ޙައްޖުވެރިން މައްކާގައި ތިބޭ ހޮޓަލުގައި ފެންވަރު ރަނގަޅު މެޑިކަލް ކްލިނިކެއްގެ މަސައްކަތް ފަށައިފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްޖުވެރިން ތިބޭ ހޮޓަލުގައި ފެންވަރު ރަނގަޅު މެޑިކަލް ކްލިނިކެއްގެ މަސައްކަތް ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ދިވެހިންނަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މީގެކުރިން އުފުލަންޖެހުނު އެތައް ވޭނާއި ތަކުލީފަށް ލުއިތަކެއް ހޯދައިދިން، މައްކާ ރޫޓް އިނީޝިއޭޓިވް ގެ ދާއިމީ މެމްބަރުކަން ރާއްޖެއަށް މިދިޔަ އަހަރު ލިބި، ދިވެހިންނަށް މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ލިބިފައިނުވާ ލުއިފަސޭހަތަކެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރައްވާފައެވެ.

ޙައްޖުވެރިންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ހިލޭ ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައި ސަޢުދީޢަރަބިޔާގެ ހޮސްޕިޓަލަކާއި އެކު އެއްބަސްވުމެއް ޤާއިމްކުރެވި ޙައްޖުވެރިން ތިބޭ ހޮޓަލުގައި ފެންވަރު ރަނގަޅު މެޑިކަލް ކްލިނިކެއްގެ މަސައްކަތް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ޒަކާތުގެ ޤާނޫނެއް ވުޖޫދުވެފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގައި ދީނީކަންކަން ހަރުދަނާކޮށް ކުރިއެރުވުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ސަރުކާރުން ޒަކާތުގެ ކަންކަން ހަރުދާކުރުމަށް ކުރަމުންއަންނަ މަސައްކަތުގެ ސަބަބުން ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ، ޒަކާތުގެ ގޮތުގައި ލިބެމުންދާ ފައިސާ އިތުރުވަމުން އަންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު، ފުރަތަމަ ފަހަރަށް ރާއްޖޭގައި ޒަކާތުގެ ގޮތުގައި ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.