނިދަން ޖެހެނީވެސް އެކަނި އޮވެގެންނެވެ. އެހެން ވީމަ ، އެތައް އިރެއްވަންދެން ދެލޯ ދަމަދަމާ އޮންނައިރުވެސް ނިދި އަންނަގޮތެއް ނުވެއެވެ. މަންމަގާތުގައިވެސް އެވާހަކަ ދެއްކޭކަށް ނެތެވެ. ޒުބާއަށް އެވާހަކަ ދެއްކޭނީ ، ހަމައެކަނި އޭނާގެ ދައްތަ ރޮޝްނާ ގާތުގައެވެ. ކަންދިމާކުރިގޮތުން ރޮޝްނާމެންވީ އެމީހުންގެ ހަނީމޫނަށް ގޮހެވެ.

ސައިމްއަށްވެސް ، ސަމާލުކަންދީގެން އެއްވެސްކަމެއް ނުކުރެވެއެވެ. ކިޔެވެނީކީނޫނެވެ. ރައްޓެހިންނާއެކީ ، މިއުޒިކް ކުޅޭކަށްވެސް ނުދެވެއެވެ. އެއްކޮށްއުޅޭ ގްރޫޕުގެ މެދުގައިވެސް ސައިމްގެ ފަރުވާ ކުޑަކަމުން ، ހިތްހަމަނުޖެހުން އޮންނަނީ އުފެދިފައެވެ.

ޒުބާއަށް ގެއިންބޭރަށް ދެވެނީ ހަމައެކަނި ކޮލެޖަށެވެ. އެނޫންގޮތަކަށް ޒުބާ ބޭރަށް ދާނަމަ ހިފަހައްޓަން ދޮރުވާނު ބަޚްޝީއަށް ގޭގެވެރިން އޮންނަނީ އަންގާފައެވެ. އެހެންކަމުން ، ބައެއްފަހަރަށް އޮޅުވާލައިގެން ނިދާބޭސް އަޅައިގެން ސައިތަށްޓެއް ގެނެސްދީފައި ، ބަޚްޝީއަށް ނިދިޖެހޭގޮތްވީމަ ބޭރަށްދާން ޒުބާއަށް ފުރުޞަތު ލިބެއެވެ.

ރޮޝްނާގެ ދެމަފިރިން އެމީހުންގެ ހަނީމޫން ނިންމާފައި ރަށަށް އަތުވެއްޖެއެވެ. ދާނިޔަލް ދިޔައީ ޒުބާ ، ހެނދުނު ކޮލެޖަށް ގެންގޮސްލައިދޭން މީހަކާ ޙަވާލުކޮށްފައެވެ. އެކަން ދިޔަގޮތެއް ބަލައިލަން އެމީހާޔާ ދާނިޔަލް ގުޅުމާއެކީ ، އެންމެ ދުވަހަކު އޭނާއާ އެކީގަ ކޮލެޖަށްގޮސް އޭގެ ފަހުން ، ޒުބާ ބުނެގެން އެކަން ހުއްޓާލައިފިކަމުގައި އޭނާ ބުންޏެވެ. އެއީ ، ދާނިޔަލްއަށް ޝައްކު ކުރެވުނު ކަމެކެވެ. ޒުބާ އެއުޅެނީ ، އޭނާޔަށާއި މަންމަޔާ އަދި ބައްޕަޔަށް ސިއްރުން ، އަދިވެސް ސައިމް ގޮވައިގެންނެވެ. ސައިމްއާ ކޮލެޖުން ބައްދަލުކޮށް ، ދެމީހުން އެކުގައި ތަންތަނަށް ގޮސްހަދާނެކަން ސައިމްއަށް އެނގެއެވެ. އެކަމާބެހޭގޮތުން ، ދާނިޔަލް ސުއާލު ކުރުމުން ، އޭނާ ކޮލެޖަށް ގެންގޮސްދޭން ޙަވާލުކުރިމީހާއަށް ވަގުތު ނުވާތީ އެކަން ހުއްޓައިލާފައި އޮތްވާހަކަ ޒުބާ ބުންޏެވެ. އެހެނަސް އެކަން ވީ އެހެން ނޫންކަން ސައިމްއަށް އެނގެއެވެ. އެކަމާ ބެހޭގޮތުން އިތުރު ވާހަކައެއް ނުދައްކަން ސައިމް ނިންމިއެވެ.

