މިއަދު ، 3 ރަމަޟާން 1447 ، 20 ފެބްރުއަރީ 2026 ވީ ހުކުރު ދުވަހުގެ ހުކުރުޚުޠުބާއަށް ބަލާއިރު ، މިއީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ހުކުރު ދުވަހުގެ ފުރަތަމަ ހުކުރު ޚުތުބާއެވެ. މި ޚުޠުބާގެ މަވްޟޫޢަކީ " ތަޤްވާވެރިވުމާއި ތައުބާގެ މައްސަރު " އެވެ.
ތަޤްވާވެރިވުމަކީ ކޮބައިތޯއެވެ ؟ ތަޤްވާވެރިވުމަކީ ، އަޅުގަނޑުމެން ހައްދަވައި ބޮޑުކުރައްވާ މަތިވެރި އިލާހު ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ، ހުރިހާ އަމުރުފުޅުތަކަކަށް ކިޔަމަންގަތުމެވެ. އިންސާނާ ދުނިޔޭގައި އުޅުމަށް ، އަންގަވައި ، އެކަލާނގެ އަމުރު ކުރައްވާފައިވާ އެންމެހާ ކަންކަން ، ނުވަތަ އެކަލާނގެ ވަޙީބަސްފުޅު ، އިންސާނާއަށް އަންގަވާފައިވަނީ ، ކީރިތި ޤުރްއާން ގައެވެ. ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި ، މުޙައްމަދު ޞައްލަﷲ ޢަލައިވަސައްލަމަގެ މައްޗަށް ބާވައިލެއްވި އެކަލާނގެ ކަލާމް ފުޅުގައެވެ. ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ﷲ ގެ އަމުރުފުޅުތައް ، ތަފްޞީލްކޮށް އަންގަވައި ދެއްވީ ، މި އުއްމަތުގެ މާތް ނަބިއްޔާ ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެ ސުންނަތުން އެކަންކަން އިންސާނުންނަށް އަންގަވައި މިސާލު ދައްކަވާފައިވެއެވެ. އެކަލޭގެފާނުގެ މޫރިތި ސީރަތުގައެވެ. ނުވަތަ އެކަލޭގެފާނު ދިރިއުޅުއްވި ގޮތްކޮޅުގައެވެ.
ﷲ ނަހީކުރެއްވި ކަންކަމުން ދުރުހެލިވެ ރައްކައުތެރިވުމަކީވެސް ތަޤްވާވެރިވުމުގެ ތެރޭގައި އޮތް ކަމެކެވެ. އެކަލާނގެ ނަހީކުރެއްވި އެއްވެސް ކަމަކަށް އަރައި ނުގަތުމެވެ. ކީރިތި ﷲ ރުހިވޮޑިގެން ނުވާ ކަންކަމާއި ، އިންސާނާ ކުރުން މަނާކަންކަމާއި ކޮށްގެން ނުވާނެ ކަންކަން ، ކީރިތި ޤުރްއާނުގައި ﷲ ތަޢާލާވަނީ ބަޔާންކޮށް އަންގަވާފައެވެ. އަދި ، އެހުރިހާ ކަމެއް ، ކީރިތި ރަސޫލާވަނީ އިންސާނުންނަށް އަންގަވައި ދަސްކޮށްދެއްވާފައެވެ. ﷲ ރުހިވޮޑިގެން ނުވާ ކުޑަވެސްކަމެއް އެކަލޭގެފާނުގެ ސީރަތުން ފެންނާކަށް ނެތެވެ. އިންސާނާ ކުރުން ވާޖިބު ކަންކަމާއި އިންސާނާ ކޮށްގެން ނުވާނެ ހުރިހާކަމެއް ، ނުވަތަ ﷲ ރުހިވޮޑިގެން ނުވާނެ އެންމެހައި ކަންކަން ، އެކަލޭގެފާނުގެ ދިރިއުޅުއްވުމުން ، ކީރިތި ރަސޫލާވަނީ ، އިސްލާމީ އުއްމަތަށް އަންގަވައި އަދި ދައްކަވައިފައެވެ.
