
ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓު އަމިއްލަ މީޑިއާތަކަށް ކަނޑައަޅުއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައި ވާ ގޮތަށް، ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް އިން މިއަދު ކުރެއްވި އިއުލާނުގައި ބުނެފައި ވަނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާ ކަމަށެވެ.
އިއުލާނުގައި ވާގޮތުން އެހީތެރިކަމަށް އެދި ހުށަހެޅުމަށްޓަކައި 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ 2 ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.
މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. އެގޮތުން ޕްރޮޕޯޒަލް ހުށަހެޅުމަށްޓަކައި ބޭނުން ކުރާނީ ވަންގަވް ގެ ތެރޭގައި ގާއިމު ކޮށްފައިވާ 'މީޑިއާއެޕް' https://mediaapp.one.gov.mv ކަމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ހާމަ ކުރައްވާފައެވެ.
ހިނގަމުން މިދާ 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ކަނޑައަޅާ ދައުލަތުގެ ބެޖެޓުގައި އަމިއްލަ މީޑިއާތަކަށް 0.1 ޕަސެންޓް ކަނޑައަޅުއްވާ ދެއްވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަ ކުރައްވާފައެވެ.
ސަރުކާރުން މަގުފަހިކޮށްދެއްވަނީ، މީޑިއާތައް ބާރުވެރިވެ މާލީ މިނިވަންކަން ލިބި ނުފޫޒުން އެއްކިވާބެފައި ވާ ޒިންމާދާރު މީޑިއާއެއް ހިނގަމުން ދިޔުމަށް ކަމަށް ވާއިރު، ދައުލަތުގެ ބަޖެޓުން ކަނޑައަޅާ މިދެވޭ މާލީ އެހީތެރިން ދިނުމަށް އެކަށައެޅި އުޞޫލު https://gazette.gov.mv/gazette/7307 ވަނީ މީގެ ކުރިން ގެޒެޓް ކޮށްފައެވެ.
މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަމަށް އެދެވޭނެ މީޑިއާތަކާއި، އެހީއަށް އެދުމަށްޓަކައި ހުށަހަޅަން ޖެހޭނެ ލިޔެކިޔުންތަކާއި ތަފްޞީލުތައް ހިމަނާފައި ވާ އިރު، އެހީ ލިބޭ ފަރާތްތަކަށް ލިބޭ ޖުމްލަ މާކްސް ނުވަތަ ޕޮއިންޓް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ މީޑިއާއަކަށް ލިބޭ މާލީ އެހީގެ ތަފްޞީލާއި، އެހީ ލިބޭ މީޑިއާއަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ލިބިގެން ދާނެއެވެ. އަދި ޝަކުވާ ބަލައި ޖަވާބުދާރީ ވުމުގެ ހުރިހާ މަރުހަލާ އަކާއި އެހީއަށް އެދި ހުށަހަޅާ ފަރާތުން މުރާޖައާ ކުރަން އެދޭނަމަ އެ މަރުހަލާގެ ހުރިހާ މުއާމަލާތެއްވެސް ޕޯޓަލްގެ ތެރެއިން ކުރެވެން ހުންނާނެއެވެ.
މީގެ އިތުރުން އެހީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރިއަށް ދާގޮތްވެސް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން ހާމަ ކުރައްވައެވެ.