ކީރިތި ޤުރުއާނާއި ކައުއިތުރު ރަސޫލާގެ ސުންނަތުގެ އަލީގައި
ދުނިޔޭގައި ދިރުން ލެއްވި އެންމެހާ ތަކެތި ނެތިފަނާވާނެ ދުވަހެއް އަންނާނެއެވެ. އެދުވަހަކުން ދުނިޔެ އެކޮޅުކޮޅުން ޖެހޭނެއެވެ. މިހާރުވެސް އެކަމުގެ ޢަލާމާތްތައް މިއޮށްދަނީ ފެންނަމުންނެވެ. ކަނޑުގެ ސަޠަޙައިގެ އެތައް ސަތޭކަ މީޓަރެއްގެ އުސްމިނުގައިހުންނަ ފަރުބަދަތަކުގެ ހިލަ ، ނުވަތަ ދިވެހިން މިކިޔާ ބޮޑުހިލައާއި ރާނާ ހިމުން ހިލައާއި ރާޅުހިލަ ތިރިޔަށް ގެނެސް ، ރާއްޖެފަދަ ކުދި ޖަޒީރާތަކުގެ ކަނޑުގެ ނުވަތަ ފަޅުގެ އަޑިޔަށް އަޅައި ތޮށިލައި ހަދަމުންދާއިރު ، ހިލައިގެ ދުނިޔެ އެއޮތީ އެކޮޅުކޮޅުން ޖެހިފައެވެ. މާމަތީ ހުންނަ އުސް ފަރުބަދަތަކުގެ ހިލަ ގެނެސް ކަނޑަށާއި ފަޅަށް އެޅޭއިރު އެކުރެވެނީ ކީއްތޯ ވިސްނައިލައިފިމީހަކަށް ނޫނީ އެކަން އިޙްސާސެއް ނުވާނެއެވެ. ހަމައެފަދައިން ، ރާއްޖޭގެ ފުން ކަނޑުތަކުގެ އަޑީގައި ހުންނަ ވެލި ނަގައި ރަށްރަށް ހިއްކަމުން ދާއިރު ، އަޑީގައި ހުންނަ އެއްޗެއް މައްޗަށް ނަގައި ، މަތީގައި ހުންނަ އެއްޗެއް ތިރިޔަށް ލައިގެން ، އިންސާނާ އަމިއްލަޔަށް ދުނިޔެ އެކޮޅުކޮޅުން ޖަހަނީއެވެ.
ޤިޔާމަތް ދުވަހަކީ ، އިންސާނާ މަޙުޝަރު ކުރެއްވޭ ދުވަހެވެ. ދުނިޔެ ނެތިދިއުމަށްފަހު ، ކޮޅަކޮޅު ނުފެންނަ ހަނަފަސް ބިމަކަށް ، އެންމެހައި އިންސާނުން އެއްކުރެވޭނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުގައިވާފަދައިންނެވެ.
ކީރިތި ޤުރްއާނުގެ 55 ވަނަ ސޫރަތްކަމުގައިވާ އައްރަޙްމާން ސޫރަތުގެ 26 އަދި 27 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
كُلُّ مَنْ عَلَيْهَا فَانٍ ﴿26﴾ وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ ﴿27﴾
މި ދެއާޔަތުގެ މާނަޔަކީ ، " އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ ، ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި ، ކީރިތިވަންތަކަމާއި ، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ޛާތުފުޅު ދެމިވޮޑިގެންވެއެވެ.
ދުނިޔެ ނެތިފަނާވެ ދިއުމަށްފަހު ، އިންސާނާއަށް ފުރާނައަޅުއްވައި ، އެބިމަކަށް އެއްކުރައްވާނެ މަޙުޝަރުގެ ބިމަށް ، އެބައިމީހުން އެއްކުރައްވާނޫއެވެ. ﷲ ގެ ޙަޟުރަތުގައި މީސްތަކުން ކޮޅަށް ތިބޭނެތެވެ. އަދި އިންސާނާ ދުނިޔޭގައި އުޅުނުއިރު ކުޅަ ޢަމަލުތަކުގެ ހިސާބު ބެއްލެވޭނެއެވެ. ކުޑަ ޢަމަލެއް އަދި ބޮޑު ޢަމަލެއް ނުއޮންނާނެއެވެ. އިންސާނާ ދުނިޔޭގައި އުޅުނުއިރު ކުޅަ އެންމެހައި ޢަމަލުތަކުގެ ހިސާބު ބެއްލެވޭނެއެވެ.
