އެމެރިކާއިން، އެޤައުމުގެ ދިފާޢީ އިސްތިރާޖީގެ ވަރަށް މުހިންމު، އަދި އެހާމެ ނުރައްކާތެރި ލިޔުމެއް އާންމުކޮށްފިއެވެ. 34 ޞަފުޙާގެ އެ ލިޔުން ޝާއިޢުކޮށްފައިވަނީ، ޕެންޓަގަންގެ ވެބްސައިޓުގައެވެ. އެ ލިޔުން އެންމެ ޖުމްލައަކުން ޚުލާޞާ ކުރާނަމަ ބުނެވޭނީ، "ދުނިޔެ ތެދުވެ އޮތީ ހަތިޔާރުގެ ޖުނޫނީ ރޭހާއި، އަދި އެމެރިކާގެ އެންމެ ފަހުގެ ނިންމުން ނިމިގެން ހިނގައިދާނެ ހަނގުރާމައެއްގެ ކޮޅުމަތީގައެވެ."
އެމެރިކާގެ ދިފާޢީ އައު އިސްތިރާޖީގައި، އެމެރިކާއިން ވަނީ ކުރިއާ ޚިލާފަށް، އެކުވެރި ޤައުމުތަކުގެ ސަލާމަތާއި، ރައްކާތެރިކަމުގެ ޒިންމާ، އެމެރިކާއިން ދެން ނުނަގާނެ ކަމަށް ފުރަތަމަ ފަހަރަށް ފާޅުގައި އިޢުލާންކޮށްފައެވެ. ވިލާތާއި، އޭޝިޔާ ބައްރު ކަމުގައި ވިޔަސް، ކޮންމެ ޤައުމަކުންވެސް، އެޤައުމެއްގެ ސަލާމަތާއި، ރައްކާތެރިކަމުގެ ޒިންމާ އުފުލަންޖެހޭނީ ޚުދު އެ ޤައުމަކުން އަމިއްލައަށެވެ. އާބާދީއާއި، ސައިންޓިފިކް ޤާބިލުކަމަށް ބަލާއިރު، ވިލާތުގެ ޤައުމުތަކަކީ ރަޝިޔާއަށް ވުރެ މާ ކުރިއަރާފައިވާ ޤައުމުތަކަކަށް ވާތީ، އެ ޤައުމުތަކުން އަމިއްލައަށް އިތުރު ހަތިޔާރު އުފައްދަން ޖެހެއެވެ. ކުރިއަށް އޮތްތަނުގައި، އެމެރިކާއިން ފޯރުކޮށްދޭނީ ވަރަށް މަޙުދޫދުކުރެވިފައިވާ އެހީތެރިކަމެކެވެ. އެމެރިކާއިން އައު އިސްކަމެއް ދޭނީ، ހަމައެކަނި އެ ޤައުމުގެ ސަރަޙައްދާއި، ހުޅަނގު ހެމިސްފިއާ ޙިމާޔަތްކުރުމަށެވެ.
ޗައިނާއާއި، އުތުރު ކޮރެއާގެ ނުރައްކަލާ މެދު ވޮޝިންޓަންގެ މަގާމުވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެ ލިޔުމުގައިވާ ގޮތުން، ދެކުނު ކޮރެއާއާއި ޖަޕާނުން އަމިއްލައަށް އުތުރު ކޮރެއާއާ ކުރިމަތިލާން ޖެހޭއިރު، އެފަދަ ކުރިމަތިލުމެއްގެ ތެރެއަށް އެމެރިކާއިން ވަންނާނީ އިންތިހާއަށް ބޭނުންވާ ވަގުތުތަކުގައެވެ. އޭގެއިތުރުން ވިލާތުގެ ޤައުމުތަކާ ބެހޭ ގޮތުން ޓްރަމްޕް ކީފާޑުކިޔުންތަކާއި، ގްރީންލޭންޑް ހޯދުމަށް އޭނާ ބޭނުންވުމާއި، އަދި ޔުކުރޭނުގެ ބިންތައް ރަޝިޔާއަށް ދޫކޮށްލަން މަޖުބޫރު ކުރުމަށް މަސައްކަތް ކުރުމަކީ ފަރުދެއްގެ ޖަޒުބާތީ ނިންމުންތަކެއް ނޫން ކަމަށާއި، އެއީ އެމެރިކާގެ އައު ސިޔާސަތުގެ ބައެެއް ކަމަށް ބަޔާން ކޮށްފައިވެއެވެ.
