ހަދު އޭގެ ހަނދުވަރާ ނުލާ ... (42)

(19 އޮކްޓޯބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)

މިފަހަރު ، މީރަބަށް މާފުކުރާކަށް ޚާނަމް ބޭނުމެއްނޫނެވެ. މީރަބްދެކެ މުރުތަސިމްވާ ލޯބި ކޮންމެ ފަހަރަކު ، ޤުރްބާންކުރަން މިފަހަރު ، ދުލެއް ނުކުރާނެއެވެ. މަރިޔަމް ގޮވައިގެން މުރުތަސިމް ގެޔަށް އައުމުގެ ކުރިން ، މީރަބް އެގެއިން ބޭރުކޮށްނުލައިފިއްޔާ ، އެކަމެއް ނުވާނެއެވެ. މުރުތަސިމް އައިއްސިއްޔާ އެކަން ހުއްޓުވާނެއެވެ.

" މުރުތަސިމް އައިއްސިއްޔާ ، އަނެއްކާވެސް މީރަބަށް މާފު ލިބޭނެއެވެ. މިގޭގެ ޢިއްޒަތާއި ޙުރުމަތް ކަނޑަން މީރަބަށް އިތުރު ފުރުޞަތު ލިބޭނެއެވެ. " ޚާނަމްގެ ހިތް ، ޙަޔާ އިތުރަށް ތަޣައްޔަރު ކޮށްލިއެވެ.

މައްޗަށްގޮސް ، މީރަބް އަވަހަށް ތިރިޔަށް ބޭލުމަށް ޙަޔާއަށް ޚާނަމް އެންގިއެވެ. ވީއުފަލެއްގެބޮޑުކަމުން ، ކޮލުދަތަށް ދަންދެން ފެންނަ ވަރަށް ޙަޔާގެ މޫނަށް ހިނިތުންވުން ވެރިވިއެވެ. މީރަބްގެ ކޮޓަރިޔާ ހަމަޔަށް ދެވެންދެން ، ޙަޔާ ދިޔައީ އެ ހުނުމުގައި ހެމުން ނަށަމުންނެވެ. ކޮޓަރިޔާ ހަމަޔަށް ދެވުމާއެކު ، ގާވިހަމަހެއްހެން ސިފަ ބަދަލުކޮށް ކަންބޮޑުވެފައި ހުރިގޮތް މޫނުމައްޗަށް ގެނައެވެ.

މީރަބް އިނީ ، ސުންނަތް ނަމާދެއްކޮށް ނިމިގެން ، މަރިޔަމްގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި ރޮމުންރޮމުން ،  ﷲ އަށް ދުޢާ ކުރާށެވެ. މީރަބްގެ ދުޢާ ނިމެންދެން ޙަޔާ މަޑުކޮށްލިއެވެ. ނަމާދުކުނާމަތިން ތެދުވެ ، މީރަބް އެނބުރިލިއިރު ، ކުރިމަތީގައި ޙަޔާ ހުއްޓެވެ.

ޙަޔާއަށް ހުރިހާ ކަމެއް އެނގޭ ދޯއެވެ !  އެންމެ ފުރަތަމަ ދުވަހުވެސް އެ އަނަސްއަކީ ، މުރުތަސިމް މެންގެ ޢާއިލީ ދުޝްމަން ، މަލިކު މުޚްތާރުގެ ދަރި ، މަލިކު ޒުބޭރުކަން އެނގޭ ނޫން ހެއްޔެވެ ؟ " މީރަބް ބުންޏެވެ.

