އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ: މެޑަމް ސާޖިދާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނަށް، ހަމަހަމަ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށާއި އެކުދިންގެ އަޑު އަހައި، އިހުތިރާމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އެކަމަނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިން ދައްކުވައިދެމުންދާ ހިއްވަރާއި ތޫނުފިލިކަމާއި އޯގާތެރިކަން ފާހަގަކުރައްވައި، އެކުދިންނަކީ މުޖުތަމަޢުތަކުގައި އީޖާދީ ވިސްނުމާއެކު އިސްނަގައިގެން ހަރަކާތްތެރިވާ، އަދި މުސީބާތުގެ ވަގުތުތަކުގައިވެސް ގަދައަޅައި މަސައްކަތްކުރާ، ވިލުންތެރިކަން އޭގެ ހަޤީޤީ މާނައިގައި ދައްކުވައިދޭ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަދި އަންހެން ކުދިން ތަޢުލީމު ހާސިލުކޮށްގެން މާނަހުރިގޮތެއްގައި މުޖުތަމަޢުތަކަށް ޚިދުމަތް ކުރެވޭނެފަދަ މާޙައުލުތަކެއް ބިނާކުރުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހަކީ އަންހެންކުދިންގެ ހައްޤުތައް ބަލައިގަނެ، އެ ކުދިންގެ ބާރުވެރިކަމަށް މަސައްކަތްކުރުމަށްޓަކައި އ.ދ. އިން ކަނޑައަޅައިފައިވާ ދުވަހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.