ޗައިނާގެ ނުފޫޒު ރާއްޖެއަށް ފެތުރުމުގެ މޭސްތިރިއަކީ ކުރީގެ ރައީސް ނަޝީދު ކަމުގައި އިންޑިއާގެ ލިޔުންތެރިއެއް ކަމުގައިވާ އިންދިރާނީ ބާޗީ ވިދާޅުވެއްޖެއެވެ. އޭނާއަކީ ޓައިމްސް އޮފް އިންޑިއާއަށް ލިޔުއްވާ ތަޖުރިބާކާރު ލިޔުންތެރިއެކެވެ.
ޓައިމްސް ނަވް ޓީވީ ޗެނަލުން މިއަދު ހެނދުނު ފޮނުވި ލެޓިޓިއުޑް ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިންދިރާނީ ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޝައިނާގެ އެމްބަސީއެއް ހުޅުއްވީ ރައީސް ނަޝީދެވެ. ދިވެހިރާއްޖޭގެ ވެރިޔަކު އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގަތީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. "އިންޑިއާށް މިހައި ކުޑަކޮށް އިތުބާރުކުރާ ސަރުކާރެއް ދުނިޔޭގެ އެއްވެސް ތަނަކުން އަހަރެން ނުދެކެމެވެ." އިންދިރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އައިހެވަންގެ މަޝްރޫއު ހިންގާން އިންޑިއާއިން ބޭނުންވިއެވެ. އެކަމަކު ރައީސް ޔާމީން އެކަމާ ދެކޮޅު ހެއްދެވީއެވެ. ފައިސާ ދިނީމާ މަޝްރޫއު ހިންގަވާނީ ދިވެހިން އަމިއްލައަށް ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް އިންދިރާ ވިދާޅުވިއެވެ.
އިންދިރާ ވިދާޅުވި ގޮތުގައި 2012 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދު އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަތެވެ. އެކަމަކު އިންޑިއާއިން ދެކޮޅު ހެދީއެވެ. އޭނާ ފާހަގަ ކުރައްވާ ގޮތުގައި ދިވެހިރާއްޖޭގެ މައްޗަށް ބާރު ހިންގާން އިންޑިއާއަށް ލިބުނު ރަނުގެ ފުރުސަތެއް ނަގައިލުމަކީ އިންޑިއާ ބަލިކަށިވެ، ޗައިނާ ވަރުގަދަވާން މެދުވެރިވީ އެއް ސަބަބެވެ.
މި ޕްރޮގްރާމްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ރާއްޖެއަކީ އިސްލާމީ ނިރުބަވެރިންގެ ހާއްޔެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ސަޢޫދީޢަރަބިއްޔާގެ ފަިސާއާއި، ދީނީ ނުފޫޒުގެ ސަބަބުން ރާއްޖޭގެ ވެރިކަންވެސް ވަނީ ހަރުކަށި އިސްލާމީ ވެރިކަމަކަށް ވެފައި ކަމަށް ޕްރޮގްރާމްގައި ބައިވެރިވީ "މާހިރުން" ވިދާޅުވިއެވެ. އެކަމަކު އެފަދަ އެއްވެސް ކަމެއްގެ މިސާލެއް ނުދައްކަވައެވެ.
ޕްރޮގްރާމްގެ ބައިވެރިން ފާހަގަ ކުރެއްވޮ ގޮތުގައި ރާއްޖެއާމެދު އަސްކަރީ ފިޔަވަޅެއް އެޅުމުގެ ވަގުތު ފާއިތު ވެގެން ހިނގައްޖެއެވެ. ދެން އޮތީ ވާހަކަ ދައްކައިގެން ހައްލެއް ހޯދުމެވެ. ރާއްޖެއަކީ އިންޑިއާ އަށް މުހިއްމު ގައުމަކަށް ވާތީ އަޅާނުލައި ތިބެގެން ވާކަށް ނޯންނާނޭ ކަމަށްވެސް އެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.