ޚާނަމް މަންމަވެސް ، ދެންމެއަކު ހަމަ އެ ސުއާލު އޭނާއާ ކޮށްފިކަމަށް ޙަޔާ ބުންޏެވެ. ޙަޔާ ގާތަށް ހުރީ ، ބޮޑާ އަދި މަކަރުވެރިކަމުން ފުރިގެންވާ ހިންޏެއް އައިއްސައެވެ. އެކަމަކު އެކަން ޙަޔާ ދޮގު ކުރިއެވެ. އެއީ އޭނާއަށް އެނގޭކަމެއް ނޫންކަމަށްބުނެ ، ދޮގުހެދިކަމަށް ޙަޔާ ބުންޏެވެ. މީރަބްގެ ކުރިމަތީ އެކަމަށް ޙަޔާ ، އެއްބަސްވާންވީ ކީއްކުރަން ހެއްޔެވެ ؟ އެ އަނަސްއަކީ ، ކާކުކަން ، އެންމެ ފުރަތަމަ ދުވަހުވެސް އޭނާއަށް އެނގޭކަމުގައި ޙަޔާ ބުންޏެވެ. ރެސްޓޯރެންޓް ތެރޭގައި ، މަރިޔަމްގެ އަތުގައި އެންގޭޖްމަންޓް އަނގޮޓި އެހާ ލޯބިން ޒުބޭރު އެޅުވިއިރު ، އެތަން ބަލަހައްޓައިގެން ، އެމަންޒަރު ފޯނަށް ރިކޯޑްކުރަން ޙަޔާ ހުރިކަމަށް އެއްބަސް ވިއެވެ. އެވަގުތުވެސް ، އެއީ މަލިކު ޒުބޭރުކަން ޙަޔާއަށް އެނގެއެވެ. އެކަމަކު އެކަން ނޭނގޭކަމަށް ހަދައިގެން ޙަޔާހުރީކަމަށް ބުންޏެވެ.

" އޭގެފަހުން ، މަރިޔަމްއާއި މީރަބްގެ ކޮންމެ ފިޔަވަޅަކަށް އަހަރެން ފާރަލަމުން ގެންދިޔައިމެވެ. އެކަމަކުވެސް ، މުރުތަސިމްގެ ހިތުގައި މީރަބާމެދު ނަފްރަތު އުފައްދަން ފުރުޞަތު ލިބޭނެ ވަގުތަކަށް ، އަނގަ މަޑުންލައިގެން ހުރީއެވެ. މަރިޔަމަށް ކޮންމެ ގޮތެއްވިޔަސް އަހަރެންނަށް ވަރިހަމައެވެ. މަރިޔަމަށްވުރެ ، މުރުތަސިމް އަހަރެންނަށް މާ މުހިންމެވެ. މި ގޭގެ ޢާއިލީ ދުޝްމަން ، ޒުބޭރު ގެނެސް އެންމެންނަށް ވަގަށް މިގެޔަށް ވައްދައި ޒުބޭރާ މަރިޔަމް ޙަވާލުކުރިއިރުވެސް ، މަޑުން ހުރީއެވެ. އެއީ ކީއްކުރަންކަން އެނގޭ ހެއްޔެވެ ؟ މީރަބާއި މުރުތަސިމް ދުރުކޮށްލެވޭނެ ، ރަނގަޅު ފުރުޞަތަކަށް މަޑުކޮށްލަން ވެގެންނެވެ. ހަތަރު އުދަރެސް ފެނުޖެހި ، ކުރެވޭނެ އެއްވެސްކަމެއް ނެތި ، މީރަބްގެ ދުނިޔެ ބަރުބާދުވެގެންދާތަން އަހަރެންގެ ދެލޮލުން ބަލައިލަން ބޭނުންވާތީއެވެ. ނިކަން ދެކިބަލާށެވެ ! މިވަގުތު ، މިގެއިން ނުކުމެގެން ދިއުންފިޔަވައި ، އެހެން އެއްވެސް ގޮތެއް މީރަބަކަށް ނެތެވެ. އަހަރެންގެ މި ޙަމަލާ މިފަހަރު ހުހަކަށް ނުދާނެއެވެ. މިފަހަރު ކާމިޔާބު މިލިބުނީ އަހަރެންނަށެވެ. " ޙަޔާގެ މަކަރުވެރި ރޭވުން ކިޔައިދެމުން ގެންދިޔައެވެ.

