އަންހެނުންނާއި އަންހެންކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ. އެގޮތުން، ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނާއި އަންހެން ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. އަދި އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ހުރިހާ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭ މުޖުތަމަޢެއް ބިނާކުރަން ޖެހޭކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ، ޓެކްނޮލޮޖީގެ ސަބަބުން އަހަރުމެން އެންމެންގެ ދިރިއުޅުން އެކަތިގަނޑަކަށްވެ ގުޅިލާމެހިގެންދާކަމަށާއި، މިއާއެކު އޮންލައިންކޮށް ދޭ ހާނިއްކައާއި ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާވެސް ދުވަހުން ދުވަހަށް އިތުރުވަމުންދާކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަކީ އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވުމަށް މަގުފަހިކޮށްދީ، ޤައުމު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ވަސީލަތަކަށް ހެދުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޑިޖިޓަލް މަންސަތަކުގައި އެންމެންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަކީ، އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމެއްކަމުގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއާއި ޤައުމުގެ ކުރިއެރުމަށް އެފަރާތްތަކަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދެވޭނެކަން ކަށަވަރުކުރަން ޖެހޭ ކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
"16 ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލަންސް" އަކީ އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެގޮތުން، ބައިނަލްއަޤުވާމީ ފެންވަރުގައި ކޮންމެ އަހަރެއްގެ ވެސް 25 ނޮވެމްބަރުން 10 ޑިސެމްބަރާއި ހަމައަށް ފާހަގަކުރާ ދުވަސްތަކެވެ. އެގޮތުން އދއިން ކަނޑައަޅާފައިވާ ޝިޢާރަކީ "ޔުނައިޓް ޓު އެންޑް ޑިޖިޓަލް ވައިލެންސް އެގޭންސްޓް ވިމެން އެންޑް ގާލްސް ވޯންޓް ޓު މޯބަލައިޒް އޯލް މެމްބަރޒް އޮފް ދަ ސޮސައިޓީ" އެވެ.
