ބައިނަލްއަޤުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފި

ބައިނަލްއަޤުވާމީ އިސްރަށްވެހިންގެ ދުވަހާއި ގުޅިގެން 01 އޮކްޓޯބަރ ވީ ބުދަ ދުވަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ، އެޗްޑީސީ، ދިވެހި ފުލުހުންގެ ޚިދުމަތް އަދި އުރީދޫ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި 'އިސްރަށްވެހިންގެ ހަވީރު' ގައި ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން، ބޯވަޅު ހެދުމާއި ރާޒުވާއާއި އޮށްވަޅުގޮނޑިއާއި ކެރަމް އަދި ފަސްއޮށް ކުޅުމާއި، ފަން ވިޔުންފަދަ ދިވެހިންގެ ތަފާތު ސަގާފީ ހުނަރުވެރި މަސައްކަތްތަކާއި، ކުޅިވަރުތައް މި ހަވީރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަވީރުގައި ބައިވެރިވި ހުރިހާ އިސްރަށްވެހިން ވެސް ވަނީ ވަރަށް މަޖާ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

މީގެ އިތުރުން، އިސްރަށްވެހިންގެ ހުނަރުތައް ދައްކާލުމުގެ ގޮތުން ތަފާތު ސްޓޭޖް ހަރަކާތްތައްވެސް ވަނީ މި ހަވީރުގެ ތެރެއިން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، މަދަހައާއި ބަންޖާއި، ދުވަހާ ގުޅޭ ވަރަށް ޚާއްސަ ލަވައެއްގެ އިތުރުން، ފަރިއްސާއި ރައިވަރު ކިޔުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ޚާއްސަ ހަވީރުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވެސް ވަނީ ބައިވެރިވެވަޑައިގެން، މި ހަވީރުގައި އިސްރަށްވެހިން ކުރިއަށް ގެންދިޔަ ތަފާތު ހަރަކާތްތަކާއި އައިޓަމްތައް ބައްލަވާލައްވާ، އެފަރާތްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދެވުނު މި ހަވީރަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. 'އިސްރަށްވެހިންގެ ހަވީރު' ގައި ގިނަ އަދަދެއްގެ އިސްރަށްވެހިންނާއި އެފަރާތްތަކުގެ ޢާއިލާތައް ބައިވެރިވެފައިވާއިރު މި ހަރަކާތް ވެގެންގޮސްފައިވަނީ އެންމެންގެ މޫނު މައްޗަށް ހިނިތުންވުން ގެނުވި އަދި ހިތްތަކަށް އުފާވެރިކަން ގެނުވި ހަވީރަކަށެވެ.

ހަމައެހެންމެ، ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް މި ވުޒާރާއިން ވަނީ 07 އަތޮޅެއްގައި 'އުފާވެރި ރާސްތާ' ޕްރޮގްރާމް ހިންގާފައެވެ. އެގޮތުން، މި ޕްރޮގްރާމު ހިންގާފައިވަނީ ލ.މާމެންދޫ، ގއ.ދާންދޫ، ހދ.ކުރިނބީ، ށ.މިލަންދޫ، ރ.އިނގުރައިދޫ، ކ.ތުލުސްދޫ އަދި ހއ.ކެލާގައެވެ.

މި ޕްރޮގްރާމުގެ މަޤުޞަދަކީ އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ.

އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ޚިޔާލު ބަދަލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.