އެއްދުވަހެއްގެ މެންދުރު ، އޮފީސް ބްރޭކް ގަޑީގައި ޒުބާގެ ކޮލެޖް ކައިރިން ސައިމް ބުރެއްޖަހައިލިއެވެ. ނަޞީގު ކަންދިމާކުރީ ވަރަށް ރަނަގަޅަށެވެ. ދުއްވާފައި އައިސް ، ކޮލެޖާ މާދުރުނޫން ހިސާބެއްގައި އޮތް ޕާކަކަށް ދާނިޔަލް މަޑުކޮށްލުމުން ، ކުރިމަތިން އެފެނުނީ ، ޒުބާ ބޭރުން އައިސް ކޮލެޖަށް ވަތްތަނެވެ. ކައިރީގައި ސައިމްވެސް ހުއްޓެވެ. އެ ދެމީހުން އަދިވެސް އެކަން ނުހުއްޓަނީއެވެ. ސާނިޔަލްއަށް އެތަން ފެނުނުކަމަކަށް ނުހަދައެވެ.

ޒުބާއާ ސައިމްއާ ދެމީހުންގެ ގުޅުމާބެހޭގޮތުން ދާނިޔަލް ސުއާލު ކުރުމުން ޒުބާއަށް ދޮގުހަދަން މަޖްބޫރުވިއެވެ. ސައިމްއާ އޭނާ ބައްދަލުކުރާކަމަކަށް ނެހެދިއެވެ. އެހެންނަމަވެސް ، ޒުބާއާއި ސައިމް އެކުގައި ބޭރުން އައިސް ކޮލެޖަށް ވަތްތަން ދާނިޔަލްއަށް ފެނުނުވާހަކަ ދާނިޔަލް ބުނުމާއެކީ ، ޒުބާގެ އަނގަ ބެދުނެވެ. އަދި ، އޭނާގެ ކޮއްކޮއާ ދިމާލަށް ، ރީތިކޮށް ދާނިޔަލްއަށް ގޮވެން އޮތް އެއްޗެއްވިއްޔާ ގޮވައިލިއެވެ. ޒުބާގެ މައިންބަފައިންނަށް އިޙްތިރާމް ނުކުރާ ވާހަކަ އާއި އެމީހުންގެ އަބުރު ދުއްވާލައިފި ވާހަކައެވެ. ޒުބާގެ ޓެބްލެޓް އަތުލައިގެން ކޮޓަރިޔަށްގޮސް އޭގައިހުރި ފޮޓޯތައް ދާނިޔަލް ބަލަން ހުއްޓާ ، ޒުބާ ފޮނުވައިގެން އެ ޓެބްލެޓް ބަލައި ރޮޝްނާ އައެވެ. ދާނިޔަލްގާތަށް އައިސްހުރި ރުޅީގައި އެ ޓެބްލެޓް އަތުގެ ކޮޅަށް ހޫރައިލިއެވެ. ވެގެނެ އުޅެނީ ކީއްކަން އެހިސާބުން ރޮޝްނާ ދެނެގަތެވެ.

ޒުބާ އެކުރާ ކަމެއް ހުއްޓައިލާން ޒުބާއަށް ނަޞޭޙަތްދީދީ ، ރޮޝްނާ ބަލިވެއްޖެއެވެ. އެމީހުން ހަނީމޫނަށް ފުރައިގން ދިޔަތަނުން ، އަނެއްކާވެސް އިހުވަރު އަރުވައިލާފައި ، ޒުބާގެ ކުޅިގަނޑު އެއޮތީ ކުރިޔަށް ގެންގޮއްސައެވެ. އެއްވެސް ގޯސްކަމެއް އެމީހުން ނުކުރާކަމަށް ޒުބާ ބުނަމުން ގެންދިޔައެވެ. އެމީހުން ހަމައެކަނި ބައްދަލުކޮށްލައި ވާހަކަ ދައްކާލައި ހަދަނީއެވެ. ސައިމްމެންގެޔަކަށްވެސް ޒުބާއެއް އެއްގޮތަކަށްވެސް ނުދެއެވެ. ޒުބާއަށް ވާހަކަ ދައްކަމުން ގޮސް ދޮގުހެދޭއިރުވެސް ނޭނގެއެވެ.

