ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ފެކަލްޓީ (އެފް.އެޗް.ޓީ.އެސް.) ގުޅިގެން ކުރިއަށްގެންދިޔަ ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ބަދަލުތަކާބެހޭ ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ޒުވާނުންގެ ހިޔާލުތަކަށް ބާރު އެޅުމުގެ ގޮތުންނެވެ.
މި ރަސްމިއްޔާތުގައި، މުބާރާތުން ވަނަތައް ހާސިލުކުރި ފަރާތްތައް އިޢުލާނުކުރެވި، އެ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރެވުނެވެ. މުބާރާތުގައި ބައިވެރިވި ފަރާތްތަކުން ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިއެރުވުމަށްޓަކައި، ތިމާވެށި ރައްކާތެރިކުރުމާއި، ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމުގެ މުހިންމުކަން ރަނގަޅަށް ދައްކުވައިދޭ ތަފާތު ޕޯސްޓަރުތައް ހުށަހަޅާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޢިއްޒަތްތެރި ވަޒީރު ވަނީ، ފަތުރުވެރިކަމުގެ ސިނާއަތަށް ފަންނީ، ސިނާއަތަށް ތައްޔާރު ޒުވާނުން ބިނާކުރުމުގައި އެފް.އެޗް.ޓީ.އެސް. އިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ގާއިމުކުރުމަށް، މިފަދަ ހުނަރުވެރި ޒުވާނުންނަކީ މުހިންމު ބައެއްކަމަށާއި، މި ސިނާއަތުގެ ކުރިއެރުމަށް އެފް.އެޗް.ޓީ.އެސް. އިން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.