ޙަޔާގެ ޙީލަތާއި މަކަރާ އަދި މީރަބާމެދު ޙަޔާގެ ހިތުގައި އުފެދިފައިއޮތް ނަފްރަތާމެދު ، މީރަބްހުރީ ޙައިރާން ވެފައެވެ. އެހާ ކުޑައިރުއްސުރެ ، އެކުގައި އުޅެ ބޮޑުވި ، މަރިޔަމާމެދު އެއްވެސް ހަމްދަރްދީއެއް ޙަޔާގެ ހިތަކު ނެތެވެ. އެއީ އެ ގެޔާއި ޙަޔާ ކުޑައިރު ބަލައި ބޮޑުކުރި ޚާނަމް މަންމަ އާއި އަންވަރު އަދި މުރުތަސިމްގެ ދިރިހުރުމާއި ނެތިދިއުމާ ގުޅިފައިވާ ނުރައްކާތެރި ކަމެކެވެ. އެ ހުރިހާ ކަމަކަށްވުރެ ، އޭނާގެ މީހަކަށް މުރްތަސިމް ހެދުން ، ޙަޔާއަށް މާ މުހިންމު ވެއްޖެއެވެ. ކޮންފަދަ ލަދު ޙަޔާތްކުޑަ ، ހަމްދަރުދީއެއް ރަޙުމެއްނެތް އަނިޔާވެރި ހަރުކަށި މީހެއް ހެއްޔެވެ ؟ އެފަދަ ގޮތްކުޑަ އަމަލުތަކެއް ކުރަން ޙަޔާގެ ހިތުގައި ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތީތޯ މީރަބް ސުއާލު ކުރިއެވެ. އެ ސުއާލަށް ، ޖަވާބުދޭކަށް ޙަޔާ ބޭނުމެއްނޫނެވެ. އޭނާ އެއައީ ، ޚާނަމް މަންމަ ބުނެގެން މީރަބް ބަލައިކަމުގައި ޙަޔާ ބުންޏެވެ. އަދި އޭނާއާއެކީ ، ބަސްއަހައިގެން ޚާނަމް މަންމަގާތަށް ތިރިޔަށް އައުމަށް އެންގިއެވެ.

" ކާރު އޮތީ ތައްޔާރަށެވެ. މިގެއިން މީރަބް ނުކުމެގެން ދާންޖެހޭ ވަގުތު މިއޮތީ އައިއްސައެވެ. " މަލާމާތުގެ ހިނިތުން ވުމަކާއެކީ ޙަޔާ ބުންޏެވެ.

އެގެއިން ނުކުމެގެން އެއްވެސް ތާކަށް މީރަބް ނުދާނެކަމަށް ބުނުމާއެކީ ، މީރަބްގެ އަތުގައި ޙަޔާ ހިފައި ، ދަމާހަލާފައި މީރަބް ތިރިޔަށް ގެންދިޔައެވެ. އަންވަރުވެސް އެތަނުގައި އޭރު ހުއްޓެވެ. ދަމާހަލާފައި މީރަބް ގެނެސް ، ޚާނަމްގެ ކުރިމައްޗަށް ހޫރައިލިއެވެ. މީރަބްގެ އަގު ވައްޓައިލުމަށް ޙަޔާއަށް ލިބުނު ފުރުޞަތުގެ ބޭނުން ، އެންމެ ރަނގަޅު ގޮތުގައި ހިފައިލިއެވެ.

" މުރުތަސިމް ގެޔަށް އައުމުގެ ކުރިން ، ތި ރަޙުމެއްނެތް އަންހެނާ ، މި ގެއިން ނުކުމެގެން ، ކަރާޗީއަށް ދާށެވެ ! މުރުތަސިމްގެ އަނތްބެއްގެ ގޮތުގައި މިގޭގައި އުޅުމުގެ ޙައްޤު ، މިހާރު މީރަބަކަށް ނެތެވެ. މަރިޔަމް ގޮވައިގެން މުރުތަސިމް އަންނަތަނުން ، މިގޭގައި މީރަބް ހުރިތަން ފެނިއްޖެނަމަ ، ރުޅިއައިސްގެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އޭގެ ކުރިން މިގެއިން ނުކުމެގެން ދާށެވެ! " ޚާނަމް އެންގިއެވެ.

މީރަބަށްހުރީ ރޮވިފައެވެ. ޙަޔާ ، މީރަބް ގެނައީ ، ނަމާދުފޮށާ ބާލަންވެސް ފުރުޞަތެއް ނުދީއެވެ. އޭނާ އެގެއިން ނުކުމެގެން ނުދާނެކަމަށް މީރަބް ބުންޏެވެ. އެހެނަސް ، މީރަބް އެގޭގައި ހުންނަތަން ދެކެން އެންމެ މިނިޓަކަށްވެސް އޭނާއަށް މަޑުނުކުރެވޭނެކަމަށް ޚާނަމް ބުންޏެވެ. އަންވަރުވެސް ، މީރަބް ކަރާޗީއަށް ގެންގޮސް ލައިދީފާނެކަމަށާއި އޭނާއާއެކީ އައުމަށް އެދުނެވެ. އަންވަރުވެސް މީރަބް އެގެއިން ނެރެލަން ބޭނުންވަނީތޯ ، މީރަބް ސުއާލު ކުރިއެވެ.

" މީރަބް އައިފަހުން މިގެޔަށް ތޫފާނަކށްފަހު ތޫފާނެއް އައިސް ، އެންމެފަހުން ، މި ގެ މުޅިން ބަރުބާދު ކޮށްލައިފީމެއް ނޫން ހެއްޔެވެ ! ދެން އެންމެ ރަނގަޅުވާނީ ، މީރަބް މިގެއިން ނުކުމެގެން ދިޔައްޔާއެވެ. " ޚާނަމް ބުންޏެވެ.

މަރިޔަމް ގޮވައިގެން މުރުތަސިމް އައިމަ ، ލަސްނުކޮށް އޭނާ އެގެއިން ނުކުމެގެން ހިނގައިދާނެކަމަށް މީރަބް ބުންޏެވެ. މީރަބް ބޭނުންވަނީ ، އެގެއިން ގަދަކަމުން ނެރެލެވިގެން ދާންތޯ ޚާނަމް ސުއާލު ކުރިއެވެ.

" މުރުތަސިމް އަންނަދެން މީރަބް މަޑުކުރަނީ ކީއްކުރަން ހެއްޔެވެ ؟ މުރުތަސިމް އައިސްވެސް މީރަބް މިގެއިން ބޭރުކޮށްލާނެއެވެ. އެހެންވީމަ ، މިހާރު ނުކުމެގެން ނުދާންވީ ކީއްވެ ހެއްޔެވެ ؟ " ޙަޔާވެސް މީރަބާ ދިމާލަށް އެއްޗެތި ކިޔައިގަތެވެ.

އަންވަރުވެސް މީރަބްގާތު ދާން ހިނގާށޭ ބުންޏެވެ. އިތުރަށް ބޭޒާރުވާން ، އެގޭގައި މަޑުކުރާނެކަމެއް ނެތްކަމަށް އަންވަރު ބުންޏެވެ.

މުރުތަސިމް ދިޔައީ ، މަރިޔަމް އަނބުރާ ގެންނާނެކަމަށް އޭނާއަށް ވަޢުދުވެފައި ކަމަށާއި ، މުރުތަސިމް އެނބުރި ނާންނަނިސް ، އޭނާ އެގެއިން ނުނުކުންނާނެކަމަށް މީރަބް ބުންޏެވެ.

ހަމަ އެވަގުތު ، މީރަބްގެ އަތުގައި ހިފައިގެން ގެއިން ބޭރަށް ނެރެލުމަށް ، ހާޔާއަށް ޚާނަމް އެންގިއެވެ.  ޙަޔާއަށް ލިބުނު ރަނުގެ ފުރުޞަތުގައި މީރަބްގެ އަތުކުރީގައި ބާރަށް ހިފިއެވެ. އެހެންނަމަވެސް ، އަންވަރު ޙަޔާއާ ދިމާލަށް ހަޅޭއްލަވައިގަނެ ، އެކަން ހުއްޓުވިއެވެ. އެކަމާ ގުޅިގެން ، މީރަބަށް އަންވަރު ތާއީދުކުރާ ކަމށް ވަންޏާ ، އޭނާވެސް އެ ޢާއިލާގެ ޢިއްޒަތާއި ޤަދަރަށް އިޙްތިރާމް ނުކުރާކަމަށް ބަލާނެކަމަށް ޚާނަމް ބުންޏެވެ.

އަނެއްކާވެސް ޙަޔާ ، މީރަބްގެ އަތުގައި ހިފައި ދޮރާދިމާއަށް މީރަބް ގެންދަން މަސައްކަތް ކުރިއެވެ. އެހެނަސް ، ޙަޔާގެ އަތް މީރަބް ފޮޅުވައިލިއެވެ.

" ކަލޭމެން ހީކުރަނީ ކީކޭކަމަށް ހެއްޔެވެ ؟ މުރުތަސިމްގެ އަނތްބަކަށްހުރެ ، އަހަރެން މުރުތަސިމަށްވީ ވަޢުދު އުވައިލަންވީ ހެއްޔެވެ ؟ " މީރަބް ބުންޏެވެ.

