
މާލޭގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، މަގުމަތީގައި ވެހިކަލް ޕާކު ކުރުމެވެ. ޚާއްސަކޮށް ސައިކަލު ޕާކުކުރުމެވެ. މާލެވަރުގެ ރަށެއްގައި ދުއްވަން ގެންގުޅެވޭނެ ވަރަށް ވުރެ އެތައް ގުނައެއް ވެހިކަލްތައް އިތުރުވެފައިވާކަމަށް ކަމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ.
އެހެންކަމުން ރަސްމީކޮށް ޕާކުކުރުމުގެ ހުއްދަ ބޯޑު ބަހައްޓާފައި ހުންނަ ތަންތަނުގައި ޕާކުކުރާ ވަރަށް ވުރެ އެތައް ގުނައެއް އިތުރަށް "ހުއްދަ ނޯންނަ" ސަރަހައްދުތަކުގައި ޕާކުކުރެއެވެ. އަދި ހަމަ އެއާ އެކު "ޕާކްކުރުން މަނާ" ސަރަހައްދުތަކުގައި ޕާކުކުރާ އަދަދު ވެސް އިންތިހާއަށް އިތުރެވެ. މަނާ ނުވަތަ ހުއްދަ ނޫން ސަރަހައްދުތަކުގައި، ބައެއް މީހުން ޕާކު ކުރަނީ ކޮންމެހެން މަނާކަމެއް ކުރުމުގެ ނިޔަތުގައި "ގަޓު"ހުރިކަން ދައްކާކަށެއް ނޫނެވެ. ޒަރޫރީ ހާލަތަކަށް ޓަކައެވެ. މިއީ، ނުގަވާއިދުން ޕާކުކުރުމަށް ހިތްވަރު ދިނުމަށް ބުނި ބަހެއް ނޫނެވެ. އެކަމަކު ގަބޫލުކުރަންޖެހޭ ހަގީގަތުގެ މައްޗަށް ބުނި ބަހެކެވެ.
ޕާކުރުން ހުއްދަ ސަރަހައްދުތަކާއި އަދި ޕާކުކުރުން ހުއްދަނޫން ނަމަވެސް، އާންމުކޮށް ޕާކުކޮށް އުޅޭ "މަނާ ނުކުރާ" ސަރަހައްދުތަކުގައި ވެސް "ޕާކް ކުރުން މަނާ" ކޯނު ބަހައްޓައި ރީނދޫފީތާ ދެމުމަކީ، ދޭތެރެދޭތެރެއިން ފުލުހުންނާއި ސިޓީ ކައުންސިލުން ކުރައްވާ ކަމެކެވެ. އާންމުކޮށް ސިޓީ ކައުންސިލުން ޕާކުރުން މަނާ ބޯޑު ބަހައްޓަވަނީ، މަސައްކަތެއް ކުރުމަށް ޓަކައި އެ ވަގުތުކޮޅަށް އެކަންޏެވެ. ނަމަވެސް ފުލުހުން ޕާކުރުން މަނާ ފީތާ ދެންމެވުމުގައި ތަފާތު ގޮތްތަކެއް ގެންގުޅުއްވާކަން ފާހަގަކުރެވެއެވެ. ދަންމަވާ ފީތާ ނުނަންގަވާ އެތައް ދުވަހެއްވެ، ފީތާތައް އެ ގޮތް މި ގޮތަށް މުޅި ސަރަހައްދުގައި އެނބުރޭއިރު ވެސް އަޅައިލެއްވުމެށް ނޯވެއެވެ. އެކަމަކު ޚާއްސަ ސަރަހައްދުތަކުގައި މިހެން ނުވާނެކަމަށް ގަބޫލުކުރެވެއެވެ.