މީގެ މާނަޔަކީ ކޮބައިތޯއެވެ ؟ އޭގެ މާނަޔަކީ ، އިންސާނާ ޚަލްޤުކުރައްވައި މިބިންމައްޗަށް ، ފޮނުއްވީ ، އެ އިންސާނާ އުޅެންވީ ގޮތާއި ނޫޅެންވީގޮތް ، ޚާލިޤުވަންތަ ﷲ ގެ ޙަޟުރަތުން އަންގަވާފައެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވީ ، ހިތުހުރި ގޮތަކަށް ދުނިޔޭގައި އުޅެފައި ، އެކަލާނގެ ހަޟުރަތަށް ދާކަށް ނޫނެވެ. އިންސާނާ ދުނިޔެމައްޗަށް ފޮނުއްވީ ، އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް އަންގަވައި ، އެގޮތަށް ދުނިޔޭގައި އުޅުމަށްފަހު ، ﷲ ގެ ޙަޟުރަތަށް އެނބުރި ދާށެވެ.
ކީރިތި ޤުރްއާނުގެ އައްޛާރިޔާތު ސޫރަތުގެ 56 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައި ވެއެވެ.
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ
މި އާޔަތުގެ މާނަޔަކީ ، " ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ ، ތިމަންރަސްކަލާނގެ ޖިންނީންނާއި ، އިންސީން ނަހައްދަވަމެވެ. "
ތަޤްވާގެ މި މައްސަރު މުޅިންވެސް ގުޅިފައިވަނީ އަޅުކަމާއެވެ. މިއީ މާތްވެގެންވާ އެތައްކަމަކުން ޚާއްޞަވެގެންވާ މައްސަރެކެވެ. އިންސާނާ ދުނިޔޭގައި އުޅެންވީގޮތް އަންގަވައި ، އެކަލާނގެ އަމުރުފުޅުތައް ބަޔާން ކުރައްވާފައިވާ ކީރިތި ޤުރްއާން ބާވައިލެއްވުނީ މި މައްސަރުގައެވެ. ރޯދަ ފަރުޟުކުރެއްވީ މި މައްސަރުގައެވެ. ލައިލަތުލްޤަދްރީގެނަމުން ނަންދެވިފައިވާ މާތް ރޭ ހިމެނިގެންވަނީވެސް މި މައްސަރުގައެވެ. މިމމައްސަރުގައި އިންސާނާ ކުރާ ހެޔޮޢަމަލުތަކަށް މަތިވެރި ޖަޒާދެއްވުމާއި ، ދެއްވާ ޖަޒާ ގުނަކުރެއްވުންވެސް ހިމެނެއެވެ.
ތަޤްވާގެ ވާހަކަޔަށްފަހު ، ތައުބާވުމުގެ މައްޗަށް ބަލައިލަމާތޯއެވެ ؟ އެއީ ކިހިނެއްވާ ކަމެއްތޯއެވެ ؟ ތައުބާވުމަކީ ، ކުރެވިފައިވާ ފާފަތަކުން އެއްކިބާވެ ، އެ ފާފަތައް ކުރެވުނުކަމުގެ މައްޗަށް ހިތާމަކޮށް ، އަލުން އެކަންކަމަށް އަރައި ނުގަތުމަށް ، ނުވަތަ އެފަދަ ކަމެއް ނުކުރުމަށްނިޔަތްގަނެ ، ޢަޒުމް ކަނޑައަޅައި ، ކުރެވިފައިވާ ފާފަތައް ފުއްސެވުން އެދި ހިތުގެ އިޚްލާޞްތެރިކަމާއެކީ ، ﷲ ގެ ޙަޟުރަތުގައި ދުޢާ ދެންނެވުމެވެ. ފާފަތައް ފުއްސެވުންއެދި ﷲ ގެ ޙަޟުރަތުގައި ދެންނެވުމަކުން އެކަން ފުއްދާލައިގެން ނުވާނެއެވެ. އެހެން މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ ، އެ ޙައްޤު އަދާކޮށް އެކަމުން ސަލާމަތްވާން ވާނެއެވެ. ފާފަކުރެވެނީ ، ﷲ ނަހީކުރައްވައި ، ނުކުރުމަށް އަންގަވާފައިވާ ކަމެއް ކުރެވިގެންނެވެ. އެހެންކަމުން ، އެއީ ކިތަންމެ ކުޑަފާފައެއް ކަމަށްވިޔަސް ، އަދި ބޮޑުފާފައެއްކަމަށް ވިޔަސް ، އެފާފައެއް ފުއްސެވުންއެދި ތައުބާވާން ވާނެއެވެ.
