ހަކަތަ ބަދަލުކުރުމާ ގުޅޭ ބައިނަލްއަޤުވާމީ ސެޝަނެއްގައި މިނިސްޓަރު ޠާރިޤް އިބްރާހިމް ބައިވެރިވަޑައިގެންފިއެވެ.
މި ސެޝަނުގައި މިނިސްޓަރު ޠާރިޤް ދެއްކެވި ވާހަކަފުޅުގައި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއި އެ ސަރަޙައްދެއްގެ މާޙައުލާ ހުރި ގުޅުންތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައިގެން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުން ހަލުވިކުރުމާ ގުޅޭގޮތުން އަލިއަޅުއްވާލެއްވިއެވެ. ޚާއްޞަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުމުގެ ނިޒާމުތައް ބަދަލުކުރުމުގައި ހުރި މަގުތަކާއި، ސަރަޙައްދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މިނިސްޓަރު މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށާއި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ވަރުގަދަ ގުޅުމެއް ބޭއްވުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މިނިސްޓަރު ޠާރިޤް އިބްރާހީމް ގެންދަވަނީ ބައިނަލްއަޤުވާމީ އެކި ފޯރަމްތަކުގައި ރާއްޖޭގެ ތަމްސީލުކޮށް، އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
