( އެންމެ ފަހުބައި )
( 14 ޑިސެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އަވަސް އަރުވާލާފައި ، މަރިޔަމް ދެން ދިޔައީ މީރަބްގެ ކޮޓަރިޔާ ދިމާލަށެވެ. ކަރުކެހިލުމެއް ، ޓަކިޖަހައިލުމެއްވެސް ނެތެވެ. އެދިޔަގޮތަށްގޮސް މީރަބްގެ ގައިގައި އޮޅުލައިގަތެވެ. މަރިޔަމްއާއި މީރަބާ ދެފަހަރިން ، އެކަކު އަނެކެއްގެ މޫނުގައި ބޮސްދީ ، ކޮލުގައި ހިފައި ފިތަމުން ދޮންދެމުން ގެންދިޔައެވެ. މީރަބާއި މަރިޔަމް އެތައް އިރެއްވަންދެން ، ރޯން ތިއްބެވެ. އެދެމީހުންނަށް ، އެކަކުއަނެކަކުގެ ގައިން ދޫކޮށްލެވުނީ ، މީސަމަށް ހޭލެވިގެން ކުކުރައިލި އަޑަށެވެ.
" ލޯބިކަން ބަލައިލަ ! ތިއޮތީ ހަމަ މީރަބާއި ބޭބެގެ މިކްސް އެއް. މީރަބާ ވައްތަރުވާ އިރު މުރުތަސިމް ބޭބެއާވެސް ވައްތަރު. ބޮޑުދައިތަގެ ލޯބި ފުއްގަނޑަށް ކިޔަނީ ކޮންނަމެއް " މީސަމް ނަގައި އުރާލަމުން މަރިޔަމް ސުއާލު ކުރިއެވެ.
މީސަމް. އެއީ ބޮޑުދައިތަގެ " މީސް " ކަމަށް މީރަބް ބުންޏެވެ. އެވަގުތު ، މުރުތަސިމްވެސް ފާޚާނާތެރެއިން ނުކުމެ ، މަރިޔަމްގާތަށް ޖެހިލައި ދެބެން ސަލާމްކޮށް ، ބައްދައިލިއެވެ. މީރަބަށް ނޭނގިއޮތަސް ، މަރިޔަމަށްވެސް މިހާރު ކުއްޖަކު ލިބިއްޖެއެވެ. މަރިޔަމަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ނަމަކީ މަޢުޞޫމެވެ. މީސަމަށްވުރެ ހަމަސް ދޮށްޓެވެ. މަރިޔަމްއަށް އެވަގުތު ، ގެޔަށް އާދެވުން އެއީ އިއްތިފާޤެއްތޯ މީރަބް ސުއާލުކުރިއެވެ. ޙަޔާއާ މުރުތަސިމްބޭބެގެ ކައިވެނީގެ ޚަބަރު އޭނާއަށްދިނީ ، އަވަށްޓެރިޔެކެވެ. މީރަބް އެއައީ ، އެ ކައިވެނި ހުއްޓުވާކަށް ނޫނެވެ. އޭނާ އެއައީ ، އެއީ ނުވާނެކަމެއްކަން އެނގޭތީ ، އެކަން ނުވާން މެދުވެރި ކުރައްވާނީ ކޮންކަހަލަ މުޢުޖިޒާތެއްތޯ ބަލައިލުމަށެވެ. މަރިޔަމާއި މީރަބާ ދެމީހުން ، ސަމާސާ ކުރަމުން ހީންގޮވަމުން ގެންދިޔައެވެ. މުރުތަސިމްވެސް އެދެފަހަރިންގެ ހުނުމާއި ސަމާސާގައި ބައިވެރިވިއެވެ.
މީރަބް ގެއިން ނުކުމެގެން ދިޔަކަމެއް މަރިޔަމަކަށް ނޭނގެއެވެ. ޙަޔާގެ ކައިވެނި ، މުރުތަސިމްބޭބެއާ ކުރުވަން މަންމައާ ޙަޔާއާ ދެމީހުން ރޭވީ ކޮންފަދަ މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމެއްވެސް މަރިޔަމަކަށް ނޭނގެއެވެ. އެހުރިހާ އިރެއްވީއިރުވެސް ނޮރޭޒްގެ މަތިން އެއްވެސްމީހަކު ހަނދާނެއް ނެތެވެ. މަރިޔަމްވެސް ، ނޮރޭޒްމަތިން ހަނދާންވީ ، ނޮރޭޒްގެ ވާހަކަ މީރަބް އެހީމައެވެ. ނޮރޭޒް ގޮވައިގެން އެބަ އަންނަމޭ ބުނެ ، މީސަމް ކޮނޑަށްލައިގެން މަރިޔަމް ދުއްވައިގަތެވެ. މުރުތަސިމްވެސް އަދި މީސަމް ، ރަނގަޅަކަށް އުރައެއް ނުލައެވެ. އޭނާއަތަށް މީސަމްދީފައި ދިއުމަށް މުރުތަސިމް ބުނެބުނެ އޮއްވައި ، އެއަޑު އިވޭކަމަށް ނުހަދައި ، ނޮރޭޒަށް ގޮވަމުން މީސަމް ގޮވައިގެން މަރިޔަމް ނުކުތެވެ. މަރިޔަމްހުރީ ، އުފަލުންގޮސް މޮޔަވެފައެވެ.
ހަވީރު ވީއިރުވެސް ، ގޭތެރޭގައި އެހިނގިކަންތައްގަނޑުގެ ހޫނުގަނޑު ގޭތެރެޔަކުން ނުކެނޑެއެވެ. ޙަޔާގެ ކަމަކީ ، އަދިވެސް މީރަބަށް ބަދުދުޢާ ކުރުމެވެ. ބައެއް ފަހަރަށް މަރިޔަމްވެސް އޭގެތެރެޔަށް ލައެވެ. އެހިސާބަށް އައިއިރު ، ޙަޔާއަށް އެއްކަމެއް ޔަޤީންވިއެވެ. އެއީ އޭނާއަށް ދެން އެގޭގައި ނޫޅެވޭނެކަމެވެ. އެއްވެސް ޙާލެއްގައި އޭނާއަށް ، މުރުތަސިމް ދެން ނުލިބޭނެކަމެވެ. މިހާރު އެކަމުގެ ތެރެޔަށް ތިންވަނަ ނަފްސެއްވެސް ވަދެއްޖެއެވެ. އެއީ ، ލޯބިލޯބި މަޢުޞޫމު މީސަމެވެ. ނޫންކަމަށް ހަދަން އުޅުނަސް ، އޭނާއަށް މާމަދަރިއެއް ލިބުމުގެ ދެއުފާ އެއްފަހަރާ ލިބުމުން ، ޚާނަމްވެސް ހުރީ މޮޔަވާވަރު ވެފައެވެ. އެއީ މަރިޔަމްގެ މަޢުޞޫމާއި މުރުތަސިމްގެ މީސަމެވެ. ޙަޔާއަށް އެގެއިން ޖާގައެއް ލިބުމަކީ ، ވާނެކަމެއްނޫންކަމަށް ޙަޔާވެސް މިހާރު ޤަބޫލުކޮށްފިއެވެ. މުރުތަސިމަށް ވެގެންވިއްޔާ ، މީސަމްއާ ، ޙަޔާ ވައިއެޅިލިޔަވެސް ނުދޭނެއެވެ. ވިހަގަދަ ނާގަހަރުފަޔެއްގެ އަނގަމައްޗަށް ވެއްޓުމަށްވުރެ ، ޙަޔާގެ ނޭވާފޯރާ ހިސާބަށް ، އެކުއްޖާފުޅު ދިއުންވެސް މާ ނުރައްކާވާނެއެވެ.