ކީރިތި ޤުރްއާނުގެ އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ
މި އާޔަތުގެ މާނަޔަކީ ، " ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ، ﷲ އީ ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން ، އެކަލާނގެއީ ، ގިނަގިނައިން ފާފަފުއްސަވާ ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. "
ދުނިޔެއަޅައި ދިއުމުގެ ކުރިން ، ތިމާއަށް ކުރެވިފައިވާ އެންހާ ފާފަތަކުން ތައުބާވުމަކީ ، މުހިންމު ކަމެކެވެ. ފާފަތަކެއް ކުރެވި ، އެ ފާފަތަކަށް ތައުބާނުވެ ، ﷲ ގެ ޙަޟުރަތަށް ދިއުމީ ، އިންސާނާއަށް ކުރިމަތިވާނެ އެންމެ ބަދުނަޞީބު ޙާލަތެވެ. އެއީ ، އެއްވެސް އިންސާނަކު ކުރަން ބޭނުންވާނެކަމެއްނޫނެވެ. ދުނިޔޭގެ ދިރިއުޅުމުގައިވާ ތައުބާއަކީ ، ތަޤްވާގެ މަގުގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އެއީ ، ތެދުމަގަށް ރުޖޫޢަވެވި ، ފާފަތަކާ ދުރުހެލިވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ކައުއިތުރު ރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ.
" މާތް ﷲ ގަންދެއްވާ ޙަދީޘް ކުރައްވަމެވެ. ހަމަކަށަވަރުން ، ރެޔާއިދުވާލު ހަތްދިހަ ފަހަރަށްވުރެ ގިނައިން ، ﷲ ގެ ޙަޟްރަތަށް ތައުބާވެވަޑައިގެން ، ތިމަންކަލޭގެފާނު އިސްތިޣުފާރު ކުރައްވަމެވެ "
ނިކަން ވިސްނައިވަޑައިގަންނަވާށެވެ ! މާތް ﷲ ، އެކަލޭގެފާނުގެ އިސްވެފައިވާ ހުރިހާ ފާފަޔަކާއެކީ ، އެކަލާނގެ ފުއްސެވުމާއި ރުއްސެވުން ލިބިވަޑައިގެންވާ ، މި އުއްމަތުގެ މާތް ސާހިބާ ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ރެޔަކާދުވާލު ހަތްދިހަ ފަހަރަށްވުރެ ގިނައިން ތައުބާވެވަޑައި ގަންނަވައެވެ. މުސްލިމުން ނަމޫނާއަކަށް ބަލަންވީ އެކަލޭގެފާނެވެ. އެކަލޭގެފާނުގެ ދިރުއުޅުއްވުމާގުޅިފައިވާ ހަމަ ކޮންމެ ކަމަކުންވެސް ، މުސްލިމުންނަށް އެތައް ފިލާވަޅެއް ލިބެއެވެ. އަދިވެސް ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިބަސްފުޅެއްގެ މާނައިގާ ވެއެވެ.
" ތަޤްވާވެރިކަންވަނީ މިތާނގައެވެ. ތަޤްވާވެރިކަންވަނީ މިތާނގައެވެ. " އެބަހީ ، ހިތުގައެވެ. ދެފަހަރަށް އެހެން ހަދީޘްކުރައްވައި އޭކަލޭގެފާނުގެ މޭފުޅަށް އިޝާރާތް ކުރެއްވިއެވެ ".
ރަސޫލާގެ މި ޙަދީޘްފުޅަށް ބަލާއިރު ، ތަޤްވާވެރިކަން ވަނީ ހިތާ ގުޅިފައެވެ. އެއީ ހިތާއިހިތުގެ ގުޅުމެކެވެ. ހިތްނިޔަތް ޚާލިޞްކޮށް ، އިޚްލާޞްތެރިކަން އިސްކުރުމަކީ ، ތަޤްވާވެރިކަން ފުރިހަމަވުމަށްޓަކައި ކޮންމެހެން ބޭނުންވާނެ ކަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ ، ކޮންމެކަމެއްމެ މޮޅަށް ބައްލަވާ ވޮޑިގެންވާ ، އަދި އަބަދުމެ ބައްލަވާ ވޮޑިގެންވާ އިލާހުކަން ހިތުގެ އަޑިން ޤަބޫލުކުރަން ޖެހެއެވެ. ހަމަ އެއްވެސްކަމެއް ، އެކަލާނގެޔަށް ސިއްރު ނުކުރެވޭނެކަން ހަނދާންކުރަން ޖެހޭނެއެވެ.