މިއީ މުޅިން "އައު އެމެރިކާ" އެކެވެ. އެމެރިކާގެ ބައެއް ރައީސުންނާއެކު މަސައްކަތް ކުރައްވާފައިވާ ޤަޠަރުގެ ކުރީގެ ފޮރިން މިނިސްޓަރު ޙަމާދު ބިން ޖާސިމް ދެއްވި ދިގު އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، މީގެ ކުރިން އެމެރިކާއިން ބާރު ދައްކަން ނުޖެހޭ ކަމަށެވެ. އެއީ ބިޔަ ސްޕަރ ޕަވަރެއްކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ. އެކަމަކު، މިހާރު މިވަނީ ޙާލަތު ބަދަލުވެފައެވެ. ދުނިޔެ މަޑުމަޑުން އެމެރިކާގެ އަތުން ބީވެގެން ދަނީއެވެ. ކުރިއަށް އޮތް ވިހި އަހަރު ތެރޭގައި ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ބާރަށް ވެދާނެ ކަމަށާއި، އެމެރިކާއަށް ދުނިޔޭގެ ބާރުވެރިކަމުގެ ޒަމާން ނިމުމާއި ގާތްވެފައިވާކަން އެމެރިކާއަށް އެނގޭ ކަމަށެވެ. އެހެންވެ މިހާރު އިތުރު އިންޒާރުތައް ދީ، ބާރުގެ ބޭނުން އިތުރަށް ކުރާނެ ކަމަށާއި، އެއީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު، ދުނިޔޭގެ 80 ވަރަކަށް ޤައުމުގެ، އެކި ކަންކޮޅުތަކުގައި އެމެރިކާގެ 750 އާއި 800 އާ ދެމެދުގެ ޢަދަދަކަށް އަސްކަރީ މަރުކަޒު އެބަހުއްޓެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާއިން ދުނިޔޭގެ ފުލުހެއްގެ ދައުރު އަދާކޮށް، ހުރިހާ ކަމެއްގެ ތެރެއަށް ތަދައްޚުލުވެ، އެކުވެރިންނަށް ބޮޑެތި ޢަދަދުތަކުން ޚަރަދުކޮށް، ދުނިޔެ ބައްޓަންކުރީ އޭގެ ބާރުގައެވެ. އެކަމަކު، އެ ފުޅާ އަސްކަރީ ފުޅާކުރުމުގެ ސަބަބުން، މިއަދު އެމެރިކާ ވަނީ މާލީގޮތުން، ނޭވާހާސްވެ، ވަރުބަލިވެފައެވެ. މިހާރު އެމެރިކާ 37 ޓްރިލިއަން ޑޮލަރުގެ އެތެރޭގެ ދަރަންޏެއްގެ ތެރެއަށް ޣަރަގުވަމުންދާއިރު، ޗައިނާއިން ވަނީ މަޑުމަޑުން ސިނާޢަތާއި، ތަޢުލީމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެއް ޒަމާނެއްގައި "އަގުހެޔޮ އުފެއްދުންތަކުގެ ފެކްޓްރީ" އެއްގެ ގޮތުގައި އޮތް ޗައިނާ، މިހާރު ވަނީ ޓެކްނޮލޮޖީ އެކްސްޕޯޓްކުރާ ޤައުމަކަށް ވެފައެވެ. އެންމެ 40 އަހަރުގެ ތެރޭގައި އެ ޤައުމުގެ އިޤުތިޞާދު ވަނީ 230 ބިލިއަން ޑޮލަރުން ގާތްގަނޑަކަށް 20 ޓްރިލިއަން ޑޮލަރަށް ކުރިއަރުވާފައެވެ. ޗައިނާއަކުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހަނގުރާމަތަކެއް ނުހިންގައެވެ. އެކަމަކު، ޒަމާނީ ލަޝްކަރަކާއި، ނިއުކުލިއާ ހަތިޔާރާއި، މަތިންދާބޯޓު އުފުލާ މަނަވަރުގެ ބޮޑު ފްލީޓެއް ތަރައްޤީ ކޮށްފައިވެއެވެ.
އެމެރިކާގެ ބާރުވެރިކަން ދަށަށްދާ ދިއުމުގެ ފައިދާ ރަޝިޔާއިން ވަނީ ރަނގަޅަށް ނަގާފައެވެ. ޖޯޖިއާ، ކްރައިމިއާ، އަދި އޭގެ ފަހުން އިރުމަތީ ޔުކުރޭން އިސްތިޢުމާރު ކުރުމަކީ އެމެރިކާއާއި ނޭޓޯގެ "ދިފާޢީ ބާރު" ކުރިން އޮތް ވަރުގެ ފައިދާ ހުރި ބާރެއް ނޫންކަމުގެ ހެއްކެކެވެ. ހުޅަނގުގެ އާބާދީއާއި އިޤުތިސާދު ރަޝިޔާއަށް ވުރެ އެތައް ގުނައެއް ބޮޑު ނަމަވެސް، ޢަމަލީ މައިދާނުގައި، ރަޝިޔާ ހުއްޓުވުމަށް އެމީހުން ވަނީ ނުކުޅެދިފައެވެ.
ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ، އެ ޤައުމަކުން ކުރަން ޖެހޭނެ ކަމެއް ކަމަށް، އެމެރިކާއިން ވަނީ ފާޅުގައި ބުނެފައެވެ. އެކަމަކު، އޭގެ އަސްލު މާނައަކީ ހަތިޔާރުގެ ރޭހެކެވެ. ޞުލްޙަވެރި ގައުމެއްގެ ގޮތުގައި ބެލެވުނު ޖަޕާނުން ވަނީ، އެ ޤައުމުގެ ތާރީޚުގައި ކަނޑައެޅި އެންމެ ބޮޑު ދިފާޢީ ބަޖެޓް ކަނޑައަޅައި، ހަތިޔާރު އެކްސްޕޯޓް ކުރަން ފަށާފައެވެ. ހަމައެކަނި އިޤުތިޞާދީ ބާރެއްގެ ގޮތުގައި ބެލެވުނު ޖަރުމަނުން މިހާރު ދަނީ އަސްކަރީ ސާމާނަށް ދިހަ ބިލިއަން ޑޮލަރު ޚަރަދު ކުރަމުންނެވެ.
މިއީ ހަމައެކަނި އާންމު ހަތިޔާރުގެ ރޭހަކަށް ނުވެދާނެއެވެ. ޖަރުމަނާއި، ޖަޕާނާއި، ދެކުނު ކޮރެއާފަދަ ޤައުމުތަކުންވެސް ކުރިއަށް އޮތްތަނުގައި ނިއުކުލިއާ ހަތިޔާރު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް، ތަޖުރިބާކާރުން ދަނީ އިންޒާރު ދެމުންނެވެ.
ހަމައެއާއެކު، ދުޝްމަނުންގެ ނިޒާމުތައް ޕެރެލައިޒް ކުރެވޭ އިލެކްޓްރޯމެގްނެޓިކް ހަތިޔާރު ހިމެނޭ ގޮތަށް، ޒަމާނީ އަދި ސިއްރު ހަތިޔާރު އުފެއްދުމުގެ މަސައްކަތްވެސް އެމެރިކާއިން ދަނީ ކުރަމުންނެވެ. ފެންނަ ފެނުމުގައި، އެމެރިކާ ނާކާމިޔާބު ބާރެއްގެ ގޮތުގައި މިއަދު ފެނުނު ނަމަވެސް، ޙަޤީޤަތުގައި އެމެރިކާ ތައްޔާރުވަމުންދަނީ ދިގު އަދި ނުރައްކާތެރި ފަހުގެ ހަނގުރާމައަކަށެވެ. އެމެރިކާ ދުނިޔެއިން ފަހަތަށް ޖެހެމުން ދިޔަ ނަމަވެސް، އެއްކޮށް އިނދަޖެހުމުގެ ކުރިން ޗައިނާގެ ކުރިއެރުން ވީކޮންމެ ގޮތަކުން ހުއްޓުވަން އެމެރިކާ ބޭނުންވެއެވެ. ވިލާތާއި، އޭޝިޔާއާއި، މެދުއިރުމައްޗާއި، ލެޓިން އެމެރިކާގެ ގައުމުތަކަކީ، މި ކޯޅުމުގެ މައިދާނަކަށް ވެދާނެއެވެ.
އަދި ޢަރަބި ދުނިޔެއަށް ބަލާއިރު، މުޅި މި ތަބުދީލުގައި ފައިހަމަކުރުމުގައި، ޢަރަބިންވަނީ ނާކާމިޔާބުވެފައެވެ. އެމީހުންގެ ވަސީލަތްތަކާއި، ބިންތަކާއި، ކަނޑުގެ މަގުތައް ދުނިޔޭގެ މިބޮޑު ހަމަނުޖެހުމުގެ މަރުކަޒަކަށް ވުމުގެ ނުރައްކާ އެބައޮތެވެ. އެމެރިކާ އިނދަޖެހިގެން ދާއިރު ޢަރަބިންވެސް އަދި އާ ބާރަކުންވެސް އެމީހުން ސަލާމަތްވާނެ މަގެއް ފެންނާކަށް ނެތެވެ.
މިއީ، ޓްރަމްޕުފަދަ މޮޔައެއްގެ ނިންމުމެއް ނޫނެވެ. މިއީ، މުސްކުޅި އަދި ޒަޚަމްވެފައިވާ ސުޕަޕަވަރެއްގެ އެންމެ ފަހުގެ މަސައްކަތެވެ. ދުނިޔެއިން އަނެއްކާވެސް ބާރާއި، ހަތިޔާރާއި ހަނގުރާމައިން ނިންމުމެއް ނިންމާނެއެވެ. މިހުރިހާ ކަންކަމަކީ ދުރު މުސްތަގުބަލެއްގެ ތެރޭގައި ނިމިގެންދާނެ ކަންކަމެއް ނޫނެވެ. މިއީ ވަރަށް ހަލުވިކަމާއެކު ކައިރިވަމުން އަންނަ ޙަޤީޤަތެކެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.