ފާޚާނާއިން ނުކުމެގެން މުރުތަސިމް އައިއިރު ، މީސަމްގެ ބޮލުގައި ފިރުމައިލަން އެނދުގައި ޖައްސާލައިގެން މީރަބް އޮތެވެ. މީސަމަށް އޮތީ ނިދިފައެވެ. އޭނާގެ ދަރިފުޅަށް ކިޔާނަންވެސް މުރުތަސިމަކަށް އަދި ނޭނގެއެވެ. މީރަބްކުރެން އެކުއްޖާފުޅުގެ ނަން އަހައިލާކަށް މުރުތަސިމް ހަނދާނެއް ނުވިއެވެ. އޭނާގެ އަންހެނުންނާއި ދަރިފުޅު ، ގެޔަށް އެނބުރި އައުމުން މުރުތަސިމަށް ލިބުނު އުފާވެރިކަމުން ، އެހެން ހުރިހާކަމެއް ވަނީ ހަނދާން ނެތިފައެވެ.
މަރިޔަމްގާތު ، އޭނާގެ ދަރިފުޅުގެ ނަން ، މީރަބް ބުނިއިރު ، މުރުތަސިމް އެތާކު ނެތެވެ. ދަރިފުޅަށް ކިޔަނީ ކޮންނަމެއްތޯ ، މުރުތަސިމް ސުއާލު ކުރިއެވެ.
" މީސަމް " . މީސަމް ނިދާފައި އޮތީމަ ، އުނދަގޫވެދާނެތީ ވައިއަޑުން މީރަބް ބުންޏެވެ.
މީސަމްގެ ނަން ތަކުރާރުކޮށްލަމުން ، އެނދާކައިރިޔަށް މުރުތަސިމް ޖެހިލިއެވެ. މުރުތަސިމް ބޭނުންވެފައި އެހުރީ ، މީރަބް އޮށޯވެލައިގެން ކުރުއަތްމައްޗަށް އެއޮތްގޮތަށް މީސަމްގާތު އޮށޯވެލަންކަން މީރަބް ދެނެގަތެވެ. މުރުތަސިމަށް އެހާ ބޮޑު ބަދަލެއް އެއައިގޮތަކާމެދު މީރަބް ހުރީ ޙައިރާންވެފައެވެ. ކުރިން އެއީ ، އެހާ މަޑުމައިތިރި މީހެއްނޫނެވެ. ކުރިންނަމަ ، މީރަބް ނަގައި ހޫރާލައިފާ މުރުތަސިމް އަރައި މީސަމްގާތު އޮށޯންނާނެއެވެ. ޙައިރާންކަންމަތީ އޮވެ ، މީރަބަށް މަޑުމަޑުން ތެދުވެވުނެވެ. މުރުތަސިމް އެތަނުގައި ޖައްސައިލަންތޯ މީރަބް ކުރެން އެހިއެވެ. މީރަބަށް ލިބުނުޙައިރާންކަން ހައްތާ ދިޔައީ ބޮޑުވަމުންނެވެ. ބޮލުން އާނއެކޭ ބުނެ ، މުރުތަސިމަށް ތަން ދެއްކިއެވެ. މީރަބަށް ހުރެވެނީ މުރުތަސިމާ ދިމާލަށް ބަލަހައްޓައިގެންނެވެ.
" މުރުތަސިމް އެހުރީ ހާދަބޮޑަކަށް ބަދަލު ވެފައެވެ. މީރަބްވެސް އެހުރީ ބަދަލުވެފައެވެ. " މީރަބްގެ ނަފްސު މީރަބްގާތު ބުންޏެވެ.
މީރަބްގެ ޙަޔާތަށް މީސަމް އައިފަހުން ވަރަށްބޮޑެތި ބަދަލުތައް މީރަބަށްވެސް އަތުވެއްޖެއެވެ. ލައްކަ ކަންކަން ދަސްވެއްޖެއެވެ. އެއީ ، ތަޖްރިބާއިން ލިބޭ ފިލާވަޅެވެ. މީރަބްގެ ހަވަނަ ޙިއްޞު ، މީރަބަށް ވިސްނައިދިނެވެ. މުރުތަސިމް ގޮސް ، މީސަމްގެ ގާތުގައި މީރަބް ހަމަ އޮތްގޮތަށް ކުރުއަތްމައްޗަށް އޮވެ ޖައްސައިލިއެވެ. އަދި ، މީރަބާ ދިމާލަށް ބަލައިލިއެވެ.
" އަހަރެން ބީހިލަން ހެއްޔެވެ ؟ " މުރުތަސިމް ވައި އަޑުން ސުއާލު ކޮށްލިއެވެ.
އާނއެކޭ ބުނުމަށް މީރަބް އޭނާގެ ބޮލުން އިޝާރާތް ކޮށްލިއެވެ. މީރަބްހުރީ ހިނިތުންވެފައެވެ. މުރުތަސިމް އެއުޅޭލެއް ޅަކަމުންނެވެ. މުރުތަސިމް ، އޭނާގެ ދެއަތުން މީސަމްގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ގެންދިޔައެވެ. އަނެއްކާވެސް ، މީރަބާ ދިމާލަށް މުރުތަސިމް ބަލައިލިއެވެ.
" ބޮސްދީ ލޯބިކޮށްލަން ހެއްޔެވެ ؟ " މުރުތަސިމް މަޑުމަޑުން އަހައިލިއެވެ.
މީރަބްގެ ހިތަށްލިބުނު އުފާވެރިކަން ކޮޅުންލިއެވެ. ހޫނުގަދަ ދުވަހެއްގައި މާދުރުން ނުވެސް އެނގިއައި ، ފިނިފިނި ވައިރޯޅިއެއް މީރަބްގެ ހިތުގައި ބީހިލިފަދައެވެ. ވޭނާއި ތަކްލީފުން މީރަބްގެ ހިތުގައި އުފެދިފައިހުރި ފާރުތަކަށް ލިބުނު އަރާމުން ، އެހިތުގެ ރިހުން އެއްކޮށް ކެނޑުނު ކަހަލައެވެ. މުރުތަސިމް ، އޭނާގެ ދަރިފުޅަށް އުނދަގޫ ނުވާނެ ގޮތަށް މަޑުމަޑުން ، މީސަމްގެ ނިތްކުރީގައްޔާއި އެ ލޯބިލޯބި ދެކޮލުގައި ބޮސްދީ ، ލޯބިކޮށްލަމުން ގެންދިޔައެވެ.
