އައްޑޫހުޅުދޫ އާއި އައްޑޫމީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޑޫހުޅުދޫ އާއި އައްޑޫމީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު އިޞްލާޙުކުރައްވާފައި ވަނީ، އައްޑުއަތޮޅު ހުޅުދޫ އާއި އައްޑުއަތޮޅު މީދޫ އާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޓަކައި 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކޮށްގެން އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުން ނިންމާފައިވާތީ އާއި، އައްޑުއަތޮޅު މީދޫއަށް ޚާއްޞަކޮށްގެން އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި އައްޑުއަތޮޅު މީދޫގެ ރައްޔިތުން ނިންމާފައިވާތީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ގޮތުންނެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އިޞްލާޙުކުރައްވައި މިއަދު ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ޤަރާރުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، އައްޑުއަތޮޅު "މަރަދޫ" އާއި، އައްޑުއަތޮޅު "މަރަދޫފޭދޫ" އާއި، އައްޑުއަތޮޅު "ފޭދޫ" ކަމަށާއި، "އައްޑޫ" ގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.

މި އިޞްލާޙާއެކު، އައްޑޫހުޅުދޫ އާއި އައްޑޫމީދޫ ވަނީ، މީހުން ދިރިއުޅޭ ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިތުރުކޮށްފައެވެ. އަދި "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމަށާއި، އައްޑޫ ސިޓީގައި ހިމެނެނީ އައްޑުއަތޮޅު ހިތަދޫ އާއި، އައްޑުއަތޮޅު މަރަދޫ އާއި، އައްޑުއަތޮޅު މަރަދޫފޭދޫ އާއި، އައްޑުއަތޮޅު ފޭދޫ ކަމުގައި ބަޔާންކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައިފައެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.