 

ޒުބާ ފޮނުވައިލުމަށްފަހު ، ގެޔަށް ވަންނަން އަންނަނިކޮށް ، ޙަވާލުދާރު ބަޚްޝީއާ ދިމާވެގެން ، ބަޚްޝީވެސް ޒުބާއާބެހޭ އެތައް ވާހަކައެއް ދާނިޔަލްއަށް ކިޔައި ދިނެވެ.

ދާނިޔާލްގާތަށް އައިސްހުރި ރުޅީގައި ސައިމްމެންގެޔާ ދިމާލަށް މިސްރާބު ޖެހިތަން ޒުބާއަށް ފެނުމާއެކީ ، ދުވެފައި އައިސް ކުރިބެއްދިއެވެ. އަދި ސައިމްގެ އެއްވެސް ކުށެއް ނެތްކަމަށާއި ، ސައިމްއަށް އެއްވެސް އަނިޔާއެއް ނުކުރުމަށް ޒުބާ އެދުނެވެ. އެހިސާބުން ރޮޝްނާވެސް އެތަނަށް އައެވެ. ޒުބާ ދައްކަމުންގެންދިޔަ ވާހަކަތައް ނުހުއްޓީމަ ، ޒުބާގެ ކަންކަށިމައްޗަށް ، ދާނިޔަލްގެ އަތުގައިހުރި ބާރެއްލާފައި އެތިފަހަރެއް ދުއްވައިލިއެވެ. ވިއްސައިގެންގޮސް ޒުބާ ޖެހުނީ ރޮޝްނާގެ ގައިމައްޗަށެވެ. ޒުބާ ގޮވައިގެން ގެޔަށް ވަނުމަށް ބުނަމުން ، ސައިމްމެންގެޔާ ދިމާލަށް ދާނިޔަލްހިނގައިގަތްތަނާ ، އޭނާގެ ކުރިމައްޗަށް އެއެރީ ސައިމް އެވެ. ސައިމް އެއައީ ، ޒުބާ ބުނެގެންނެވެ. ދާނިޔަލް ބޭބެއަށް ހުރިހާކަމެއް ފަޅާއެރިވާހަކަ ބުނެ ،  ސައިމް ސަމާލުވެ ހުރުމަށް ބުނުމަށެވެ.

ސައިމްއާ ގާތަށް ދާނިޔަލްޖެހިލިއެވެ. އަދި ، ޒުބާއާ ދިމާލަށް ނުކިޔާ އެތައް އެއްޗެއް ސައިމްއާ ދިމާލަށް ގޮވިއެވެ. އަދި ، ޒުބާއާ ދުރުނުވެއްޖެނަމަ ، އޭނާއަށް ސައިމްއަށް ދެވޭނީ ކޮން އަނިޔާއެއްކަން ނޭނގޭކަމަށް ބުނެ ސައިމްއަށް އިންޒާރު ދިނެވެ. ސައިމްވެސް ދުލެއް ނުކުރެއެވެ. އޭނާކުރީ ކޮންކުށެއްތޯ ސުއާލުކޮށް ، ދާނިޔަލްމެންގެ އިންސާނިއްޔަތުކަމާމެދު ސައިމް ސުއާޅު އުފެއްދިއެވެ. އެންމެފަހުން ، ދާނިޔަލް ދާން ފެށީމަ ، އޭނާ ހުޢްޓައިލާނީ ، ޒުބާއާ ކައިވެނިކޮށްފައިކަމަށް ބުނެ ދާނިޔަލްއަށް ގޮން ޖެހިއެވެ.

ދާނިޔަލްގާތަށް އައި ރުޅީގައި ، އަނެއްކާ އައިސް ، ސައިމްގެ ކަންކަށިމަތީ އެތިފަހަރެއް އަޅުވައިލިއެވެ. އަދި ދެން އޭނާއަށް ޒުބާއާއެކީ ސައިމް ހުއްޓާ ފެނިއްޖެނަމަ ، ފުރާނަ ސަލާމަތް ނުކުރެވިދާނެކަމަށް ބުނެ އިންޒާރު ދިނެވެ.