މި މަތިވެރި މައްސަރަށް ޚާއްޞަކުރެވިފައިވާ އަޅުކަން ރޯދަ ، މިމައްސަރުގައި ފަރުޟުކުރެއްވުނު ޙިކުމަތަކީވެސް ތަޤްވާއެވެ. އެހެންކަމުން ، ރޯދަޔަށް ތިބޭއިރު ، ﷲ ނަހީކުރެއްވި އެންމެހައިކަންކަމުން ދުރުހެލިވެ ، ފަރުޟުކުރެއްވި އެންމެހައި ކަންކަން ހިތްނިޔަތް ޚާލިޞްކޮށްގެން އަދާކުރުމުގެ މައްޗަށް ސަމާލުވާން ޖެހެއެވެ. ތަޤްވާވެރިވުމަކީ ، އެއީއެވެ. ﷲ ނަހީކުރެއްވި ކަންކަމުން ދުރުހެލިވެ ހުރުމާއެކު ، ފަރުޟުކުރައްވައި އަމުރުކުރެއްވި އެންމެހައި ކަންކަން ފުރިހަމަ ކުރުމެވެ.
ހަމައެއާއެކީ ، ދެދުނިޔޭގެ ރަޙުމަތެއްކަމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވި މާތް ނަބިއްޔާ ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ރޯދަމަހު ކަންކުރެއްވިގޮތް ބަލައި ދަސްކޮށް ، އެކަލޭގެފާނުގެ ސުންނަތުން ފިލާވަޅު ލިބިގަނެ ، ރޯދަމަހުގެ ޘަވާބާއި ދަރުމަ ހޯއްދެވުމަށްޓަކައި ، މި މައްސަރުގައި އެކަލޭގެފާނުގެ މޫރިތި ޢަމަލުތައް ބެހެއްޓެވި ގޮތްތަކަށް ބަލައި ، އެކަންކަން ފުރިހަމަކޮށް ، އެގޮތަށް އުޅެވޭތޯ ގަދައަޅައި މަސައްކަތް ކުރަން ވާނެއެވެ. އެއީ އެހާ އުނދަގޫކަމެއްނޫނެވެ. ކުޑަހިތްވަރެއް ކޮށްލައިގެން ލިބެން އޮތް އެ މަތިވެރި ދަރުމައާއި ޘަވާބަކީ ، ދޫކޮށްލަން ހެޔޮވާވަރުގެ ޢަމަލެއް ނޫނެވެ. މިއީ އަހަރަލކު އެއްފަހަރު އަންނަ ފުރުޞަތެކެވެ. އަނެއް އަހަރުގައި ނޫނީ އަނބުރާ އައުމެއްނެތެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސީރަތަށް ބަލާއިރު ، އަހަރުގެ އެހެން މަސްތަކުގައި ކުރެއްވި ވަރަށްވުރެ ގިނައިން ރޯދަމަހު ، ހެޔޮޢަމަލު ކުރެއްވުން ގިނަ ކުރެއްވިއެވެ. ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުން ގިނަކުރެއްވިއެވެ. ޚާއްޞަކޮށް ، ޖިބްރީލް ޢަލއިހިއްސަލާމްގެ އަރިހުގައި ، ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމަށް ވަގުތު ހޭދަ ކުރެއްވިއެވެ.