ދާދިފަހުން ފާހަގަކުރެވުނު ކަމެއް ހިއްސާކޮށްލާނަމެވެ. މިދިޔަ އޮގަސްޓު މަހުގެ 24ވަނަ ދުވަހަކީ، ރާއްޖޭގެ މި އަހަރުގެ ގައުމީ ދުވަހެވެ. އެ ދުވަހަށް ޓަކައި، ބޮޑުތަކުރުފާނު ޒިޔާރަތް ހިސާބަކަށް "ކޮޅައި
މަދަންއެޅުން" އޮތެވެ. ތެދުތެދަށް ދަންނަވާ ނަމަ، އެ ޒިޔާރަތަކީ، ރާއްޖޭގެ އެންމެ އިސް ގައުމީ ބަތަލުކަމުގައިވާ ޣާޒީ ރަދުންގެ ޒިޔާރަތަށް ވީ ނަމަވެސް، ފަހަކަށް އައިސް މިދިޔަ ސަރުކާރުތަކުގައި ވެސް މާބޮޑު

ސަމާލުކަމެއް ދެވުނު ތަނެއް ނޫނޭ އަޅުގަނޑު ދަންނަވައިފިއްޔާ އެކަމަށް ހެކިވާނެ އެތައް ބަޔަކު ތިބޭނެއެވެ. އަދި އަޅުގަނޑުގެ ފޭސްބުކު ސޮފުހާތަކުން ވެސް އެކަން ދޭހަވާން ހުންނާނެއެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ދޭތެރެދޭތެރެއިން އަޑުތަކެއް ފެތުރުމުން ކޮންމެ ވެސް ކަމެއްކޮށްލައްވައިތަން ފެނެއެވެ. މިއީ މިއަދުގެ އަޅުގަނޑުގެ މައުލޫއެއް ނޫނެވެ. މާފުކުރެއްވުން އެދެމެވެ.
މިއަހަރުގެ ގައުމީ ދުވަހަށް ބޮޑުތަކުރުފާނު ޒިޔާރަތުގެ ބައެއް މަސައްކަތްތައް ފެށުނީ، އޮގަސްޓު 21ވީ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހަށް ޓަކައި ފުލުހުން ފުރަތަމަ ކުރެއްވިކަމަކީ، އެ ޒިޔާރަތުގެ މައިދޮރާ ދިމާގައި ހަދާފައިވާ ރޭމްޕްގެ ކުރިމަތީގައި، "ޕާކުކުރުން މަނާ"ދެ ކޯނު ބަހައްޓައި ފީތާއެއް ދެންމެވުމެވެ. ނަމަވެސް ޕާކުކުރާ މީހުންނަށް އެއީ މާބޮޑު "ކަމަކަށް" ނުވިއެވެ. އެކި ފަހަރު އެކި މީހުން ކޯނުތައް ދުރަށް ޖައްސަމުންޖައްސަމުން ގެންގޮސް ޕާކު ކުރުމަށް "ހުޅުވައިލައި" ޕާކުުކުރަން ފެއްޓިއެވެ. އޭގެ އަނެއް ދުވަހު ދަގަނޑު ހުރަހެއް އަޅައިގެން ދޮރުމަތީގެ ސަރަހައްދުގައި ޕާކު ނުކުރެވޭ ގޮތް ހެއްދެވިއެވެ. ފަހުން ފެނުނީ، ޒިޔާރަތާއި ބިހުރޯޒު މިސްކިތް ހިމެނޭ މުޅި ސަރަހައްދު، ނީލޯފަރު މަގުން ފެށިގެން، ރަށްދެބައި މަގުގައި ވެސް ކޯނު ޖަހައި "ޕާކްކުރުން މަނާ" ފީތާ ދެންމެވިތަނެވެ. ހަމައެކަނި ޒިޔާރަތުގެ ސަރަހައްދުގައި ކުލަލުމަށް ޓަކައެވެ. އުސް އެތައް އިމާރާތްތަކެއް ހިމެނޭ އެ ސަރަހައްދުގައި ޕާކުކުރުމަށް އޮތް ޖާގަ އެއްވެސް ބޭނުމަކާ ނުލައި "ހިސޯރުކޮށްލެއްވީ"އެވެ. ކަމުގެ މަގުސަދެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ކަމާބެހޭ ވުޒާރާއިން އެދިވަޑައިގަތް މިންވަރަށް ނޫންކަމެއް ވެސް ނޭނގެއެވެ.
