ރައީސް، ޤަޠަރުގެ ޤައުމީދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤަޠަރުގެ ޤައުމީދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އަލް- ޘާނީ އާއި، ބޮޑުވަޒީރު އަދި ޚާރިޖީވަޒީރު، ހިޒް އެކްސަލަންސީ ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް- ޘާނީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޤަޠަރުގެ އަމީރަށާ، ބޮޑު ވަޒީރަށް ފޮނުއްވި ސިޓީފުޅުގައި، ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ޤަޠަރުގެ އިސްވެރިންނާ، އުޚުއްވަތްތެރި ރައްޔިތުންނަށް ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ހޫނު މަރްޙަބާއާއި، ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމަށްޓަކައި، ހަރުދަނާ ކަމާއެކު ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ސިޓީފުޅުގައި ޤަޠަރަކީ، ދިވެހިރާއްޖޭގެ ތަރައްޤީގެ އަގުހުރި ބައިވެރިއެއްކަން ފާހަގަކުރައްވައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ މި ބަދަހި ރަޙްމަތްތެރި ގުޅުމާއި، ދޭދޭ ފަރުދުންގެ މެދުގައި އުފެދިފައިވާ ގުޅުންތަކުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާކަން ފާހަގަކުރައްވާފައިވެއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހި ރާއްޖޭގެ އެމްބަސީއެއް ޤަޠަރުގެ ދޯހާގައި ހުޅުވުމުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ވާޞިލުވެފައިވާ ކަމަށާއި، އޭގެ ސަބަބުން ތަފާތު ދާއިރާ ތަކުން ތަރައްޤީއާއި، ކުރިއެރުން ހޯދުމަށް ފުރުޞަތު ލިބިފައިވާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ގެ މެސެޖުގައި، ޤަޠަރުގެ އަމީރާއި، ބޮޑުވަޒީރަށް، ފުރިހަމަ ޞިއްޙަތާއި، އުފާ ފާގަތި ކަމަށާއި، އަދި އެޤައުމުގެ ރައްޔިތުންނަށް، ސަލާމަތާ، ރައްކާތެރިކަމާ އިތުރު ކުރިއެރުމަށް އެދި ވަޑައިގެންފައި ވެއެވެ.
މީގެ އިތުރުން، ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމުހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރައްވާފައިވާ މެސެޖުގައި، ޤަޠަރުގެ ވެރިންނަށާ، ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައި ވެއެވެ. އެމަނިކުފާނުގެ މެސެޖުގައި، ފާއިތުވެދިޔަ އަހަރުތަކުގައި، ޤަޠަރުން ދިވެހި ރާއްޖެޔަށް ވެދެއްވާފައިވާ އަގުނުކުރެވޭ، ގިނަގުނަ އެހީތެރި ކަމުގެ ސަބަބުން، ދިވެހިރައްޔިތުންނަށް ލިބިފައިވާ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ މެދުގައިވާ، މި ވަރުގަދަ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައި ވެއެވެ.

ޤަޠަރުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.