" ކިހާ ލޯބި ހެއްޔެވެ ؟ މީރަބް ހެންނެވެ. " މުރުތަސިމަށް ވައިއަޑުން ބުނެލެވުނެވެ.
މުރުތަސިމް އޭނާގެ ދަރިފުޅު ، މީސަމްގެ ނިތްމަތީ އަތްބާއްވައިލައިގެން އޮވެ ، އެ ދަރިފުޅު އިޙްސާސް ކުރަމުން ގެންދިޔައެވެ. މުރުތަސިމްގެ ލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ތިކިތައް ، ތިއްކަކަށްފަހު ތިއްކެއް އޭނާގެ އަތްމައްޗަށް ވެއްޓެމުން ދިޔައެވެ. އެއިން ތިއްކަކުން މީސަމަށް ސިހުމެއް ލިބުނަކަ ނުދެއެވެ. ބައްޕަގެ ލޮލުން ފައިބަމުން އެދާ ކަރުނަޔަކީ ، އުފާވެރިކަމުގެ ކަރުނަކަމުގައި ބުނީމާ ، އެކަން އެނގޭ ވަރަށްވުރެ ، މީސަމް އަދި މާ ކުޑައެވެ. މީސަމްގެ ދުނިޔެއަށް މީރަބާއި މުރުތަސިމް ގެއްލިފައި ތިއްބާ ސަބާ އައިސް ދޮރުގައި ޓަކި ޖަހައިލިއެވެ. މުރުތަސިމްގެ އަނގަމަތީ ޝަހާދަތް އިނގިލި ބާއްވައި ، އަޑުގަދަ ނުކުރުމަށް ، ސަބާއަށް އިޝާރާތް ކޮށްލިއެވެ. މަޑުމަޑުން ޓަކިޖަހައިލުމަށް މީރަބަށްވެސް ބުނެވުނެވެ. މީސަމަށް ނިދިފައި އޮތްކަމެއް ސަބާއަކަށް ނޭނގޭނެއެވެ.
ސަބާ އެއައީ ، އަދިވެސް ބޭރުގައި ފާރޫޤު ހުރިވާހަކަ ، މީރަބްގާތު ބުނެލަން ވެގެންނެވެ. މުރުތަސިމަށް ގޮވައިލުމަށްފަހު އޭނާއާއެކީ އައުމަށް މީރަބް އިޝާރާތް ކޮށްލިއެވެ. މީސަމް ދޫކޮށްލާފައި ދާކަށް މުރުތަސިމް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ، އޭނާއާ ހަމަޔަށް ، މީސަމް ގެނެސްދިން މީހާއަށް ޝުކުރު އަދާކުރުމަކީ ، މުރުތަސިމްގެ މައްޗަށް ވާޖިބެއްކަމުގައި މުރުތަސިމަށް ފެނުނެވެ. ފާރޫޤާއި ސަބާ އެކޮށްދިނީ އެތައް ދުވަހެއްވީއިރުވެސް ، މުރުތަސިމަށް ނުކުރެވުނު ކަމެކެވެ. އަދި އެކަން އެ ކޮށްދިނީވެސް ، އެކަން ކުރަން އެންމެ އެކަށީގެންވާ ވަގުތުގައެވެ. ސަބާއަކީވެސް ޝުކުރު ޙައްޤުވާމީހުންކުރެ ޚާއްޞަ މީހެކެވެ. ޝުކުރު އަދާކުރުމުގައި މުރުތަސިމްގެ މުޅި ޢުމުރު ހޭދަކުރިޔަސް ، އެ ދެ މީހުންނަށް ޝުކުރު އަދާކޮށް ފުރިހަމަކުރުމަކީ ވާނެކަމެއްނޫނެވެ. ދިރިހުރިނަމަވެސް ، ހަށިގަނޑުގައި ދިރުމެއްނެތް މުރުތަސިމްގެ މަސްގަނޑަށް ފުރާނަ އެޅިގެން އެދިޔައީ ، އެމީހުން އެކޮށްދިން މަސައްކަތުންނެވެ. މީސަމްގެ ނިތްކުރީގައި މަޑުމަޑުން ބޮސްދިނުމަށްފަހު ، ޖެހިގެންހުރި މޭޒުމަތީ އޮތް ދެތިން ސިޓީއުރަ ނަގައި ޖީބަށްލަމުން ، މީރަބާއެކީ މުރުތަސިމް ހިނގައިގަތެވެ.
" އަހަރެން މިހުރީ މުރުތަސިމާ ކުރިމަތިލާން ބިރުންނެވެ. ސިފައިން ގޮވައިގެން ފާސްކުރަން އެގެޔަށް މުރުތަސިމް ދިޔަދުވަހު ، މީރަބްގެ ވާހަކަ މުރުތަސިމްގާތު އަހަރެން ބުނަން ޖެހޭނެކަމަށް ، އަހަރެން ޤަބޫލުކުރަމެވެ. މީރަބްގެ ބޭސްސިޓީގައި ބަލިވެއިންނަ މީހުންނަށް ބޭނުންވާ ބޭސްހުރިކަން ނޭނގި ، އެއީ އަހަރެންގެ ބޭސްސިޓީއެއްކަމަށް ބުނެވުނީވެސް ، ގެންފައިހުރި ބިރެއްގެ ބޮޑުކަމުންނެވެ. މީރަބް ބަލިވެއިންކަން އެނގުނީ ހަމަ އެދުވަހުއެވެ. މީރަބްގެ ވާހަކަ އެއްވެސްމީހަކު ގާތު ނުބުނުމަށް ، މީރަބް އޮތީ އަހަރެމެން ލައްވައި ހުވާ ކުރުވާފައެވެ. ﷲ ގަންދީ ކުރާ ހުވަޔަކާ ޚިލާފުވާނީ ކިހިނެއް ހެއްޔެވެ ؟ " ތުރުތުރުލަމުން ފާރޫޤު ބުނަމުން ގެންދިޔައެވެ.
ފާރޫޤުގެ ވާހަކައިން ހިތަށްވީ ތަދުން ، މުރުތަސިމް ލޯމަރައިލިއެވެ. އަދި ، އެއްވެސް ތަނެއް ނުފެންނަވަރަށް ދެލޯ ތަގުޅިކޮށްލިއެވެ. އެއިރު ، މީރަބް އުފުއްލާނެ ތަކުލީފުތަކުގެ ފުން އިޙްސާސުން ، މުރުތަސިމްގެ ހިތަށް ތަދުކޮށްލިއެވެ.
