
ށ. ފޭދޫގެ ރައްޔިތުންނަށް އެންމެ މުހިންމީ، ތަޢުލީމީ ދާއިރާއިން ރަށަށް އަންނަންޖެހޭ ތަރައްޤީއާގުޅޭ މަޝްރޫޢު ނިންމުން ކަމަށާ، ރަށުގައި މިވަގުތު ކުރަން ހުރި ހުރިހާ ކަމެއްގެ ތެރެއިންވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، އެކަން ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ށ. ފޭދޫގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ޔަޤީންކަންދެއްވާފައި ވަނީ، ށ. ފޭދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ސްކޫލު ތަރައްޤީ ކުރުމުގެ މަޝްރޫޢު މަޑުޖެހިފައި އޮންނަތާ 2 އަހަރެއްހާ ދުވަސްވެފައިވާއިރު، މިދިޔަ ދުވަސްތަކުގައި ސަރުކާރުން މަސައްކަތްކުރެއްވީ ހެދިފައި އޮތް އެއްބަސްވުމުގެ ތެރެއިން މަޝްރޫޢު ކުރިއަށް ގެންދެވޭނެ މަގެއް ހޯއްދެވުމަށް ކަމަށާ، ނަމަވެސް އެ ދުވެލީގައި ކުރިއަށް ދިއުމަކީ ޤަބޫލުފުޅުކުރައްވާ ގޮތް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށްފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ބާރު ދުވެލީގައި މިމަސައްކަތް ފައްޓަވައި، ރަށުގައި ކުރަން ހުރި ހުރިހާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ކުލާސްރޫމްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންގޮސް، ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ހަމަމިއާއެކު ރަށުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ އެދުމާ އެއްގޮތަށް މޫދަށް އެރޭނެ ސަރަޙައްދެއް ތަރައްޤީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްޤީކުރުމާއި މަގު ހެދުން ފަދަ މަޝްރޫޢުތައް ގުޅިލާމެހިފައިވާ ގޮތެއްގައި، ކުރިއަށްގެންގޮސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ށ. ފޭދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައެވެ. މި މަޝްރޫޢުތަކަކީ ރަށުގެ ރައްޔިތުންނަށް ނުހަނު މުހިންމު މަޝްރޫޢުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރަށުގެ ޞިއްޙީ މަރުކަޒުން 24 ގަޑިއިރުގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުވައްޒަފުން ހޯދުމުގެ ކަންކަން ހަމަޖެހި، ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ތަރައްޤީކުރަންޖެހޭ އެކްސްޓެންޝަން ޢިމާރާތުގެ ކަންކަންވެސް ހަމަޖެހިގެންދާނެކަމުގެ ޚަބަރު، އެމަނިކުފާނު ވަނީ ށ.ފޭދޫގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ކުޅިވަރުގެ ދާއިރާއިން މިއަހަރު ތެރޭގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް ފައްޓަވައި، ފުޓްސަލް އަދި ފުޓުބޯޅަ ދަނޑަށް ގެންނަންޖެހިފައި ހުރި އިތުރު އަޕްގްރޭޑްތައް ގެނެސްދެއްވާނެކަމުގައި އެމަނިކުފަނު ވިދާޅުވިއެވެ. ހަމަމިއާއެކު ރަށުގެ އިންޖީނުގެ، އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ ކަންކަންވެސް ކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، މިއަހަރު ތެރޭގައި ފުލުހުންގެ މަރުކަޒު އަޅަން ހަމަޖެހިފައިވާ ރަށްރަށުގެ ލިސްޓުގައި ށ. ފޭދޫ ހިމެނޭ ކަމަށާ، ޗައިނާގެ ހިލޭ އެހީގެ ދަށުން ކައުންސިލް އިދާރާ އިމާރާތްކުރާ ރަށްރަށުގެ ލިސްޓުގައިވެސް ށ.ފޭދޫ ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ށ. ފޭދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށުގެ ގިނަ ރައްޔިތުންތަކަކާ ބައްދަލުވެވަޑައިގެން، ވާހަކަތައް ހިއްސާކުރައްވާފައިވާކަން ފާހަގަކުރައްވައި، ރައްޔިތުންގެ އިޙްސާސްތަކާއި ވިންދާ ގުޅޭ ގޮތަށް، ފޭދޫގެ ކަންކަން ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވަމުންނެވެ.