ސެން ޓީޗަރުން ތަމްރީނު ކުރުމަށް އައި.ޔޫ.އެމް އާއި ވިލާ ކޮލެޖުން ފުރުޞަތު ހުޅުވާލައިފި

މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން، އުނގެނުމުގައި ޚާއްޞައެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމަށް، އެޑިއުކޭޝަން މިނިސްޓްރީ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުންނާއި އިސްލާމިކް ޔުނިވަރސިޓީ އިން ފުރުޞަތު ހުޅުވާލައިފިއެވެ.

"ޑިޕްލޮމާ އިން ޓީޗިންގ - ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް" ގެ ނަމުގައި ފެށޭ މި ކޯހަކީ މުޅިން އަލަށް ކުރިޔަށް ދާ ކޯހަކަށް ވާތީ، ކޯސް ފެށުމުގެ ކުރިން 4 ވޯކްޝޮޕެއް ދަރިވަރުންނަށް ހިންގާނެ ކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ކުއްލިއްޔާގެ ޑީން ޑރ. ޢާއިޝަތު ޝީނާ ވިދާޅުވެފައިވެއެވެ. އަދި އިތުރަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝީނާ ވިދާޅުވީ ކޯސް ފަރުމާކޮށްފައި ވަނީ ނޭޝަނަލް ކަރިކިއުލަމަށް ފެތޭގޮތަށް ކަމަށާއި އޭގެއިތުރުން ޕްރެކްޓިކަމަކާ އެކު ފަށާ މި ކޯސް ރާއްޖޭގެ ފަސް ކެމްޕަހެއްގައި ކުރިޔަށް ދާނޭ ކަމަށެވެ.

ވިލާ ކޮލެޖުގެ ފަރާތުން، ފެކަލްޓީ އޮފް އެޑިޔުކޭޝަން ގެ އެސޯސިއޭޓް ޑީން ފާޠިމަތު ސަޢީދު، ކޯހާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ސެން ޓީޗަރުން ތައްޔާރުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި މިފަދަ ކޯހެއް މިނިސްޓްރީއާ ގުޅިގެން ހިންގަން ފުރުޞަތު ލިބުމަކީ ވިލާ ކޮލެޖުން ބަލައިގަންނަ ކަމެއް ކަމަށެވެ.

ވިލާ ކޮލެޖުން ހިންގާ ކޯހަކީ ޑިގްރީ ކޯހެއް ކަމަށާއި އެ ކޯހުގެ ފުރަތަމަ އަހަރަކީ ޑިޕްލޮމާ އަށް ކިޔަވާނޭ އަހަރު ކަމަށް މަޢުލޫމާތު ދެއްވަމުން ފާޠިމަތު ސަޢީދު ވިދާޅުވިއެވެ. ޑިޕްލޮމާ ނިންމުމަށް ފަހު، ޖެހިގެން އަންނަ އަހަރު ޑިގްރީ އަށް ކިޔެވުމުގެ ފުރުޞަތު ވެސް އޮންނާނޭ ކަމަށާއި ކޯސް ނިމުމުގެ ކުރިން ކޯހާ ގުޅޭގޮތުން އެހެން ޤައުމަކުން ތަމްރީނު ހޯދުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށާއި، އަދި ކޯސް ފަރުމާކޮށްފައި ވަނީ ނޭޝަނަލް ކަރިއުލަމަށް ފެތޭގޮތަށް ޕްރެކްޓިކަމް ވެސް ހިމަނައިގެން ކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.