
ދިރާގުގެ ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކުރުން ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ހާއްސަ ހަފްލާ ބާއްވައިފިއެވެ.
މިއީ ރާއްޖޭގެ މުވާސަލާތީ ކުންފުންޏަކުން މިފަދަ ކަމެއް ހާސިލްކުރި ފުރަތަމަ ފަހަރެވެ.
މި ހާއްސަ އިވެންޓްގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިހުސާންގެ އިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް، ޠާރިޤު އިބްރާހީމް އަދި ސަރުކާރުގެ އިސް ވެރިންނާއި ސިޓީ ކައުންސިލްގެ މެންބަރުންނާއި އެހެނިހެން ހާއްސަ ފަރާތްތައް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މީގެ އިތުރުން މި އިވެންޓްގައި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑާއި ސީނިއަރ މެނޭޖްމަންޓް އަދި މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ކާމިޔާބީއާ އެކު ދިރާގުން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މުވާސަލާތީ ޑޭޓާ ނެޓްވޯކް ގާއިމްކޮށްފައެވެ. މިއީ، ބޮޑެތި އަދި ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިން ވެސް ވަރަށް މަދު ގައުމަކަށް ހާސިލުކުރެވިފައިވާ ކަމެކެވެ. މީގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލް ގޮތުން އިތުރަށް ބާރުވެރި މުޖުތަމައުތަކެއް ބިނާވެ، އެ ފަރާތްތައް ޑިޖިޓަލް މުސްތަގުބަލުގައި ކުރިއެރުމުގެ ފުރުސަތުތައް ފުޅާވެގެންދާނެއެވެ. އަދި މިއީ ސަރުކާރުން ދިވެހިރާއްޖެ "ސްމާޓް ނޭޝަން" އެއްގެ ގޮތުގައި ގާއިމުކުރުމާއި މުޅި ރާއްޖޭގައި އިންޓަނެޓް ހިދުމަތުގެ ފެންވަރު މަތިކޮށް، އަގު ހެޔޮކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެއް ވެސް މެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިހުސާން ވިދާޅުވީ، "ހަގީގީ ދިވެހިރާއްޖޭގެ ގުޅުން ގާއިމްކޮށްފައިވާ ފުރުތަމަ އަދި ހަމައެކަނި ކުންފުންޏަކީ ދިވެހިރާއްޖޭގެ ގުޅުން، ދިރާގު. އަދި، މުޅި ރާއްޖޭގަ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދީ ނިންމައި، މި ފަހުރު ދިވެހިރާއްޖެއަށް ހޯދައިދިން ކުންފުންޏަކީ ވެސް ދިރާގު. ދިރާގުން ހާސިލްކުރި މި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަމުގައި، އަދި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ދިރާގަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން."
"ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ދިރާގު ހައިސްޕީޑް ބްރޯޑްބޭންޑް ޚިދުމަތް ދީ ނިންމާލައިފައި މިވަނީ އެކަމަށް ދުރާލާ ޕްލޭން ކޮށް ގިނަ އިންވެސްޓްމެންޓްތަކަކާއި އެކު ގިނަ މަޝްރޫޢުތަކެއް ހިންގައިގެން. މީގެ ތެރޭގައި ބޭރު ގައުމުތަކާއި ރާއްޖެއާއި ދެމެދުވާ ގުޅުން، ވަރުގަދަކުރުމަށް ހިންގުނު ސަބްމެރީން ކޭބަލް ޕްރޮޖެކްތަށް އަދި ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް ދިރާގުން އަޅައިފައިވާ ސަބްމެރީން ކޭބަލް ޕްރޮޖެކްޓްތައް، އަދި މައި ނެޓްވަރކްގެ ކެޕޭސިޓީ އާއި ފެންވަރު ރަގަޅުކުރުމަށް ހިންގުނު ޕްރޮޖެކްޓްތަކާއި މީހުން އުޅޭ ރަށްތަކުގައި ފައިބަރ ނެޓްވަރކް އެޅުމަށް ފޭސްތަކަކަށް ބަހައިލައިގެން ހިންގުނު ޕްރޮޖެކްޓްތައް ހިމެނޭ. އަޅުގަނޑުމެންގެ މި ތަސައްވަރު ހަގީގަތަކަށް ހެދުމަށް ދިރާގުގެ މުވައްޒަފުން، ޕާޓްނަރުން އަދި ސްޓޭކްހޯލްޑަރުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުދަންނަވަން،" ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ، އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި ވޭތުވެދިޔަ 37 އަހަރު ތެރޭގައި ދިރާގުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ހައްލުތަކެއް ފޯރުކޮށްދެމުންނެވެ.