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަޔަކީ ، މީސްތަކުންކުރެ އެންމެ ދީލަތި ސާހިބާއެވެ. އެކަލޭގެފާނު އެންމެ ދީލަތިފުޅުވެވަޑައިގަންނަވަނީ ، ރަމަޟާންމަހު ، ޖިބްރީލް ޢަލައިހިއްސަލާމާ ބައްދަލުވެވަޑައި ގަންނަވާ ހިނދުގައެވެ. ރަމަޟާންމަހު ކޮންމެ ރެޔަކު ޖިބްރީލް ޢަލައިހިއްސަލާމާ ( އެކަލޭގެފާނު ) ބައްދަލުވެވަޑައި ގަންނަވައެވެ. އެ ބައްދަލުވެވަޑައިގަތުމުގައި ޖިބްރީލް ޢަލައިހިއްސަލާމް ، ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމަޔަށް ، ކީރިތި ޤުރްއާން މުރާޖަޢާކޮށް ދެއްވައެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ހެޔޮކަންކަމުގައި އެކަލޭގެފާނުގެ ދީލަތިވެވަޑައި ގަތުން ، ( ދުނިޔެމައްޗަށް ) ޖެހޭ ފިނިރޯޅިޔަކަށްވުރެވެސް ( ބޮޑަށް ) ޢާންމުވެ ޝާމިލްވެގެން ވެއެވެ. "
މި ބަރަކާތްތެރި ރަމަޟާންމަހަކީ ، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިފައި ހުންނަ މައްސަރެވެ. މި މައްސަރުގައި ސުވަރުގޭގެ އެއްވެސް ދޮރުކޮޅެއް ބަންދުވުމެއް ނެތެވެ. މިކަމަށް ޢިޝާރާތް ކުރައްވައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާ ވެއެވެ. " ރަމަޟާންމަހުގެ ފުރަތަމަރޭ ، ޖިންނީންނާއި ޝައިޠާނުންގެ ތެރެއިން މާރިދުން ކަސްތޮޅު އެޅުއްވޭނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވޭނެތެވެ. އޭގެތެރެއިން އެއްވެސް ދޮރެއް ނުހުޅެއްވޭނެތެވެ. އަދި ، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވޭނެތެވެ. އޭގެތެރެއިން ، އެންމެ ދޮރުކޮޅެއްވެސް ބަންދެއް ނުކުރެވޭނެތެވެ. އަދި ، ގޮވައިލާ ބޭކަލަކު ގޮވައިލައްވާނެތެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ ! އެކަމަށް ކުރިމަތިލައި އަންނާށެވެ ! އޭ ނުބައިކަންތަކަށް އެދޭމީހާއެވެ ! ތިޔަ ކަންތައްތައް ހުއްޓައިލާށެވެ ! މާތް ﷲ ، ރޯދަމަހު ، އެކަލާނގެ އަޅުތަކުންގެތެރެއިން ، ނަރަކައިން މިންޖުކުރައްވާނެ ބަޔަކު ވާނެތެވެ. އެއީ ، ރޯދަމަހުގެ ކޮންމެ ރެޔެއްގައެވެ. "
މިމަތިވެރި މައްސަރުގެ ޘަވާބާއި ދަރުމަ މިންވަރުކުރެއްވުން އެދި ، ޚުޝޫޢަތްތެރިކަމާއެކީ ، ﷲ ގެ ޙަޟުރަތަށް ދުޢާކުރުން ހުއްޓެވެ. އެކަލާނގެ ޙަޟިރަތަށް ކުރެވޭ ދުޢާއަކީ ގެއްލެނިކުރައްވާނެ ޢަމަލެއްނޫނެވެ. އެކަލާނެ ޙަޟިރަތަށް ދުޢާ ދެންނެވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ ، މީސްތަކުންނަށް އަންގަވައިފައެވެ.
ކީރިތި ޤުރްއާނުގެ ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
މި އާޔަތުގެ މާނަޔަކީ ، " އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ، ތިމަންރަސްކަލާނގެއަށް ( ދުޢާ ކޮށް ) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން ( ދަންނާށެވެ! ) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު ، އެއުރެން ނަރަކަޔަށް ވަންނާނެތެވެ. "
އެހެންކަމުން ، މިމަތިވެރި މައްސަރުގެ ދަރުމައާއި ޘަވާބަށް އެދި ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވާށެވެ ! ތިބާ އެކަލާނގެ ޙަޟުރަތަށް ދަންނަވާ ދުޢާއަކީ ހުސް ދެންނެވުމަކަށް ވެގެންނެއް ނުދާނެއެވެ.