މުރުތަސިމް އަންނަދެން ކަމެއްނުކޮށް މަޑުކޮށްލުމަށް ، އަންވަރުވެސް ޚާނަމްގެ ކިބައިން އެދުނެވެ. އެކަމުގައި އެންމެންގެ ނިންމުމަކަށް ވާންވާނީ މުރުތަސިމްގެ ނިންމުންކަމަށް އަންވަރަށް ފެނުނެވެ.

ޒުބޭރު މަލިކު ބުނިތަނަކަށް މުރުތަސިމް ގޮސްވަނުމާއެކީ ، ޒުބޭރުގެ ހަށިފާރަވެރިން އައިސް ، މުރުތަސިމް ވަށައިލާ ، ފާސްކޮށް ހެދުމަށްފަހު ، ޒުބޭރުގާތަށް ދިއުމުގެ ހުއްދަ ދިނެވެ.

ޒުބޭރާއި މުރުތަސިމާ ދެމެދު ، ދެކޮޅުވެރިކަމުގެ ބަހުސެއް ހިނގުމަށްފަހު ، އެންމެ ފަހުން ، ޒުބޭރު އެބުނާ ދަނޑުބިމުގެ ފަތް ޒުބޭރާ ޙަވާލު ކުރެވުނެވެ. އަދި ، ޒުބޭރުގެ މައްޗަށް އުފުލިފައިވާ ތިން ޤަތުލުގެ އިލްޒާމުވެސް މުރުތަސިމް ދޫކޮށްލައިފިކަމުގައި މުރުތަސިމް ބުންޏެވެ. މުރުތަސިމަށް ހުށަހެޅުނު ޝަރުތުތައް ފުރިހަމަވުމާއެކީ ، މަރިޔަމް ބަންދު ކުރެވިފައިވާ ކޮޓަރީގެ ތަޅުދަނޑި ، މުރުތަސިމާ ޙަވާލު ކުރެވުނެވެ. އަދި ، މުރުތަސިމް ގެޔަށްގޮސް ، މީރަބަށް ޝުކުރު އަދާކުރުމަށް ، ޒުބޭރު ބުންޏެވެ. މީރަބްގެ އެހީތެރިކަމާނުލައި ، އަދި މީރަބްގެ ވަޢުދު ފުރިހަމަކޮށް ނުދިންނަމަ  ، މަރިޔަމް އޭނާގެ އަތްދަށަކަށް ނުގެނެވުނީހެވެ. އެކަމަށްޓަކައި ، މީރަބަށް ޝުކުރު ޙައްޤެވެ. މުރުތަސިމްގެ ދެލޯ ، ރުޅިވެރިކަމުން ފުރިގެންގޮސް ، އަނގުރު އަލިފާން ގަނޑަކަށް ވިއެވެ. ޒުބޭރު ހެމުންހެމުން ، އޭނާގެ އަޢުވާނުންނާއެކީ އެތަނުން ނުކުމެގެން ދިޔައެވެ.

މުރުތަސިމް ، މަރިޔަމަށް ގޮވަމުން ގޭތެރެޔަށް ވަދެ ، އޭނާއަތަށް ޒުބޭރުދިން ތަޅުދަނޑިފަތިން ، އެކިފަހަރު އެކިދޮރު ހުޅުވޭތޯ ބަލަމުން ގެންދިޔައެވެ. އެންމެފަހުން ، މުރުތަސިމްގެ އަޑުގެ ނެތްތަނަށް މަރިޔަމަށް ގޮވަމުން ގެންދިޔައެވެ. މަރިޔަމަށް މުރުތަސިމްގެ އަޑު އިވުމާއެކީ ، އޭނާ ބަންދުކޮށްފައިވާ ދޮރުގައި ތަޅައިގަތުމުން ، މުރުތަސިމް އެދޮރު ހުޅުވިއެވެ.