ޒުބާއާއި ސައިމްގެ ގުޅުން ނުހުއްޓާކަން ގޭގެ އެންމެންނަށްވެސް އެނގިއްޖެއެވެ. ސައިމް ރޮމުންރޮމުން އޭނާގެ ހިތުގެ ވޭނީ ޙާލު ، އޭނާގެ މަންމަޔާއި ބައްޕަޔަށް ކިޔައިދީ ، ޒުބާމެންގެޔަށްގޮސް ، ޒުބާގެ މައިންބަފައިންނާ ވާހަކަ ދައްކައިދިނުން އެދި އާދޭސް ކުރަމުން ގެންދިޔައެވެ. އެހެން ގޮތެއްނެތިގެން ޒުބާމެންގެ މައިންބަފައިންގާތަށް ދާން އިބްރާހީމް ނިންމިއެވެ. ކަން ދިމާޚުރިގޮތުން ޒުބާގެ ބައްޕަ ، ސަމީރުވެސް އޮތީ ޒުބާއާބެހޭގޮތުން ވަކިގޮތަކަށް ނިންމާފައެވެ. އެއީ ، އެމީހުން ދަންނަ ގާތް ޢާއިލާއެއްގެ ކުއްޖަކާ ޒުބާގެ އެންގޭޖްމަންޓް ބޭއްވުމަށެވެ.

އިބްރާހީމްގޮސް ، ސަމީރާ ވާހަކަ ދެއްކިއެވެ. އެތައް ޒަމާނެއްވަންދެން އެދެ ޢާއިލާގެ މެދުގައި އޮތް ގާތްކަމަށްޓަކައިވެސް ، ޒުބާއާއި ސައިމްގެ ގުޅުމަށް އާނއެކޭ ބުނުމަށް އިބްރާހީމް އާދޭސް ކުރިއެވެ. އިބްރާހީމްގެ ވާހަކަ ސަމީރަކަށް ޤަބޫލެއް ނުކުރެވުނެވެ. ޒުބާއަކީ އޭނާގެ ދަރިއެކެވެ. ޒުބާގެ ޢާއިލާގެ ތެރޭގައި މުއްސަނދި ދިރިއުޅުމަކަށް ބޭނުންވާނެ ތަނަވަސްކަން އެބަ އޮތެވެ. ސައިމްގެ ޢާއިލާއަކީ ، އެއްވެސް އެކަހަލަ ކަމެއް އޮތް ބަޔެއްނޫނެވެ.

ސަމީރުގެ ފަރާތުން އިބްރާހީމަކަށް އެދެވޭ ޖަވާބެއް ނުލިބުނެވެ. އެތައް ޗަރަކަށް އާދޭސްކޮށްކޮށްވެސް ، އިބްރާހީމް އެދައްކާ ވާހަކައެއް ހަމަޖެހިލައިގެން އަޑުއަހާލާކަށްވެސް ސަމީރު ބޭނުމެއް ނުވިއެވެ. އެދެޢާއިލާއަކީ ، އެއް ފެންވަރެއްގެ ދެ ޢާއިލާއެއް ނޫންކަމަށް ނިންމައި ، ޒުބާއަކީ ދުބަހެއްގެ ކޮޅުންވެސް އިބްރާހީމްމެންގެޔަށް ދާނެ ކުއްޖެއްނޫންކަމަށް ސަމީރު ނިންމިއެވެ.

ސަމީރުގެ ނިންމުމަކީ ސަމީނާއަށް އެހާ ރަނގަޅު ނިންމުމަކަށް ނުވިއެވެ. ޒުބާ އެގެންދަނީ ޑޮކްޓަރުކަން ކިޔަވަމުންނެވެ. ކިޔެވުމުގެ ފައްތަރުމަތީ ، ޒުބާގެ ހިތާ ދެކޮޅަށް ކުއްޖާ އެންގޭޖް ކުރުވުމަކީ ، ޒުބާގެ ކިޔެވުމަށްވެސް އެކަމުގެ އަސަރުކުރާނެ ކަމެކެވެ.

