މަސްވެރިކަމުގެ ޞިނާޢަތަށް އުޖާލާކަން ގެނެސްދިނުމުގައި މި ސަރުކާރުން ސާބިތުކަމާއެކުގައި ކުރިއަށްދާނެ: ރައީސް

މަސްވެރިކަމުގެ ސިނާއަތް އަޅާނުލާ ބާކީކުރުން ނިމުމަކަށް ގެނެސް މަސްވެރިންނާ ގަޓުން މަސްވެރިންގެ އަޑުއަހާ މަސްވެރިކަމުގެ ޞިނާޢަތަށް އުޖާލާކަން ގެނެސްދިނުމުގައި މި ސަރުކާރުން ސާބިތުކަމާއެކުގައި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ދިވެހި އިޤްތިޞާދުގެ ލޭނާރު ކަމުގައިވާ މަސްވެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާ އެތައް އަހަރެއް ވަންދެން އަޅައިނުލައި ނިކަމެތިކޮށްލާފައި އޮތް މަސްވެރިކަމުގެ ޞިނާޢަތަކީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިން އެންމެ ވަރުގަދަ ޞިނާޢަތް ކަމަށެވެ. މި ސިނާއަތް އަޅައިނުލުމާއި ބާކީކުރުން ނިމުމަކަށް ގެނައީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މަސްވެރިންނާ ގާތުން މަސްވެރިންގެ އަޑު އަހައިގެން، މަސްވެރިކަމުގެ ޞިނާޢަތަށް އުޖާލާކަން ގެނެސްދިނުމުގައި މި ސަރުކާރުން ސާބިތުކަމާއެކުގައި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ޞިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުން ކަމަށާ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ގދ. ތިނަދޫ ސިޓީ، ޅ. ފެލިވަރު، މ. މުލައް، ގއ. ކޫއްޑޫ، އައްޑޫ ހުޅުދޫ، ހއ.އިހަވަންދޫ، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތައް ކުރިޔަށް އޮތް 15 މަސް ދުވަސް ތެރޭގައި ނިންމައި ހަވާލުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް، ގއ. ދެއްވަދޫ، ށ. ފުނަދޫ، ދ. މީދޫ އަދި ބަނޑިދޫގައި އާ އައިސް ޕްލާންޓްތައް ޤާއިމުކޮށް މިހާރު ވާނީ ޚިދުމަތް ދޭން ފަށާފައެވެ. މ. ވޭވަށާއި، ލ. މާބައިދޫގެ އައިސް ޕްލާންޓްތަކުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ނިންމާ ޚިދުމަތް ދޭން ފަށަނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ހދ. ކުޅުދުއްފުށި، ގއ.ވިލިނގިލި، ގއ. ނިލަންދޫ، ކ.ގާފަރު، ދ.ހުޅުދެލި، ށ. ކޮމަންޑޫ، ޅ. ނައިފަރު، ލ. މާވަށް އަދި ލ. ހިތަދޫގައި، އައިސް ޕްލާންޓްތައް އެޅުމުގެ މަސައްކަތްތައް ނިންމައި، މި އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެކަމަށްވެސް ރައީސްގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވިއެވެ.

މަސްވެރި އުޅަނދުފަހަރުގައި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ނުވަތަ އާރު.އެސް.ޑަބްލިޔޫ. ނިޒާމު ހަރުކުރުމަށް ބާރުއެޅުމުގެ ގޮތުން މިހާތަނަށް 45 ފަރާތެއްގެ ފެސިލިޓީ އެޕްރޫވްކޮށް 25 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި، އިތުރު 200 މަސްދޯންޏަށް އަމާޒުކޮށް، އެސް.އެމް.އީ ޑިޖިޓަލްއިން ވަނީ އާރު.އެސް.ޑަބްލިޔޫ ފައިނޭންސިންގ އެޕްލިކޭޝަނަށް ހުޅުވާލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.