ރައީސް، ބަންގްލަދޭޝްގެ ބޮޑުވަޒީރު، މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ހިޒް އެކްސެލެންސީ ތާރިޤް ރަޙްމާން މަޤާމުގެ ހުވާކުރެއްވުމާއި އައު ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު މެންދުރުފަހު މި ރަސްމިއްޔާތު އޮތީ ޑާކާގެ ނޭޝަނަލް ޕާރލިމަންޓްގައެވެ.

ބަންގްލަދޭޝްގެ އައު ބޮޑުވަޒީރަށާއި ކެބިނެޓުގެ މެންބަރުންނަށް މަޤާމުގެ ހުވާ ލައިދެއްވީ ބަންގްލަދޭޝްގެ ރައީސް، ހިޒް އެކްސެލެންސީ މުޙައްމަދު ޝަހާބުއްދީންއެވެ. މި ރަސްމިއްޔާތުގައި އަވަށްޓެރި އަދި ރަޙުމަތްތެރި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ރަޙްމާނާ ބައްދަލުކުރައްވާފައެވެ.

ބަންގްލަދޭޝްގައި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި، 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީގެ ޗެއާމަން ތާރިޤް ރަޙްމާންގެ ލީޑަރޝިޕްގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ތާރިޤް ރަޙްމާން ވެވަޑައިގެންފައިވަނީ 1991 ވަނަ އަހަރަށްފަހު އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފިރިހެން ބޭފުޅާއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެގައުމުގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.