ފާރޫޤު އަދިވެސް އެހުރީ ބިރުގެންފައިކަމަށް ބުންޏެވެ. އެކަމަކު ، ﷲ ގަންދީ ބުނަމެވެ. މީރަބަށް އަހަރެމެން ކޮށްދިންކަމެއްވިއްޔާ ކޮށްދިނީ އިންސާނިއްޔަތަށްޓަކައެވެ. މީރަބް މަގުމައްޗަށް ދޫކޮށްލަން އޭނާއަށް ކެތްނުކުރެވުނީކަމުގައި ފާރޫޤު ބުންޏެވެ. އޭނާގެ ގާތްތިމާގެ ދެމަފިރިއެއްގެ ގެޔަށް މީރަބް ގެންގޮސް ބެހެއްޓުމުން ، އަލިކަމާއި އުފާވެރިކަން ލިބި ، އެގޭގައި އުޅުނު ދެމަފިރިންގެ ދިރިއުޅުން ފާގަތިވެ ތިޔާގި ވެގެންދިޔައެވެ. މީސަމް އައިމާ ، އެގޭތެރެ އިތުރަށް އުޖާލާވެގެން ދިޔައެވެ. އެއެންމެންގެ ދިރިއުޅުމުގެ ސަބަބަކަށް މީސަމް ވެގެންދިޔައެވެ. ފާރޫޤު ބިރުންހުރި ވާހަކަ ބުނީމަ މުރުތަސިމްގާތަށް ހިނިއައެވެ.
ފާރޫޤުލައިގެންހުރި ކުރުތާގެ ޖީބު ހާވަހާވާފައި ރަންފަށެއްނަގައި މުރުތަސިމްގެ މުށަށް ލައިދިނެވެ. އެއީ ކަރާޗީއަށްދާން މީރަބް އެރިބަހަށް ޓިކެޓް ކަނޑާނެ ލާރި ނެތިގެން ، ފާރޫޤު އަތަށް މީރަބްދިން ، ރަންފަށެވެ. އެފަށް ވިއްކައިލެވޭނެ އެތައް ޙާލަތެއް އޭނާއާ ކުރިމަތިވިއެވެ. އެހެންނަމަވެސް އެއީ ، މީރަބް ލޯބިވި މީހެއްގެ އަގުހުރި އަމާނާތެއްކަން އޭނާއަށް އެނގޭތީ ، ރައްކައުކޮށްފައި ބޭއްވީކަމަށް ފާރޫޤު ބުންޏެވެ. މުރުތަސިމްގެ ލޮލުން ކަރުނަ ފާއްދައިލިއެވެ.
ފާރޫޤުމެންފަދަ ، ހެޔޮލަފާ ބައެއްގެ ޙިމާޔަތާއި ރައްކައުތެރިކަން މީރަބްގެ ދެމައިންނަށް މިންވަރުކުރެއްވީތީ ، ﷲ އަށް ، މުރުތަސިމް ޝުކުރުކޮށް ޙަމްދު ކުރިއެވެ. އަދި ، އެމީހުންގެ އިޙްސާންތެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށާއި ، އެއްވެސް ޙާލެއްގައި އެއްވެސްކަމެއްގައި ، އޭނާގެ އެހީތެރިކަން އެމީހުންނަށް ބޭނުންވެއްޖެ ހިނދެއްގައި އޭނާއަށް އެކަން އަންގައިލަ ދިނުމަށް މުރުތަސިމް އެދުނެވެ. ޚާލިދާއި ރުޤިއްޔާ ގާތުގައިވެސް އެވާހަކަ ބުނެދިނުމަށް މުރުތަސިމް އެދުނެވެ. ފާރޫޤާ ގާތަށް ޖެހިލައި ، މުރުތަސިމް އޭނާއާ ކޮނޑާކޮނޑުޖައްސައި ސަލާމް ކޮށްލިއެވެ. އަދި މުރުތަސިމްގެ އަތުގައި އޮތް އެންމެ ބޮޑު ސިޓީއުރަ ، ފާރޫޤަށް ނޭނގޭގޮތަށް ، ފާރޫޤު ލައިގެންހުރި ކުރުތާގެ އަރިމަތީޖީބަށް ވައްޓައިލިއެވެ. މުރުތަސިމް އެސިޓީއުރަތައް ބަންދުކުރީ ، މީރަބަށް ދައްކާފައި މީރަބްގެ ލަފާ އަހައިގެންނެވެ. ފާރޫޤަށް ޚާއްޞަ ސިޓީއުރަޔަށްލީ ، މުރުތަސިމްގެ އަގޮބޮޑު ޖީޕްގެ ތަޅުދަނޑިއާއި ތިންލައްކަ ރުފިޔާއެވެ.
އެގޭގެ ދޮރު ، ފާރޫޤަށާއި ސަބާ އަދި ޚާލިދާއި ރުޤިއްޔާއަށްޓަކައި އަބަދުވެސް ހުޅުވިފައި ހުންނާނެކަމަށް މުރުތަސިމް ބުންޏެވެ. އަދި ، ބޭނުންއިރަކު އެމީހުންގެ އަމިއްލަ ގެޔެއްގޮތަށް ބަލައިގެން އެގެޔަށް އައިސް ގޮސްވުމަކީ ، އޭނާއަށް ލިބޭނެ އުފަލެއްކަމުގައި މުރުތަސިމް ބުންޏެވެ. ރުޤިއްޔާއާއި ޚާލިދަށް އޮތް ސިޓީއުރައެއް އެމީހުންނަށް ރައްދުކޮށްދިނުމަށް ފާރޫޤުގެ ކިބައިން އެދި ، މުރުތަސިމް ޙަވާލު ކުރިއެވެ. ސަބާއަށް އޮތް ހަދިޔާ ޙަވާލު ކުރުވީ މީރަބް ލައްވައެވެ. ސަބާއަށްވެސް މުރުތަސިމް ޝުކުރު އަދާކުރިއެވެ. ފާރޫޤަށް ހަދިޔާއެއް ނުދެނީތޯ މީރަބްކުރެން ވައިއަޑުން ސަބާ އަހައިލިއެވެ. އެކަމަކު ، ސަބާ އެބުނި ވާހަކައިގެ އަޑު ، ފާރޫޤަށްވެސް އިވުނެވެ. އޭނާއަށް އެއީ އެހާ ބޮޑުކަމެއްނޫނެވެ. މީރަބަށް އެންމެބޮޑަށް އަޅައިލިމީހަކީ ފާރޫޤެވެ. ސަބާ އެހެންބުނިއަޑު މުރުތަސިމަށްވެސް އިވުނެވެ. އެކަމާ ފާރޫޤު އެއްޗެއް ހިތަށް ނާރާނެކަންވެސް މުރުތަސިމް ދެނެގަތެވެ. އެއީ އިޚްލާޞްތެރި ، އިޙްސާންތެރިންގެ ސިފައެވެ. މީރަބްވެސް ސަބާގައިގާ ބައްދާލައިގެން އެތައް އިރަކު ހުރެފައި ދޫކޮށްލިއެވެ. މީސަމް ދެކިލަން ، ދޭތެރެ ދޭތެރެއިން އަޙްމަދުއާބާދަށް ޖައްސައިލުމަށް ސަބާގެ ކިބައިން މީރަބް އެދުނެވެ.