ސައިމް ކުރު ނުކޮށްގެން ފާއިޤާވެސް އައިސް ސަމީނާމެންނާ ވާހަކަ ދައްކައިފިއެވެ. ސަމީނާމެން ފާއިޤާއަށްދިން ޖަވާބު އެހާ ރުންކުރެއްނޫނެވެ. ފާއިޤާގެ ކިބައިން ސަމީނާމެން އެދުނީ އިތުރު ވަގުތަށެވެ. ޒުބާގެ އެންގޭޖްމަންޓްގެ ވާހަކަ ފާއިޤާގާތަކު ނުބުނެއެވެ. އެކަމާ ގުޅިގެން ސައިމްގެ ހިތަށްވެސް ، ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ޒުބާވެސް ހުރީ ހަމަޖެހިފައެވެ. ޒުބާގެ މަންމައާއި ބައްޕަޔާ ދެމެދު އުފެދިފައިވާ ހަމަނުޖެހުމެއް ޒުބާއަކަށް އިޙްސާސެއް ނުވެއެވެ. އެކަމުގެ އެންމެ ފުނަށް ދެވިފައިހުރީ ދާނިޔަލްއަށެވެ.

އިބްރާހީމާއި ފާއިޤާ ރާވަމުން ގެންދިޔައީ ، ދުރުހިސާބަކަށް ސައިމް ފޮނުވާށެވެ. އިބްރާހީމްގެ ބައްޕަ އަދި ސައިމްގެ ކާފަޔަކީ ، ހިތުގެބައްޔެއްހުންނަ މީހެކެވެ. ކާފަ ބަލިވެ އުޅޭކަމަށް ހަދާފަ ، ކާފަގާތަށް ސައިމް ފޮނުވައިލަން އިބްރާހީމްގެ ދެމަފިރިން ދިޔައީ ރާވަމުންނެވެ. އެކަމާ ބެހޭގޮތުން ، ސައިމްއާ ވާހަކަ ދެއްކީ  ފާއިޤާއެވެ. ފާއިޤާގެ ވާހަކަޔަށް ސައިމް ހެއްލުނެވެ. އަދި ޓިކެޓް ނަގައިދިންހާ އަވަހަކަށް ފުރަން ސައިމް ވެސް ތައްޔާރުވިއެވެ. ކާފަޔަށް ގުޅައި ، ކާފަގާތަށް ސައިމް އެ ފޮނުވެނީ ކީއްވެތޯ އަދި ކީއްކުރަންތޯ ސާފުކޮށްދިނެވެ. އަދި ، ކާފަކުރަންވީ ކަންކަންވެސް ސާފުކޮށްދިނެވެ. އެކަން ކުރީ ފާއިޤާއެވެ.

ސައިމްއަށް ހީވެފައި އޮތްގޮތުގައި ކާފަގާތަށް ގޮސް އޭނާ އެނބުރި އަންނައިރު ، ޒުބާގެ މައިންބަފައިންގެ ނިންމުން އޮންނާނީ ނިމިފައެވެ. ޒުބާގެ ކައިވެނި އޭނާއަށް ލިބޭނެއެވެ. އެހެންކަމާއެކުވެސް ، ނޭނގޭ ފާޑެއްގެ ނުބައި އިޙްސާސްތަކަކުން ސައިމް ހުންނަނީ ހިތްބިރުގެންފައެވެ. ފުރުމުގެ ކުރިން ޒުބާއާ އެންމެ ފަހަރަކު ނަމަވެސް ވާހަކަ ދައްކާލަން ފުރުޞަތަކަށް އެދުމުން އެކަންވެސް މަންމަޔެއް ނުކޮށްދިނެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި އެކަން ވިޔަކަ ނުދިނެވެ.

ޒުބާގެ މަންމަ ސަމީނާވެސް ޒުބާއަށް އަންގައިދީފައި އޮތީ ، ދެތިންދުވަހެއްގެ ތެރޭގައި އޭނާގެ އެންގޭޖްމަންޓް ވާކަމުގައެވެ. ޒުބާއަށް ހީވެފައިއޮތީ އޭނާ އެންގޭޖްވަނީ ސައިމްއާ ކަމުގައެވެ. އެހެންނަމަވެސް ، ޒުބާ އެންގޭޖްވަނީ ސައިމްއާ ނޫންކަން  ރޮޝްނާއަށް އޮޅުމަކުން ޒުބާގާތު ބުނެވުނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.