"އެކަކަށް އެނގޭ ހުނަރު އަނެކަކަށް ދަސްކޮށްދިނުމުގެ" ރޫހުގެ ދަށުން، އިސްރަށްވެހިންގެ ތެރޭގައި ތިއްބެވި ހުނަރުވެރި ބޭފުޅުންގެ ފަރާތުން ތަފާތު ފަންނީ މަސައްކަތްތައް ދަސްކުރުމުގެ ފުރުސަތު އިސްރަށްވެހިންގެ ނާދީއަށް ދިއުމުން ލިބިގެންދާކަމުގައި އިސްރަށްވެހިންގެ ނާދީގެ މެންބަރެއް ކަމުގައިވާ ސަލްވާ ހުސައިން ފާހަގަކުރައްވައިފިއެވެ.
ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ސަލްވާ ވިދާޅުވީ، އިސްރަށްވެހިންގެ ނާދީއަކީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ބޭނުންތެރި މުހިންމު ގިނަ ހަރަކާތްތައް ރާވައި ހިންގަމުން އަންނަ މަރުކަޒެއްކަމުގައެވެ.
މިގޮތުން، ކީރިތި ޤުރުއާން ތަޖުވީދު މަގުން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، މާލީ މުޢާމަލާތްތަކަށް އަހުލުވެރިކުރުވުމާއި، ސްކޭމްތަކުން ރައްކާތެރިވުމުގެ އިތުރުން، ދީނީ އަދި އިޖުތިމާޢީ އެކި މައުޟޫޢުތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަންތައްވެސް ކުރިއަށް ގެންދާ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން ކަސްރަތު ޕްރޮގްރާމްތަކާއި، ޞިއްޙީ ގޮތުން ފައިދާހުރި ކާނާ ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަކީވެސް ނާދިގައި ކުރިއަށްގެންދާ ވަރަށް ބޭނުންތެރި މަސައްކަތްތަކެއްގެ ގޮތުގައި ސަލްވާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޖުމްލަގޮތެއްގައި، އިސްރަށްވެހިންނަށް ބޭނުންވާ ހުރިހާ ދާއިރާތަކަކުން ޕްރޮގްރާމްތައް ނާދީގައި ހިންގަވަމުން ގެންދާކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.