ހަމަ ޔަގީނުން ވެސް މިހާ ބޮޑު ސަރަހައްދެއް ބަންދުކޮށްލެއްވުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ދަތިވާނެއެވެ. މިހާރު މިފަދަ ކަންކަން މީހުން ބަލައިގަންނަނީ ވެސް ގާނޫނު ތަންފީޒުކުރައްވާ ފަރާތްތަކުން

ތަންފީޒު ކުރައްވާ ފެންވަރުގައެވެ. ހިތަށްއެރި ފަހަރަކު އަމަލުކުރާ ގޮތަށެވެ. މިދެންނެވި ފީތާ ދެންމެވި ދުވަހު ހިސާބެއްގެ ހާއެޅުމެއް އެ ސަރަހައްދުން ފެނުނު ނަމަވެސް ބައެއް މީހުން މާބޮޑު ސަމާލުކަމެއް ނުދެއެވެ. ފީތާ ދަންމަވާފައި ހުއްޓައި ޕާކުކުރަން އުޅުނު ދެ މީހެއް ގާތު ޓޯކޮށްފާނެއޭ ބުނެލީމެވެ. އެކަކު އެހެންހޭ ކިޔާފައި އެހެންދިމާއެއްގައި ޕާކުކުރަން ދިޔައެވެ. އަނެކަކު ކަހައިތަން ހިރުވައިވެސް ނުލައި ފީތާފަށް ހިއްލައިލާފައި ޕާކުކޮށްލީއެވެ.
"ޕާކްކުރުން މަނާ" ފީތާފަށް ދަންމަވައިލެއްވުން ފިޔަވައި ކުރެއްވިކަމެއް ނެތެވެ. ހެސްކިޔާފައި ޕާކުކޮށް ފީތާފަށް ކަނޑައި ކޯނުތައް އެ ގޮތް މި ގޮތަށް ޖައްސަމުން ދިޔަކަން، ކަމާ ބެހޭ ފަރާތަށް "އެނގުމެއް ވެސް

ނުވި" އެވެ. އަދި ފަހުން އެ ސަރަހައްދުގައި "ޕާކްކުރުން މަނާ" ފީތާ ދެންމެވިކަން ހަނދުމަފުޅު ހުރި ބަޔަކު ވެސް ކަމާ ބެހޭ މުއައްސަސާގައި ހުންނެވި ހެނެއް ހިއެއް ނުވެއެވެ. މިހެން މިދެންނެވީ އޭގެ ފަހުން ވިއްސަކަށް ދުވަހަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް ކޯނުތަކާއި ކޯނުގައި ހަރުކުރާ ދަގަނޑުތަކާއި ފީތާތައް ވެސް މުޅި އެ ހިސާބުގައި އެނބުރެމުން ދިއުމުންނެވެ. ދައުލަތުގެ މުދަލުގެ ގޮތުން ކޯނާއި، ކޯނުގައި ހަރުކުރަން ހަދާފައި ހުރި ދަގަނޑުތައް ވާނީ ހަމަގައިމުގެ ރަޖިސްޓަރީ ކުރެވި ބެލެހެއްޓެން ޖެހޭނެ އެއްޗެއްސަށެވެ. އަޅުގަނޑު ބަލައިލި ބަލައިލުމުން އެތާ އޮތް ދެ ދަގަނޑާއި އަދި ފެންނަން ހުރި އެއްވެސް ކޯނަކުން ނަންބަރެއް ފާހަގައެއް ނުވިއެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލުން ދޫކުރާ ބޯޑުތަކުގައި ވެސް ނަންބަރެއް ޖަހާފައި ހުރެއެވެ. އެއީ، އެކަން ވާންޖެހޭނެ ވެސް ގޮތެވެ. މިވެނިތާކަށް ގެންދެވުނީ ކޮން ނަންބަރެއްގެ ބޯޑެއްކަން، ކޯނެއްކަން، ދަގަނޑެއްކަން، ހަވާލުވީ ކާކުކަން، ކިތައް ދުވަހަށްކަން އެނގެންވާނެއެވެ. އެހެން ނޫން ނަމަ، ޒިންމާއެއް، ބެލެހެއްޓުމެއް ކޮބައިތޯއެވެ. މި ހުންނަނީ އާދައިގެ ކަންކަމެއް ނޫނެވެ. ދައުލަތުގެ މުދަލަށް ވާނުވާ މިއަށް ވުރެ ރަނގަޅަށް ބެލެހެއްޓެން ވާނެއެވެ. މިކަންކަން އެންމެ ބޮޑަށް ބަލަހައްޓަވަން ޖެހޭ ފަރާތުން މި ގޮތަށް ކަންތައްތައް ކުރައްވާ ނަމަ، އެހެން މީހުންގެ ހާލަކީ ކޮބައިތޯއެވެ.