ދޮރުހުޅުވައިލުމާއެކީ ، މުރުތަސިމްގެ ކުރިމަތީ އެހުރީ މަރިޔަމެވެ. މުރުތަސިމްގެ ދެލޯ ބޮޑުވިއެވެ. ގަބުވެފައި އެތައް އިރަކު އޭނާއަށް ހުރެވުނެވެ. އަދި ، މަރިޔަމަށްވެސް ، ގެންފައިހުރި ބިރެއްގެ ބޮޑުކަމުން ހުރެވުނީ ގަބުވެފައެވެ. މުރުތަސިމްގޮސް ، އޭނާގެ ކޮއްކޮގެ ގައިގައި ބައްދާލައިގެން އިރުކޮޅަކު ހުރުމަށްފަހު ، މަރިޔަމްގެ އަތުގައި ހިފައިގެން ، ގެޔަށް ދިއުމަށްޓަކައި އެގެއިން ނުކުތެވެ.

މަރިޔަމް ގެޔަށް ވަނުމާއެކީ ، މާ ހަމްދަރުދީވެގެންކަމަށް ހަދައިގެން ، ފުރަތަމަވެސް މަރިޔަމްގާތަށް ދުވެފައި ދިޔައީ ޙަޔާއެވެ. މަރިޔަމް ރަނގަޅުތޯ އަހައިލާ ، މަރިޔަމްގެ އަތުގައި ހިފައިގެން ގޭތެރެޔަށް ވެއްދިއެވެ. މީރަބްވެސް މަރިޔަމަށް ގޮވައިލިއެވެ. އިތުރު އެއްވެސްކަމެއް މީރަބަކަށް ނުކުރެވުނެވެ. ޚާނަމް އިނީ ރުޅިއައިސް ރަތްވެފައެވެ. މީރަބް އައިސްގެން އުފާވީކަމެއްވެސް ޚާނަމްގެ މޫނުމައްޗަކުން ނުދައްކައެވެ.

މަރިޔަމްގޮސް ، ޚާނަމްގެ ކުރިމައްޗަށް ހުއްޓުނެވެ. ޚާނަމް އަތް އުފުލާލައި ، އިތުރުކަމެއް ކުރާނެކަމެއް ނެތްކަމުގެ ޢިޝާރާތެއް މަރިޔަމަށް ކޮށްލިއެވެ. އަދި ، މަރިޔަމް ގެއިން ނުކުމެގެން ދިޔަ ޙާލަތުގައި އެނބުރި ގެޔަށް އައިކަމަށް ހީކުރާކަމުގައި ޚާނަމް ބުންޏެވެ. އަދި ، ޙަޔާއަށް ގޮވާލައި ، މަރިޔަމްގެ ކޮޓަރިޔަށް މަރިޔަމް ގެންދިއުމަށް އެންގިއެވެ. މާދަމާއަކީ ، ނޮރޭޒާއެކީ ، މަރިޔަމްގެ ކައިވެނި ކުރެވޭ ދުވަސްކަންވެސް ، ޚާނަމް ހަނދާން ކޮށްދިނެވެ.

މަރިޔަމް ގޮވައިގެން އޭނާގެ ކޮޓަރިޔަށް ދާން ، ޙަޔާ ހިނގައިގަތުމާއެކީ ، މީރަބް މަރިޔަމަށް ގޮވައިލިއެވެ. އެހެނަސް ، މަރިޔަމް އަޅައިނުލާ ، ޙަޔާއާ އެކުގައި ކޮޓަރިޔަށް ދިޔައެވެ.

މަލިކު ޒުބޭރުގެ ގަޔަށް ކިތައް އުންޑަ ފޮނުވައިލިންތޯ ، މުރުތަސިމާ ޚާނަމް ސުއާލު ކުރިއެވެ.

" މަންމާއެވެ ! ބޭބެޔަކު ދިޔައީ ، އޭނާގެ ކޮއްކޮ ސަލާމަތް ކުރުމަށެވެ. " މުރުތަސިމް ބުންޏެވެ.

ދުޝްމަނެއްގާތަށްގޮސް ، މުރުތަސިމް އެއައީ ބަލިވެގެންކަމަށް ޚާނަމް ބުންޏެވެ. މަރިޔަމް ސަލާމަތުން ނުގެނެވުނުނަމަ ، ބަލިވީ ކަމަށާއި ، ކޮއްކޮއަކަށްޓަކައި ، މަލިކު ޒުބޭރުގެ ކުރިމަތީ ބޯގުދުކޮށްލުމަކީ ބަލިވުން ނޫންކަމަށް މުރުތަސިމް ބުންޏެވެ. ބަލިވީ އޭނާގެ އަމިއްލަ ގޭގައިކަމަށްވެސް މުރުތަސިމް ބުންޏެވެ. އެއީ ، މީރަބަށް ނިސްބަތްކޮށް މުރުތަސިމް ބުނި ވާހަކައެއްކަން މީރަބަށް އެނގެއެވެ.