އެދުވަހަކީ ، އެމީހަކާ އެމީހެކޭ ބުނެ ، ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާމެދު ކަންބޮޑުވެ ، ދެލޯބޮޑުވެފައި ތިބޭނެ ދުވަހެކެވެ. ތިބާއަށް ވާނެގޮތެއް ނޭނގޭތީ ، އަނެކާގެ ޙާލާމެދު ވިސްނައިލާނެ ފުރުޞަތެއް ނުލިބޭނެއެވެ. ﷲ ގެ ކޯފާއާމެދު ބިރުވެތިވެ ، ކަންބޮޑުވެގެންވާ ޙާލު ދުނިޔެއަށް ނައިނަމައޭ ހިތަށްއަރާވަރު ވާނެއެވެ. ދުނިޔޭގައި ހެޔޮ ޢަމަލުކޮށް ، އާޚިރަތަށް ދަތުރުކުރި މީހަކަށް މެނުވީ އެދުވަހަކުން ސަލާމަތާއި ރައްކާތެރިކަމެއް ނުވެއެވެ. ހަމަ އެކަކަށްވެސް އެދުވަހުން ބޭއިންސާފު ނުކުރެވޭ ހުއްޓެވެ. އެމީހަކު ކުޅަކަމެއް އެމީހަކަށެވެ. ހެޔޮ ޢަމަލަކުން މެނުވީ އެދުވަހުން ރައްކާތެރިކަމެއް ނުވެއެވެ.
ހިސާބު ބެއްލެވުމަށްފަހު ، އެމީހަކަށް ޙައްޤު މަންޒިލަށް އެމީހަކު ފޮނުވައިލެވޭ ހުއްޓެވެ. އެއްބަޔަކު މަތިވެރިވެގެންވާ ސުވަރުގެޔަށެވެ. އަނެއްބަޔަކު ، ބިރުވެރިކަމުން ފުރިގެންވާ ނަރަކަޔަށެވެ. ޤިޔާމަތް ދުވަހަކީ އެއީއެވެ.
ޤިޔާމަތްދުވަހަށް ދެވިފައިވާ ނަންތައް
ޤިޔާމަތްދުވަހަށް އެތައް ނަމެއް ޢިލްމުވެރިން ދެއްވާފައި އެބަހުއްޓެވެ. އިމާމް އަލްޣަޒާލީއާއި ޤުރްތުބީ އާ ދެ ޢިލްމުވެރިން އެދުވަހަށް ފަންސާސް ނަން ދެއްވާފައި ވާކަމަށް ފަތުޙުލްބާރީގެ 11/396 ގައި އިބްނު ޙަޖަރު އަލްއަސްޤަލާނީ ބަޔާން ކުރައްވާފައި ވެއެވެ.
ޤުރްތުބީ ލިސްޓްކުރައްވާފައިވާ ނަންތަކާއި އޭގެމާނަ ނަންގަވައިފައިވަނީ ، އިބްނު އަލްޢަރަބީ ލިޔުއްވާފައިވާ " ސިރާޖުލްމުރީދީން " އެވެ ކިޔުނު ފޮތަކުންނެވެ. އެފޮތުގައި އަލްޢަރަބީ ލިޔުއްވާފައިވާ ނަންތަކަކީ ، އޭނާއަށް ފެނިވަޑައިގެންނެވި ޚިޔާޅުފުޅުތަކެއްކަމަށް ވެދާނެއެވެ. ( އައްތަޛްކިރާ ބައި ޤުރްތުބީ 233 )
އިތުރަށް އަމިއްލަފުޅު ޚިޔާލަކާނުލައިވެސް ބައެއް ޢިލްމުވެރިން ، އެދުވަހުގެ ނަންތައް ގެނެސްދެއްވާފައި ވެއެވެ. އޭގެ ބައެއްފޮތުގެ ތެރޭގައި ، އިބްނު ނަޖާޙުގެ " ސުބުލުލް ޚަޔެރާތު " ، އަބޫ ޙާމިދް އަލްޣަޛާލީގެ " އަލް އިޙްޔާ " އަދި ، އިބްނު ޤުތައިބާގެ " ޔޫނުލްއަޚްބާރު " ފަދަ ފޮތްތައް ހިމެނެއެވެ. މިފޮތުގައި ބަޔާން މިކުރަނީ ، ޤިޔާމަތް ދުވަހަށް ދެވިފައިވާ ، ފާހަގަ ކޮށްލެވޭ ޢާންމު ނަންތައް އެކަންޏެވެ.
