
އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ 10 ރަށް ކަމަށްވާ، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފިޅުގައި އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، ތަރައްޤީގެ މަސައްކަތްތައް ފައްޓަވައި، ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް އެމަނިކުފާނު ވަނީ ފައްޓަވައިދެއްވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ ބައެއް މަޝްރޫޢުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ސިއްޙަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި މަޝްރޫޢުތައް ފައްޓަވާފައިވެއެވެ. އަދި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ތަރައްޤީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ.
މުޅި ރާއްޖެއަށް އަމާޒުކުރައްވައިގެން އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ މަޝްރުޢުތަކާއި، ނިންމަވަން ގަސްތުކުރައްވާ ބައެއް ކަންކަމުގެ ތަފްސީލުތައްވެސް އެމަނިކުފާނު ވަނީ މި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، ރާއްޖޭގައި ހުރި އެކި މައްސަލަތައް ހައްލުކުރުމަށް ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، މި އޮކްޓޫބަރު މަހު ފެށުނު މަޖިލީހުގެ ދައުރަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައިވެސް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. އަދި ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވަން އެދިވަޑައިގަންނަވާކަމަށާ، މިކަމުގައި ހުރިހާ ފަރާތްތަކަކުންވެސް ޝާމިލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވެވީވެސް މި ދަތުރުފުޅުގެ ތެރޭގައި ރައްޔިތުންނާ މުޚާޠަބުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކޮށް ނިންމެވީވެސް އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި މިދަތުރުފުޅުގެތެރޭގައެވެ. ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށިގެން ދިޔައީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް، އޮކްޓޫބަރު 7 ވަނަ ދުވަހުގެ ރޭ، ފައްޓަވައިދެއްވުމާއެކުގައެވެ.
ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ، މުހިންމު ސިޔާސަތެކެވެ. ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނަސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކަމަށް ވާއިރު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީވެސް މި ސަރުކާރުން އަހުމިއްޔަތުކަންދޭ ސިޔާސަތެކެވެ.