އެހެންކަމަށް ވަންޏާ ، އެ އަންހެނާ ދާނެތާކަށްދާން ފޮނުވައިލަން ޚާނަމް ބުންޏެވެ. އަދި އެ އަންހެނާގެ ކިބައިން މުރުތަސިމް ސަލާމަތްވުމަށް ބުނެ ، މުރުތަސިމާ ދިމާލަށް ޚާނަމް ހަޅޭއްލަވައިގަތެވެ. މުރުތަސިމާ ދިމާލަށް ހަޅޭއްލަވައިގަތުމަށްފަހު ، ޚާނަމް އެތަނުން ނުކުމެގެން ދިޔައީ ، މީރަބާ ދިމާލަށް ދެލޯއަޅަމުންނެވެ. އަންވަރުވެސް އެތާ ހުރުމަށްފަހު ، މުރުތަސިމާއި މީރަބް އެކަނި ބައިތިއްބާފައި އެތަނުން ނުކުމެގެން ދިޔައެވެ.

މުރުތަސިމްގެ ހިތަށް ތަދުވެގެން ހުރީ ރޮވިފައެވެ. މުރުތަސިމްގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

" މީރަބް އެވެ ! ހިނގާށެވެ ! " އެންމެފަހުން ، މުރުތަސިމް ބުންޏެވެ.

މީރަބް ހުރީ ގަބުވެފައެވެ. އަނެއްކާވެސް ، ހިނގާށޭ ބުނެ ، މީރަބާ ދިމާލަށް މުރުތަސިމް ބަލައިލިއެވެ. މީރަބް އެއްޗެކޭ ބުނަން އަނގަހުޅުވައިލުމާއެކީ ، އެއްވެސް އެއްޗެކޭ ނުބުނުމަށް މުރުތަސިމް ބުންޏެވެ.

މީރަބް ގުޑައިނުލުމުން ، މީރަބްގެ އަތުގައި ހިފައިގެން ގެންގޮސް ކާރަށްއަރުވައި ، ކަރާޗީއަށް ދާން މުރުތަސިމް ނައްޓައިލިއެވެ.

ކަރާޗީއަށް ، ވައްޤާސްގެ ގޭގެ ދޮރުމައްޗަށް މީރަބް ގެންގޮސް ކާރު ހުއްޓައިލުމަށްފަހު ، މީރަބަށް ކާރުގެދޮރު ހުޅުވައިލަ ދިނެވެ.

" މިދުވަސް އަތުވެދާނެ އެއްވެސްކަމެއް ނުކުރުމަށް މީރަބަށް އަހަރެން ހަނދާން ކޮށްދިނިން ދޯއެވެ ؟ މީރަބް ތިކުރީ ، ކުރިންވެސް އަހަރެން ބުނެފައި އޮތްގޮތަށް ، އަހަރެންނަށް ބަރުދާސްތު ކުރެވޭފަދަ ޢަމަލެއް ނޫނެވެ. " މުރުތަސިމް ބުންޏެވެ.

ކާރުން ފައިބަންވެސް ނޭނގި ގަބުވެފައި އިންދާ ، މީރަބްގެ އަތުގައި މުރުތަސިމް ހިފައި ގަދަކަމުން ކަހަލަ ގޮތަކަށް ނެރެ ، މީރަބް ، ކާރުން ބޭލިއެވެ.

" މީރަބަށް ޙައްޤު މިނިވަންކަމަށް ، މީރަބަށް މަރުޙަބާއެވެ ! " މުރުތަސިމް ބުންޏެވެ.

މުރުތަސިމް އެހެން ބުނުމަށްފަހު ، އިރުކޮޅަކުވެސް މަޑުކޮށްނުލައި ، ރުޅިވެރިކަމާއެކީ ބާރުބާރަށް ހިނގާފައިގޮސް ، ކާރަށް އަރައި ، ގޭގެ ދޮރުމައްޗަށް މީރަބް ދޫކޮށްލުމަށްފަހު ، ބާރުބާރަށް ކާރު ދުއްވައިލިއެވެ.