ސަލާމްޤަލާމް ކޮށް ހެދުމަށްފަހު ، ގޭތެރެއިން ފާރޫޤު ނުކުތްތަނާ ބަޚްތިޔާރު އައިސް ، ފާރޫޤު ލަވަމުން ގެންގޮސް މުރުތަސިމްގެ ޖީޕާދިމާލަށް ގެންދިޔައެވެ. ފާރޫޤުހުރީ ހަދާނެގޮތް ބޮޑުވެފައެވެ. ސަބާގޮސް އޭނާގެ ކާރަށް އަރައި ދުއްވާލައިފިއެވެ.
ބަޚްތިޔާރު އައިސް ފާރޫޤު ގެންގޮސް މުރުތަސިމްގެ ޖީޕްގެ ޑްރައިވަރު ސީޓުގައި ބައިންދައި ، އޭނާގެ ޖީބުގައި އޮތް ސިޓީއުރަ ހުޅުވައިލުމަށް އެންގިއެވެ. ސިޓީއުރަ ކަނޑައިފާ ބަލައިލިއިރު ، އޭގައި އެއޮތީ އޭނާ އަރާއިން ޖީޕްގެ ތަޅުދަނޑިއެވެ. ނޫނެކޭ ބުނެ ޖީޕުން ފުންމާލަމުން މީރަބާ ދިމާލަށް ފާރޫޤަށް ބަލައި ލެވުނެވެ. މުރުތަސިމްގެ އެ ހަދިޔާ ޤަބޫލު ކުރުމަށް މީރަބްގެ ލޮލުންނާއި ބޮލުން ފާރޫޤަށް އަންގަމުން ގެންދިޔައެވެ. އެކަމަކު ، އެއީ ކިހިނެއްވާނެކަމެއް ހެއްޔެވެ ؟ އެވަރުގެ އަގުހުރި ދުއްވާއެއްޗަކަށް ފާރޫޤަށް އެރުނު އެއީ ފުރަތަމަ ފަހަރެވެ. ބަޚްތިޔާރު ހުރީ ވިއްދާފައެވެ. ފާރޫޤު އެ ޖިޕުން ފޭބިޔަކަ ނުދިނެވެ. އެންމެފަހުން ފާރޫޤަށް ޖެހުނީ އެ ޖިޕްދުއްވާފައި އެގެއިން ނުކުމެގެން ދާށެވެ. ދުއްވައިލިތަނާ ގޭގެ މައިގޭޓުގައި ނުޖެހުނީވެސް ކިރިޔާއެވެ.
މީރަބާ ސުއާލެއްކޮށްލަންތޯ މުރުތަސިމް އެހިއެވެ. ހަމަ އެންމެ ސުއާލެކެވެ. ނޫނެކެވެ. މިތާކު ނޫނެވެ. މީރަބާ އޭނާ އެ ސުއާލު ކުރާނީ އެންމެންގެ ކުރިމަތީގައިކަމަށް މުރުތަސިމް ބުންޏެވެ.
ޙަޔާއާ ޚާނަމްއާ ދެމީހުން އަދިވެސް އެތިބީ އެގެޔަށް އެއައި ތޫފާނުގައި ސިކުނޑި ސުކަމަށް ގޮސް ކުރާނެކަމެއް ނޭނގިފައެވެ. އޭނާގެ ކައިވެނި ކުރެވޭނީ ކޮންއިރަކުންތޯ ، އެތައްފަހަރަކު ، ޙަޔާއަށް ޚާނަމްގާތު އެހިއްޖެއެވެ. އެއީ ދެން ވެދާނެކަމެއްކަމަށް ނުފެންނަކަމަށް ޚާނަމްވެސް އެތައްފަހަރަކު ، ޙަޔާއަށް ޖަވާބު ދީފިއެވެ. މަރިޔަމްވެސް ، އެތައްފަހަރަކު ، ޙަޔާއަށް އެކަން އޮޅުން ފިލުވައިދީފިއެވެ.
މީރަބާއި މުރުތަސިމް ސިޓިންގރޫމަށް ދިޔައިރު ، މަރިޔަމާއި ނޮރޭޒް އަދި ، ޚާނަމްއާއި ޙަޔާ އެތަނުގައި ތިއްބެވެ. ޙަޔާއިނީ އިސްދަށަށް ޖަހައިގެން ތުންގަނޑު ބިމަށް ހަރައިގެންނެވެ. މީރަބާއި މުރުތަސިމާ ދެމީހުން އެތަނަށްގޮސް ، މުރުތަސިމް ކުރަން ބޭނުންވި ސުއާލު މީރަބާ ކުރިއެވެ.
" މީރަބެވެ ! މިގެއިން މީރަބް އެންމެފަހުން ނުކުމެގެންދިޔަރޭ ، މީރަބް ގެއިން ނުކުމެގެންދިޔަތަން ، މިތާމިތިބަ މީހުންކުރެ އެއްވެސްމީހަކަށް ފެންނާނެ ހެއްޔެވެ ؟ " މުރުތަސިމް ސުއާލު ކުރިއެވެ.
އޭނާގެ ސުއާލު ހަމައެކަނި ޚާނަމްއާއި ޙަޔާއާ އަމާޒުކުރަން މުރުތަސިމް ބޭނުން ނުވީއެވެ. މީރަބް ޖަވާބެއްނުދީ ގިނައިރުވާން ފެށީމަ ، މުރުތަސިމް އަނެއްކާވެސް ހަމަ އެ ސުއާލު މީރަބާ ކުރިއެވެ. ޙަޔާ އިނީ އޭނާގެ ނަން އަންނާނެކަން ގައިމުވާތީ އެކަމަށް ތައްޔާރު ވެގެންނެވެ. އޭނާ ގެއިން ނުކުމެގެން ދިޔަތަން ޙަޔާއަށް ފެންނާނެކަމަށް މީރަބް ބުންޏެވެ. މީރަބް އެހަދަނީ ދޮގެއްކަމަށް ވަގުތުން ޙަޔާ ބުންޏެވެ. މީރަބް ދިޔަތަނެއް ޙަޔާއަކަށް ނުފެނެއެވެ. އޭނާ އެތާނގައި ނެތްކަމަށްވެސް ޙަޔާ ބުންޏެވެ. ރޯ ބުހުތާން ދޮގު ނުހެދުމަށް ، ޙަޔާގާތު މީރަބް އެދުނެވެ. އަބަދު އަބަދު ދޮގާއި މަކަރު ހަދައިގެން ، އެއްފަހަރުވެސް ޙަޔާއަށް ކާމިޔާބީއެއް ލިބިފައި އެބަ އޮތްތޯ މަރިޔަމްވެސް ސުއާލު ކުރިއެވެ. އެންމެ ފަހު ވަގުތު ޙަޔާގެ ދޮގާއި މަކަރުވެރިކަން ފަޅާ އަރައެވެ. މުރުތަސިމް އައިސް ޙަޔާގެ ކުރިމައްޗަށް ހުއްޓިލައި ޙަޔާއަށް ގޮވައިލިއެވެ.
