3 October 2025 (Friday)

ފަތުރުވެރިކަން ތަރައްޤީކުރުމުގައި ރާއްޖޭގެ ޤުދުރަތީ ރީތިކަން ހިމާޔަތްކުރުމަށް ރައީސް އެދިވަޑައިގެންފި

ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކުރުމުގައި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިއަށްދިއުމަށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ އެންމެހައި ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މި އިލްތިމާސްކުރައްވާފައިވަނީ، ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައެވެ.

މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަތުރުވެރިކަމުގެ ސިނާޢަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ޝުކުރުއަދާކުރައްވާފައެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި ވަނީ، މި ވޭތުވެ ދިޔަ 53 އަހަރު، ރާއްޖޭގެ ފަތުރުވެރިކަން ދަމަހައްޓައި ކުރިއެރުވުމުގައި ބައިވެރިވި ޚިދުމަތްތެރީންނަށް ޝުކުރުއަދާކުރައްވައި، ދިވެހިވަންތަ، ރީތި ސިފަތަކާއި، ދިވެހި ވެށީގެ ޗާލުކަމާއެކު، ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ފުޅާވެ، ދިވެހި ޤައުމަށް އިތުރު ތަރައްޤީއާއި ތިޔާގިކަން ލިބުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގިނަ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމާއި، ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، ޢުމްރާނީ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ރަށްރަށުގެ ޤުދުރަތީ ރީތިކަން ހިމާޔަތްކުރެވޭނޭ ގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުން ހިމެނެއެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ، 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު، "ކުރުނބާ ވިލެޖް"ގެ ނަމުގައި، މާލެއަތޮޅު ވިހަމަނާފުށީގައި ރާއްޖޭގެ ފުރަތަމަ ރިޒޯޓް ހުޅުވި ދުވަހާ ގުޅުވައިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.