މީރަބްހުރީ ، ރޮވިފައެވެ. ހަދާނެގޮތް ބޮޑުވެފައެވެ. އޭނާގެ އެއްވެސް ކުށެއް ސާބިތުވާން ނެތް ޙާލަތެއްގައި ، ނޭނގުމެއްގެ ތެރޭގައި ، މަރިޔަމްގެ ލޯބި އޭނާއަށް ހޯދައިދިނުމަށްޓަކައި ، އަދި ޚާއްޞަކޮށް ، އަނަސްއާއި މަރިޔަމަށް ވީ ވަޢުދު ފުއްދައިދިނުމަށްޓަކައި ކުރެވުނު ޖިހާދުގައި އޭނާ އެވަނީ ބަލިވެފައެވެ. މީރަބްގެ ހިތަށް އެންމެ އުނދަގޫވެ ، ތަކްލީފުން ފުރި އެހިތް ކުދިކުދިވެގެން ދިޔައީ ، މުރުތަސިމްގެ ކުރިމަތީ ، އޭނާގެ އަގެއް ނެތް ޙާލަތެއް ކުރިމަތިވެގެން ދިއުމުންނެވެ. އެކަމުގައި ޙަޔާގެ ޙިލަތްތެރި ރޭވުމެއް އޮތްކަން ، އެއްވެސްމީހަކަށް ނޭނގެއެވެ. އެކަން ސާބިތުކޮށްދިނުމަށްޓަކައި ، މީރަބަށް އެއްވެސް ފުރުޞަތެއް ނުލިބެއެވެ. ކުރާނެކަމެއް ނެތެވެ.

މުރުތަސިމްގެ ހިތުގައި ފުރަތަމަ އުފެދުނީ ، ފޮޓޯގްރަފީއަށް އޮތް ލޯތްބެވެ. ދެވަނަޔަށް އުފެދުނީ މީރަބްގެ މައްޗަށް މުރުތަސިމްގެ މައްޗަށް އޮތް ޚާއްޞަ ލޯތްބެވެ. އެ ލޯބި ، އޭނާގެ އަތުން ބީވެގެން ދާނެ އެއްވެސް ކަމެއް ނުކުރުމަށް ، މުރުތަސިމް އޮތީ މީރަބްގެ ކިބައިން އެދިފައެވެ. އަދި ، އެ ލޯބި އޭނާއަށް ގެއްލިއްޖެނަމަ ، އޭނާއަށް ކެތްނުކުރެވޭނެކަމަށްވެސް ، އޮތީ ބުނެފައެވެ. އެކަމަކު ، ކޮންމެފަދަ ޙާލަތެއް ކުރިމަތިވެގެން ކަމަށްވިޔަސް ، މުރުތަސިމަށް އޭނާގެ ދެވަނަލޯބި އެއޮތީ ގެއްލިފައެވެ. މުރުތަސިމް އެފަދަ ކަމެއް ނުކުރަން މުރުތަސިމް ރޮމުން އާދޭސް ކޮށްކޮށް އޮއްވައި މީރަބަށް ކުރެވުނު ކަމަކުންނެވެ. މީރަބްގެ ކުށެއްނެތި ނޭނގުމެއްގެ ތެރޭގައެވެ. އެކަމަށް މީރަބަށް މަޢާފު ލިބުމަކީ ، ވެދާނެކަމެއްކަމެއްވެސް ނޭނގެއެވެ. މީރަބަށް ، އެހިސާބުން އެވަނީ ، އޭނާގެ ޙަޔާތުން މުރުތަސިމް ގެއްލިފައެވެ. މުރުތަސިމް އަދާކުރަމުން ގެންދިޔައީ ހަމައެކަނި ، މީރަބްގެ ފިރިއެއްގެ ވާޖިބެއްނޫނެވެ. މުރުތަސިމަކީ ، މީރަބްގެ ކޮންމެ ހިތާމައެއްގައި އަދި ކަންބޮޑުވާ ކޮންމެ ޙާލަތެއްގައި ، އޭނާއާ އެންމެ ގާތުގައި ހުންނަ އެހީތެރި އެކުވެރިޔާއެވެ. މީރަބްގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.