" ޙަޔާއެވެ ! އެދުވަހު ، ޙަޔާގެ ދޮގު ، ތެދެއްކަމުގައި އަހަރެން ބެލީމެވެ. މިއަދު ތެދަށް ބުނާށެވެ ! މީރަބް ގެއިން ނުކުމެގެން ދިޔަރޭ ، ޙަޔާއަށް އެކަން އެނގުނު ހެއްޔެވެ ؟ " ޙަޔާއާ ދިމާލަށް މުރުތަސިމް ހަޅޭއްލަވައިގަތެވެ.
އޭނާއަށް އެހުރިހާ ދޮގަކާއި މަކަރެއް ހެދެނީ މުރުތަސިމް ޙާޞިލްކުރަން ބޭނުންވާތީކަމަށާއި ، މުރުތަސިމްދެކެ އޭނާ އިންތިހާއަށް ލޯބިވާކަމަށް ޙަޔާ ބުންޏެވެ. މުރުތަސިމްގެ ރުޅިގަނޑު ހައްތާދިޔައީ ގަދަވަމުންނެވެ. ޙަޔާއާ ގާތަށް މުރުތަސިމް ޖެހިލައި ، ޙަޔާގެ އިނގިލީގައި އަޅައިފާއޮތް ، މީރަބްގެ އަނގޮޓި ، ޙަޔާގެ އިނގިލިން ގަދަކަމުން ދަމައިގަތެވެ. އެވަގުތު ، ޙަޔާގެ އިނގިއްޔަށް ވަމުންދިޔަ ތަދުގެ އިޙްސާސާއެކީ ހިތަށްވެސް ތަދުވަމުން ދިޔައެވެ. ލޮލުގެ ކަރުނަވަޅަށް ޖަމާވަމުންދިޔަ ކަރުނަތައް ފުރިގެން ، ބަންޑުން ވިއެވެ. އެއީ ޙަޔާއަށް ޙައްޤު ޙާލަތެއްކަމަށް ޚުދު އޭނާވެސް ، މިހާރު ޤަބޫލު ކުރެއެވެ.
ޙަޔާއަށް ހަދާނެގޮތެއް މަންމަ ނިންމާށޭބުނެ ، މުރުތަސިމް އެތަނުން ނުކުތެވެ.
" ޙަޔާގެ ތިޔަ ގޮތްދޫނުކުރުން ދޫކޮށްލުމަށް ކިތަށްފަހަރު އަހަރެން ބުނިން ހެއްޔެވެ ؟ މީރަބް އައިސް ޙަޔާގެ އުފާތަކަށް ހުރަސްއަޅާވާހަކަ ، ޙަޔާ ބުނަމެއްނޫން ހެއްޔެވެ ؟ ކަންވަނީ އެއާ އިދިކޮޅަށެވެ. ޙަޔާ އަބަދުވެސް ބަލަނީ މީރަބްގެ އުފަލަށް ހުރަސްއަޅައި މީރަބަށް އަނިޔާއެއް ، ތަކުލީފެއް ދެވޭތޯއެވެ ؟ އަހަރެންނަށްވެސް ޙަޔާގެ މަކަރާއި ޙީލަތަށާއި ހެދިހާ ދޮގުތަކަށް ހެއްލުނީއެވެ. ދެން އެންމެ ސިކުންތަކަށްވެސް ، ޙަޔާ މިގޭގައި ބަހައްޓާކަށް އަހަރެން ބޭނުމެއްނޫނެވެ. " ޚާނަމްވެސް ޙަޔާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.
ޚާނަމް ، ނޯކަރުންނަށް ގޮވައިގެން އެތަނަށް ގެނައެވެ. އަދި ޙަޔާގެ ހުރިހާ އެއްޗެއް ފޮށިފޮށްޓަށް އަޅައި ބަންދުކޮށް ، މިހާރުން މިހާރަށް ޙަޔާގޮވައިގެން އެގެއިން ނުކުތުމަށް ޚާނަމް އެންގިއެވެ. ދެން ދުވަހަކުވެސް ، އަޙަމްދުއާބާދަކަށް ޙަޔާއެއް ނުގެނެވޭނެއެވެ.
ޚާނަމް ގޮސް މީރަބްގެ ކޮލުގައި ފިރުމައިލިއެވެ. ޙަމްދަރުދީން ފުރިގެންވާ ނަޒަރަކުން މީރަބާދިމާލަށް ބަލައިލިއެވެ. ޚާނަމްގެ ކަންބޮޑުވުމާއި ލަދުވެތިކަން އޭނާގެ ލޮލުން ފެނެއެވެ. ޚާނަމްގެ ލޯވެސް ހުރީ ފެންކަޅިވެފައެވެ. އެންމެ ނުބައި ނުލަފާ މައިދައިތަޔަކު ، ޅީދަރިޔަކަށް ކުރާނެ އެންމެ ބޮޑެތި އަނިޔާ ، ޚާނަމްވަނީ މީރަބަށް ދީފައެވެ. އެކަމަކު ، އެ ޢާއިލާގެ ޢިއްޒަތާއި ޤަދަރު ދެމެހެއްޓުމަށްޓަކައި ، މީރަބްވަނީ އޭނާގެ ފުރާނަ ޤުރްބާން ކޮށްފައެވެ. އަނތްބެއް ، ޅީދަރިއެއް އަދި ފަހަރިއެއްގެ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކޮށްފައެވެ. މީރަބާމެދު އޭނާއަށް ކަންތައްކުރެވުނު ގޮތުން ، ޚާނަމް ލަދުގަނެއެވެ. ބިރުގަނެއެވެ. އެކަމަކު ، މިހާރު ދެން ކުރާނެ ކަމެއް ނެތެވެ. ވީކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ. މީރަބްގެ ކޮނޑުގައި ހިފާލައިގެންހުރެ ޚާނަމް ހިނގައިގަތެވެ.
ނިދަން ތައްޔާރު ވެގެން ، ފާޚާނާއިން ނުކުމެ މުރުތަސިމް އައިސް މީސަމް ބާއްވާފައި އޮތް އެމީހުންގެ އެނދުކައިރީގައި ހުއްޓިލިއެވެ. މީސަމްގެ ކޮޓަރި ތައްޔާރުކުރަން ޑިޒައިންކުރާ ބަޔަކު މިއަދު ގެނައިވާހަކަ މުރުތަސިމް ބުންޏެވެ. އޭނާއަށް ފެންނަ ބައެއް ޚިޔާލު ، އެމީހުންނާ ޙިއްޞާ ކޮށްފިއެވެ. މީރަބަށް ފެންނަ ގޮތެއްވެސް އެ މީހުންނާ ޙިއްޞާ ކޮށްލައިފިނަމަ ކޮޓަރި އިތުރަށް ފުރިހަމަވާނެކަމަށް މުރުތަސިމް ބުންޏެވެ. މީސަމަށް އޮތީ ނިދިފައެވެ. މުރުތަސިމްގޮސް ، އެމީހުންގެ ކައިވެނީގެ ފުރަތަމަ ކޮޅުގައި އޭނާ ނިދަން ބޭނުންކުރި ސޯފާގައި ޖައްސައިލިއެވެ. މީރަބް އޮތީ އެތަން ވަރަށް ރަނގަޅަށް ބަލަހައްޓައިގެންނެވެ. ތެދުވެގެންގޮސް މުރުތަސިމްގާތުގައި މީރަބް ހުއްޓިލިއެވެ. އޭނާ އެގެއިން ނުކުމެގެން ދިޔަފަހުން މުރުތަސިމް ނިދަމުންއައީ އެ ސޯފާގައިތޯ މީރަބް ސުއާލު ކުރިއެވެ.
