12 February 2026 (Thursday)

ރައީސުލްޖުމްހޫރިއްޔާ، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް އަށް ޒިޔާރަތްކުރައްވައިފި

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއަރ އައުސްވެއަރޓީގަ ޕޮލިޓީކް (ޑީ.ޖީ.އޭ.ޕީ) އަށް ޒިޔާރަތްކުރައްވައިފިއެވެ.

ޑީ.ޖީ.އޭ.ޕީ އިން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާވިދާޅުވީ، އެ ކައުންސިލްގެ ނައިބު ރައީސް، ރޮލްފް ނިކެލް އާއި، ޑިރެކްޓަރ ތޯމަސް ކްލައިން- ބްރޮކްހޯފް އާއި، އެ ކައުންސިލްގެ ސެންޓަރ ފޯ ކްލައިމެޓް އެންޑް ފޮރިން ޕޮލިސީގެ ހެޑް އަދި ޑެޕިއުޓީ ރިސަރޗް ޑިރެކްޓަރ ޑޮކްޓަރ ކިރާ ފިންކަރ އެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވައި، ޚާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން ތަޤުރީރެއްދެއްވާފައެވެ. މޫސުމީ ތަންޒީމާއި ހަޔަވީ ސިންދަފާތާއި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމުގައި ކަނޑުތަކުން އަދާކުރާ ދައުރު ކިތަންމެ މުހިންމުކަމުގައިވާނަމަވެސް، އިސްތިރާޖީ އަދި ޚާރިޖީ ފިކުރުގައި، އެކަށީގެންވާ މިންވަރަކަށް ކަނޑުތައް ތަމްސީލުކުރެވިފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ތާރީޚީ، އިޤްތިޞާދީ، ޘަޤާފީ އަދި ދިފާޢީ ގޮތުންވެސް ރާއްޖެ އާއި ކަނޑާ ލާމެހިފައިވާ މިންވަރު ފާހަގަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިޤްޞާދަށާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮށްފާނޭ ބޮޑެތި އަސަރުތަކުގެ މައްޗަށް، އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ރާއްޖެ އޮންނަނީ، ދުނިޔޭގެ ވިޔަފާރީގެ މައި މަގުތަކެއް އަނގޮޅިވާ، އިސްތިރާޖީގޮތުން ވާދަވެރިކަން ބޮޑު ސަރަޙައްދެއްގައިކަމާއި، މީގެ ސަބަބުން، ހިންދު ކަނޑަކީ، 21 ވަނަ ޤަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދަށް ވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ބައިވެރިވުމާއި، އިތުބާރާއި، ހިއްސާކުރާ މިންގަނޑުތަކެއްގެ އެހީގައި، ދުނިޔޭގައި މަޢުލޫމާތު ދައުރުކުރާ އެންމެ ބޮޑު ވިއުގަ ކަމުގައިވާ، ކަނޑުގެ އަޑީގެ ޑިޖިޓަލް ބިނާރު ބެލެހެއްޓުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މޫސުމީ ހަރަކާތްތެރިކަމުގައި ވަރުގަދަ އަޒުމު ދައްކައި، ކަނޑުތަކުގެ ރައްކާތެރިކަން އިތުރުކޮށް، ޝާމިލު ގޮތެއްގައި ގިނަ ޤައުމަތުން އެކުގައި މަސައްކަތްކޮށް، ބައިނަލްއަޤުވާމީ މިންގަނޑުތައް ބައްޓަންކުރާ ފަރާތްތަކުގެ ގޮތުގައި ކުދި ދައުލަތްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ތަޤުރީރު ނިންމަވާލައްވާފައިވަނީ، ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ދިވެހިރާއްޖެއަށް ވުޖޫދީ، އަދި ބައިނަލްއަޤުވާމީ މުޖުތަމަޢަށް އަސާސީ ކަމެއް ކަމަށް ވިދާޅުވަމުންނެވެ. އަދި ދުނިޔޭގެ ކަނޑުތަކަކީ، އެއްބާރުލުންދިނުމަށާއި، ވިލުންތެރިކަމަށާއި، މަސްއޫލިއްޔަތު ހިއްސާކުރުމަށް ޖާގަ އޮންނަ ތަނެއްކަން ކަށަވަރުކުރުމަށްޓަކައި، ޖަރުމަނުވިލާތާއި، އެނޫންވެސް، މި ވިސްނުން ހިއްސާކުރާ ބައިވެރިންނާއެކު މަސައްކަތްކުރަން ދިވެހިރާއްޖެ އޮތީ ތައްޔާރަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުދި ޖަޒީރާ ޤައުމުތަކުގެ މުސްތަޤުބަލާއި، ބައިނަލްއަޤުވާމީ ހަމަޖެހުން ބައްޓަންކުރާނީ، ކަނޑުތައް ބެލެހެއްޓުމުގައި އޮންނަ އުސޫލުތަކުން ކަން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަޤުރީރަށް ފަހު، ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، ކަނޑުތަކުގެ ސަލާމަތްކަން ކަށަވަރުކޮށް ވިލުންތެރިކަން އިތުރުކުރުމުގައި ރާއްޖެއިން ގެންގުޅޭ އުސޫލު ބިނާކޮށްފައިވަނީ، އަވައްޓެރި ޤައުމުތަކާއެކު އޮންނަ ބަދަހި ގުޅުންތަކާއި، ސަރަޙައްދީ ނަޒާހަތްތެރިކަމަށް ކުރާ އިޙުތިރާމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަތީގައިކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމުގެ ޤާބިލިއްޔަތު އިތުރުކުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މޫސުމީ ހަރަކާތްތެރިކަން ކުރިއަށް ގެންދިއުމަކީ ދިވެހިރާއްޖޭގެ އިލްތިޒާމެއްކަމުގައި ދެކިވަޑައިގަންނަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތުގެ ފަސްދޮޅަސް އަހަރުވީ ޚާރިޖީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ އިސްނެގުންތައް ހިމެނޭހެން، އެއް ޤައުމަށް އަނެއް ޤައުމަށް ދޭ އެއްބާރުލުން އިތުރުކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް ވާހަކަފުޅުދައްކަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.