ދެން އޮތީ ވެސް ހަމަ އެފަދަ އެހެން ވާހަކައެކެވެ. މާލޭގެ ބައެއް ގޯޅިތަކަކީ ވެސް ޕާކުކުރުން މުޅިން މަނާ ގޯޅިތަކެވެ. ހަނިކަމާއި ވެސް އެކުގައެވެ. ނަމަވެސް

އަދި އެފަދަ ބައެއް ގޯޅިތައް އޮންނަނީ ހަތަރުފުރޮޅުލީ ތަކެތި ދުއްވުން މަނާ ކުރައްވައިފައެވެ. އެ ގޮތުން ފާހަގަކޮށްލެވޭ އެއް ގޯޅިއަކީ، ބޮކަރުމާ ގޯޅިއެވެ. އެއީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިމާރާތުގެ ދެކުނުން އޮންނަ ގޯޅިއެވެ. އެ ގޯޅިއަކީ، ދުއްވާ ތަކެތި ޕާކުކުރުން "މުޅީން މަނާ" ގޯޅިއެކެވެ. އެކަމަކު ކަން އޮތީ ދިމާ އިދިކޮޅަށެވެ. އެ ގޯޅިއަށް ވުރެ ގިނައިން ސައިކަލު ޕާކުކޮށްފައި ހުންނަ އެވަރުގެ އެހެން ގޯޅިއެއް އަޅުގަނޑެއް ނުދެކެމެވެ. އެއީ، ދެކޮޅަށް ދުއްވޭ ގޯޅިއެއް ވެސް މެއެވެ. އެ ގޯޅިއަށް ކިޔަން އަޅުގަނޑަށް ފަސޭހައީ، "ޕާކު ނުކުރުން މަނާ" ގޯޅިއެވެ. އެކަމަކު، ގޯޅީގައި ވެސް "ޕާކްކުރުން މަނާ" ދެ ބޯޑު ބަހައްޓާފައި ހުރެއެވެ. އެ ގޯޅި ކިތަންމެ ކުޑަވެފައި ހަނި ނަމަވެސް އެ ގޯޅީގައި ހުރި ހައެއްކަ ގޭގެތެރެއިން ގިނަ ގެތައް ހުރީ 5،6 ބުރިއަށް އުސްކޮށް އިމާރާތްކޮށްފައެވެ. އެއިން ކޮންމެ އިމާރާތެއްގައި އުޅޭ މީހުންގެ އެތައް ސައިކަލެއް ހުންނާނެއެވެ. އެ ސައިކަލުތައް ޕާކުކުރެވޭނެ ގޮތެއް ވެސް މާދުރުނޫން ހިސާބަކުން އޮންނަން ޖެހޭނެކަމަށް ގަބޫލުކުރެވެއެވެ. އެކަމަށް މި ވަގުތަށް ކުރެއްވޭނެކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ، އެ ގޯޅީގައި ޖައްސަވާފައިވާ "ނޯ ޕާކިންގ" ބޯޑުތައް ނެންގެވުމެވެ. އޭރުން ގައިމު ވެސް ޕާކުކުރާ ފަރާތްތައް ގަވާއިދާ ޚިލާފެއް ނުވާނެއެވެ. އޭގެ އިތުރުން އެކަން ބަލަހައްޓަވާ ފަރާތުން އަޅައިނުލައްވަނީ ކަމަކަށް ވެސް ނުވާނެއެވެ. މިނޫން ވެސް މިފަދަ އެތައް ގޯލިއެއް ތަނެއް އެބަހުއްޓެވެ.
މިފަދަ އެތައް ވާހަކައެއް ދައްކަން އެބަހުއްޓެވެ. އެތައް މުއައްސަސާތަކަކާ ބެހޭ ގޮތުން ވެސް މެއެވެ. އެކަމަކު، މިފަހަރު މި ވަގުތަށް ފުއްދައިލީއެވެ.