" މީރަބް ނެތްއިރުވެސް އަހަރެން މީރަބްގެ ވަސް އިޙްސާސް ކުރީމެވެ. އަހަރެންނާއެކީ މީރަބް އެބައުޅޭކަން އިޙްސާސްކުރަމުން ގެންދިޔައިމެވެ. މީރަބް ދިޔައިމަ ، މިގެޔާއި ކޮޓަރިޔަށް ހުއްޓުމެއް އައެވެ. އެއްވެސް އެއްޗަކަށް ބަދަލެއް ނާދެއެވެ. ބަދަލުވީ އަހަރެން އެކަންޏެވެ. އަހަރެން އެއްވެސް އެއްޗަކަށް އަދި އެއްވެސް ކަމަކަށް ބާރެއް ނާޅަމެވެ. އެކަމެއް ވާން އޮތްގޮތަކަށް ވެގެންދާން ދޫކޮށްލަނީއެވެ. ވަކި އެއްޗެއް ބޭނުންވެގެންނެއް ނޫޅެމެވެ. އަހަރެންގެ ރުޅިވެސް ކޮންޓްރޯލް ކުރީމެވެ. ރުޅިއަންނާކަށް ނުވެސް އެނގެއެވެ. " މުރުތަސިމް އޭނާގެ ވާހަކަ ކިޔައިދެމުން ގެންދިޔައެވެ.
އެއީ ، ކީއްވެތޯ މީރަބް ސުއާލު ކުރިއެވެ.
ކުޑައިރުކޮޅަކު ، އޭނާގާތު އިށީނދެލެވިދާނެތޯ މީރަބްކުރެން މުރުތަސިމް އަހައިލިއެވެ. މުރުތަސިމްގެ އަޑުގައިވާ އާދޭހުގެ ލަހުޖާއިން މީރަބްގެ ހިތް މަޑުމޮޅިވެގެން ދިޔައެވެ. އެހެނަސް ، އޭނާ އެތާ އިށީންނާނީއެއްކަމެއް ނުވަތަ އެހުރިގޮތަށް ކޮއްޅަށް ހުންނާނީއެއްކަމެއް މީރަބަކަށް ނޭނގުނެވެ. ދެވަނަ ފަހަރަށްވެސް ، މީރަބް އައިސް އޭނާގާތު އިށީނދެލުމަށް ، ވަރަށް އާދޭހާއެކީ ، މުރުތަސިމް އެދުނެވެ. މީރަބްގޮސް ، މުރުތަސިމްގެ ގައިގައި ޖެހިލައިގެން ސޯފާގައި އިށީނދެލިއެވެ. މީރަބްގެ ކަޅި ، މުރުތަސިމްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ނައްޓައެއް ނުލައެވެ.
" މީރަބް ދިޔަފަހުން ، އަހަރެންގެ ހުރިހާ އެއްޗެއް ، އަހަރެންގެ އަތުން ބީވެގެން ހިނގައްޖެކަމުގެ އިޙްސާސް އަހަރެންނަށް ކުރެވުނެވެ. ދުނިޔެމަތިން ފޫހިވިއެވެ. އަހަރެންގެ ގެޔާއި ، އަހަރެންގެ ލޯތްބާ އަދި މަންޒިލްމަޤްޞޫދާއި އަހަރެންގެ ހަމަޖެހުން އެއްކޮށް ، އެއްފަހަރާ ނެތިގެން ދިޔައެވެ. އަހަރެންގެ ހުރިހާ އެއްޗަކީ މީރަބެވެ. މީރަބާ ނުލައި އަހަރެންނަކީ ދުނިޔޭގައި އުޅޭމީހެއް ނޫނެވެ. " މުރުތަސިމްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
މީރަބްވެސް އިނީ ފެންކަޅިވެފައެވެ. މުރުތަސިމްގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. މުރުތަސިމް ތެދުވެ ، މީރަބްގެ ކުރިމަތީ އިށީނދެލިއެވެ. އަދި މީރަބްގެ އުނގުގައި ބޯއަޅައިލިއެވެ.
" މީރަބްއެވެ ! އަހަރެންނަށް މަޢާފު ކުރާށެވެ ! " މުރުތަސިމް ، މީރަބަށް އާދޭސްކުރަމުން ގެންދިޔައެވެ.
މީރަބް ބުނާ ކޮންމެކަމެއް މީރަބް ބުނާ ގޮތަކަށް ކުރާނެކަމަށް މުރުތަސިމް ބުންޏެވެ. މީރަބް ބުނާގޮތްހަދާ އަދި މީރަބް ބޭނުންވާ ކަހަލަ މީހަކަށް އޭނާ ވާނެކަމަށް މުރުތަސިމް ބުނަމުން ގެންދިޔައެވެ. އަދި ، އޭނާ ދޫކޮށްލާފައި ނުދިއުމަށް އާދޭސް ކުރަމުން ގެންދިޔައެވެ.
" ޝަރުތެއްގެ މަތިންނެވެ. " މީރަބް ބުންޏެވެ.
މުރުތަސިމް އެހުރީ މީރަބްގެ އެއްހާސް ޝަރުތުވެސް ޤަބޫލުކުރަން ތައްޔާރަށެވެ. މީރަބްގެ ޝަރުތުތައް ކިޔައިދިނުމަށް މުރުތަސިމް އެދުނެވެ. މީރަބްގެ ދެއަތުން މުރުތަސިމްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލިއެވެ.
" އަހަރެންނަށް އުނދަގޫ ކޮށްގެން ނުވާނެއެވެ. " މީރަބްގެ ޝަރުތަކީ އެއީއެވެ.
ދުވަހަކުވެސް މީރަބަށް އުނދަގޫ ނުކުރާނެކަމަށް މުރުތަސިމް ވަޢުދުވިއެވެ.
" އަބަދުވެސް ، އަހަރެން ބުނާގޮތެއް ޤަބޫލުކޮށް އެގޮތަކަށް ހަދާނެއެވެ. " މީރަބްގެ އެ ޝަރުތަށްވެސް މުރުތަސިމް އެއްބަހެވެ.
" ކޮންމެ ޙާލެއްގައިވެސް ، އަބަދުވެސް ރަނގަޅުގޮތުގައި ހުންނާނީ މީރަބެވެ. " ހިނިތުން ވެލައި ، މީރަބްގެ ޝަރުތުތައް ނިންމައިލިއެވެ.