އެދުވަހަށް ދެވިފައިވާ އެންމެ މަޝްހޫރު އަދި ޢާންމު ނަމަކީ ، " ޤިޔާމަތްދުވަސް " އެވެ. ކީރިތި ޤުރްއާނުގެ ހތްދިޔަ އާޔަތެއްގައި ، ޤިޔާމަތްދުވަސް ނުވަތަ ޔަވްމުލްޤިޔާމާ އައިސްފައި ވެއެވެ. ފުރަތަމަ އާޔަތް އައިސްފައިވަނީ ، ކީރިތި ޤުރްއާނުގެ ނިސާއު ސޫރަތުގައެވެ. އެއީ އެ ސޫރަތުގެ 87 ވަނަ އާޔަތެވެ.
اللَّهُ لَا إِلَٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ اللَّهِ حَدِيثًا
" ﷲ އީ ، އެކަލާނގެ ފިޔަވައި ( ޙައްޤު ވެގެން އަޅުކަމެއްވެވޭ ) އިލާހަކުނުވާ ރަސްކަލާނގެއެވެ. ޤިޔާމަތް ދުވަހުން ، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާނެކަން ކަށަވަރެވެ. އެކަމާމެދަކު ޝައްކެއް ނެތެވެ. ބަސްބުނުމުގައި ﷲ އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟ "
ކީރިތި ޤުރްއާނުގެ އަލްއިސްރާ ސޫރަތުގެ 97 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
وَمَن يَهْدِ اللَّهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَاءَ مِن دُونِهِ ۖ وَنَحْشُرُهُمْ يَوْمَ الْقِيَامَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا ۖ مَّأْوَاهُمْ جَهَنَّمُ ۖ كُلَّمَا خَبَتْ زِدْنَاهُمْ سَعِيرًا
" ﷲ ތެދުމަގު ދެއްކެވި މީހާ ( ދަންނާށެވެ! ) ފަހެ ، އެމީހަކީ ، ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހާ ( ދަންނާށެވެ! ) ފަހެ ، އެއުރެންނަށް އެކަލާނގެ ފިޔަވައި އެހީތެރިވާނޭ ބަޔަކު ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި ޤިޔާމަތް ދުވަހުން ތިމަންރަސްކަލާނގެ އެއުރެން މޫނުވަތަށް މަޙްޝަރަށް ފޮނުއްވާހުށީމެވެ. ކަނު ، މަންމަން ، ބީރުބަޔަކު ކަމުގައެވެ. އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެފަހަރަކު ، އެއުރެންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރުކުރައްވަމެވެ. "
ކީރިތި ޤުރްއާނުގެ ، ސޫރަތުއްޝޫރާގެ 45 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَتَرَاهُمْ يُعْرَضُونَ عَلَيْهَا خَاشِعِينَ مِنَ الذُّلِّ يَنظُرُونَ مِن طَرْفٍ خَفِيٍّ ۗ وَقَالَ الَّذِينَ آمَنُوا إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا إِنَّ الظَّالِمِينَ فِي عَذَابٍ مُّقِيمٍ
" އަދި ނިކަމެތިވެ ، ބިރުގެން ، ވައްކަޅިން ބަލާ ޙާލު ، އެއުރެން ނަރަކަޔަށް ހުށަހަޅުއްވާތީ ތިބާދެކޭނޫއެވެ. އަދި އީމާން ވިމީހުން ބުނާނެތެވެ. ހަމަކަށަވަރުން ، ގެއްލުންވިމީހުންނީ ، ޤިޔާމަތް ދުވަހު ، އެއުރެންގެ އަމިއްލަ ނަފްސުތަކާއި ، އަހުލުވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން ، އަނިޔާވެރިންވަނީ ، ދެމިހުންނަނިވި ޢަޛާބެއްގައެވެ. "
މަތީގައި ބަޔާންކުރެވިފައިވާ އާޔަތްތަކުންވެސް ދޭހަވާގޮތުގައި އެ ދުވަހަކީ ، ޔަޢުނީ ޤިޔާމަތްދުވަހަކީ ، ބޮޑުވެގެންވާ ދުވަހެކެވެ. އެއީ ، ޢާލަމްތައް ހައްދަވައި ބޮޑުކުރެއްވި ޚާލިޤުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުރިފުޅުމަތީ ، އެންމެހައި މީސްތަކުން ނުވަތަ އެކަލާނގެ ޚަލްޤުކުރެއްވި އަޅުތަކުން ކޮޅަށް ތިބޭ ދުވަހެވެ.
ދިވެހިބަހުން އެދުވަހަށް ނިސްބަތްކޮށް ، ޤިޔާމަތް ދުވަސް ، މަޙްޝަރުދުވަސް ، އަދި ހިސާބު ބައްލަވާދުވަސް ، ފަހުދުވަސް އަދި އާޚިރަތްދުވަސްފަދަ ނަންނަމުން ، އެދުވަހުގެ ވާހަކަ ގެނެސް ދެވެއެވެ. ( ނުނިމޭ )

