އައްޑޫގެ ތިން ރަށުގައި ވަކި ކައުންސިލްތަކެއް ހެދުމަށް މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި، އައްޑޫ ސިޓީ ކައުންސިލާ އެކު ކުރިއަށްދިއުމަށް ފޭދޫ ރައްޔިތުން ވޯޓު ދިންއިރު، މީދު އާއި ހުޅުދު ރައްޔިތުން ބޭނުންވަނީ ވަކި ކައުންސިލެއް ހަދަންކަމަށް އެ ދެރަށުގެ ރައްޔިތުން ވޯޓުދީފިއެވެ.
މި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މާލެ އާއި އައްޑޫގައި ނެގި ވޯޓުގައި، ހުޅުދޫގެ 67 ޕަސެންޓް މީހުން ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓް މީހުން ވޯޓުދިނެވެ.
ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 73 ޕަސެންޓް މީހުން ވަނީ ވޯޓު ދީފައެވެ.
އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫ އަދި ފޭދޫގެ ނަމުގައި ވަކިވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ވޯޓު ނަގަން ނިންމީ އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އެ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ހިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައެވެ.
މި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާންކުރާނީ މާދަމާއެވެ.