ރޮމުން ރޮމުން ރުއިމުގެ ތެރޭގައި މުރުތަސިމްވެސް މީރަބްގެ އެ ޖުމްލަ ތަކްރާރު ކޮށްލިއެވެ. މީރަބްދެކެ ، އޭނާ އިންތިހާއަށް ލޯބިވާކަމުގައި މުރުތަސިމް ބުންޏެވެ. މީރަބާ ނުލައި މުރުތަސިމަކަށް ދުނިޔެއަކު ނުއުޅެވޭނެއެވެ. މީރަބްވެސް ގުދުވެލައި މުރުތަސިމް ނަގައި އެނދުގައި ބައިންދައި ، އޭނާވެސް މުރުތަސިމްދެކެ ، އިންތިހާއަށް ލޯބިވާކަމުގައި ބުނެ ، މުރުތަސިމްގެ ގައިގައި ލޯބިން ބައްދައިލިއެވެ. މުރުތަސިމްވެސް ، މީރަބްގެ މޫނުގައި ބޮސްދެމުން ގެންދިޔައެވެ. އޭނާގެ އަތުތެރެއިން މީރަބްގެ މޫނު ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.
މީރަބަށް ، މުރުތަސިމް ދޫކޮށްލުމަކީ ވާނެކަމެއްނޫންކަމުގައި މީރަބް ބުންޏެވެ. ހިނިތުންވެލުމާއެކީ ، މީސަމްއާ ދިމާލަށް މީރަބް ބަލައިލިއެވެ. އޭގެ ސަބަބަކީ ، އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ މުރުތަސިމްގެ ލޯތްބާއި ، އެ މަޢުޞޫމް މީސަމެވެ. މުރުތަސިމްވެސް ، މީސަމާ ދިމާލަށް ބަލައިލިއެވެ. އޭރު ، މީސަމަށް ހޭލެވިގެން ، މީރަބާއި މުރުތަސިމާ ދިމާލަށް އަތްދިއްކޮށް ، ހިނިތުންވެލައިގެން އޮވެ ، ޓާޓާ ކިޔަމުން ގެންދެއެވެ.
ކިހާ ލޯބި ދޯއެވެ ! މީރަބް އޭނާގެ ދަރިފުޅާދިމާލަށް ބަލައިލަމުން ބުންޏެވެ. މީރަބް ހެންނޭ މުރުތަސިމަށް ބުނެވުނުއިރު ، މ މީރަބަށް ބުނެވުނީ ، މުރުތަސިމް ހެންނޭ އެވެ. އެކަކު އަނެކެއްގެ ލޮލުން ކަރުނަތައް ފުހެލަދިނުމަށްފަހު ، މީރަބާއި މުރުތަސިމް މީސަމްގާތަށް ގޮސް ، އެނދުގެ ދެފަރާތުގައި ދެމީހުން ޖައްސައިލިއެވެ. އެ ލޯބިލޯބި ތުއްތު މީސަމް މެދަށްލައި ގިލިގިލި ކޮށްޓައި ހެއްވާލަމުން ، ދެމީހުން ، ނުހަނު ލޯބިން ބައްދައިލިއެވެ. މީރަބާއި މުރުތަސިމްގެ ދުނިޔެއަށް އަރާފައިވާ ހަނދުގެ އަލިކަން ، މިހާތަނަށް ދުނިޔެއަށް އަލިކޮށްލަދީފައެއް ނުވެއެވެ. އެ ހަނދު އަރާފައިވިޔަސް ، ހުރީ އޭގެ އަލިކަމާ ނުލައެވެ. އެހެނަސް ، މިހާރު އެވަނީ އެދެމީހުންގެ ދުނިޔެ ، ހަނދުގެ ގަދަ ހަނދުވަރުން އަލިކޮށްދީފައެވެ. މީސަމް ސަބަބަކަށް ވެގެންނެވެ. ( ނިމުނީ )
މިހިސާބުން ، މިވާހަކަ " ހަނދު އޭގެ ހަނދުވަރާ ނުލާ ...... " ނިމުނީއެވެ. މިފަދަ ކޮންމެ ވާހަކަޔަކީވެސް ، އިންސާނާގެ ދުނިޔެ ބާއްޖަވެރިކުރުމަށް ބޭނުންވާ އެތައް ފިލާވަޅުތަކެއް ހިމެނިގެން ލިޔެވި ، އެމުނި އެތުރިގެންދާ އެއްއޗެކެވެ. މިވާހަކަޔަކީ ، ޕާކިސްތާނާއި އިންޑިއާ އަދި އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ، އުރުދޫބަހުން ވާހަކަ ދައްކާ އެތައް މިލިއަން މީހުންނެއްގެ ހިތުގެ ވިންދާ ކުޅެލި ، އަސަރުގަދަ ޖަޒުބާތީ ވާހަކައެކެވެ.
ވާހަކަ ވިދާޅުވި އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. ޚާއްޞަކޮށް ، ކޮންމެ ދުވަހަކުވެސް ވާހަކަ ވިދާޅުވިކަން އަންގަވާލަ ދެއްވާ ، ޚިޔާލު ލިޔުއްވަމުން ގެންދެވި ، " މަރިޔަމް " އަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ. މިފަދަ އެހެން ވާހަކަޔަކައިގެން " އާފަތިސް " ނޫހުގެ މުނިފޫހި ފިލުވުމުގެ ބަގީޗާއިން ، މާލަސްތަކެއް ނުވެ ، ބައްދަލު ކޮށްލެވޭނެކަމުގައި އުއްމީދު ކުރަމެވެ. وَالسَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ

ކޮމެންޓުކޮށްނުލެވުނަސް ވާހަކަ ވަރަށް ގަވާއިދުން ކިޔަން. އަޅުގަނޑަށް އެންމެ ކަމުދާ ނޫސް މީ..އަނެއްކާވެސް ރީތި ވާހަކައެއް ކިޔާލަން ލިބޭނެ ކަމަށް އުންމީދުކުރަން...ތަރުޖަމާ ވަރަށް ފުރިހަމަ🤗
މި ވެސް ހާދަހާވާ ރީތިވާހަކަ އެކެވެ. ފާރޫގުގެ ބަސްމަގާއި ފަންނުވެރިކަމުގެ ހުނަރުވެސް ހަމަ މޮޅީއެވެ. ފާރޫގުގެ ހުރިހާ ވާހަކައެއް ވެސް އެހާމެ ރީއްޗެވެ. ދެން އަންނަ ވާހަކަ އަށް ވެސް އިންތިޒާރު ކުރަމެވެ. ލަސް ނުކުރައްވާށެވެ.
ވަރަށްރީތި ޢިބުރަތްތެރި ވާހަކައެއް ،
މީހުނަށް ޙަސަދަލުމާއި، ލަނޑުދިނުމާއި، ފިތުނައުފެއްދުމާއި، މިކަންތަކުރާނެ ގެއްލުން، ވިސްނާބަޔަކަށް ޢިބުރަތަކަށްވާނެ!
جزاك الله خيرا
Vaahaka v reethi. Konmes dhuvahaku ves hendhunu balaalevey vaahaka up vejjetho. Movaahaka ves v reethi . V faahaga kohlevey"dhekafi" mi vaahaka . V v hih varugadha manma e ge dhiriulhun . V bodah shukuriyya